ބީއެމްއެލްގެ މުވައްޒަފުން ކުރިއަރުވަން ސިންގަޕޯ މެނޭޖްމަންޓް ޔުނިވަސިޓީއާ އެކު ސޮއިކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ސިންގަޕޯ މެނޭޖްމަންޓް ޔުނިވަސިޓީ (އެސްއެމްޔޫ)އާ އެކު މުވައްޒަފުންގެ ލީޑަޝިޕް ތަރައްގީކުރުމާއި ޕްރޮފެޝަނަލް އެޑިއުކޭޝަން އަދި ގާބިލުކަން އިތުރުކުރުމަށްކުރެވޭ މަސައްކަތުގައި ދެ މުވައްސަސާގެ ދެމެދު ގުޅުން ބަދަހިކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ވީ ކިހިނެއް؟ - މި އެއްބަސްވުމުގެ ދަށުން، ބީއެމްއެލް އެކެޑަމީ އާއި އެސްއެމްޔޫގެ ޕްރޮފެޝަނަލް ތަމްރީނަށް ހާއްސަ އެސްއެމްޔޫ އެކެޑަމީއާ ދެމެދު މިހާރު ވެސް އޮތް ގުޅުން އިތުރަށް ފުޅާވެގެންދާނެ އެވެ.
ބީއެމްއެލް އެކެޑަމީއަކީ ބޭންކުގެ މުވައްޒަފުންގެ ތައުލީމީ އަދި ފަންނީ ކުރިއެރުމަށް ހާއްސަ ޕްރޮގްރާމްތަކެއް ހިންގުމަށް އުފައްދާފައިވާ ތަނެކެވެ.
ތަފްސީލް - މި ގުޅުމުގެ ދަށުން:
ބީއެމްއެލްގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ތައްޔާރުކުރެވޭ ތަމްރީނު ޕްރޮގްރާމްތައް ފަރުމާކުރުމާއި ހިންގުމުގައި އެސްއެމްޔޫން އެހީތެރިކަން ފޯރުކޮށްދޭނެ 
ހަމަޖެހިފައިވާ އުސޫލެއްގެ ދަށުން މައުލޫމާތާއި ހުނަރު ބަދަލުކުރުމުގެ ތެރެއިން ބޭންކުގެ މުވައްޒަފުންގެ ފަންނީ ގާބިލުކަން އިތުރުކުރެވޭނެ 
މީގެ ސަބަބުން، ފެންވަރު ރަނގަޅު ތަމްރީނު ފުރުސަތުތައް ފުޅާކުރުމަށާއި މެދުނުކެނޑި ފަންނީ ކުރިއެރުން ހޯދޭނެ މަގުތައް ފަހިކޮށްދިނުމަށް ބީއެމްއެލް އެކަޑަމީން ކުރާ މަސައްކަތްތައް އިތުރަށް ތަރައްގީވާނެ
ބުނީ ކީކޭ؟ - ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ މި ޕާޓްނަޝިޕުން ރަނގަޅު ލީޑަރުން ބިނާކުރުމަށާއި ބޭންކުގެ ހުރިހާ ދާއިރާއެއްގެ ފަންނީ ގާބިލުކަން އިތުރުކުރުމަށް ބީއެމްއެލް އިން ކުރަމުން އަންނަ މަސައްކަތް ހާމަވާ ކަމަށެވެ.
"ރާއްޖޭގެ އެންމެ ބޮޑު މާލީ އިދާރާގެ ހައިސިއްޔަތުން، އިގްތިސާދު ބައްޓަންކުރުމުގައި އަޅުގަނޑުމެން މުހިންމު ދައުރެއް އަދާކުރަން،" އޭނާ ވިދާޅުވި އެވެ.
"ބީއެމްއެލް އެކެޑަމީ މެދުވެރިކޮށް، އަޅުގަނޑުމެން މި ބިނާކުރަނީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ، ސްޓްރަކްޗާޑް ތައުލީމީ ޕްރޮގްރާމްތަކެއް. މިއާ އެކު އަޅުގަނޑުމެންގެ އިގްތިސާދުގެ ލީޑަރުންގެ ގޮތުގައި މުސްތަގުބަލުގައި ތިބޭނެ ފަރާތްތައް ބާރުވެރިކުރެވިގެން މި ދަނީ."
ވޭތުވެދިޔަ އަހަރު އެސްއެމްޔޫއާ އެކު ކުރިއަށްގެންދިޔަ މުހިންމު ހަރަކާތްތަކުގެ ތެރޭގައި:
ބީއެމްއެލްގެ 40 މުވައްޒަފަކު ލީޑަޝިޕް ޕްރޮގްރާމްތައް ކާމިޔާބުކަމާ އެކު ނިންމި
މީގެ ތެރެއިން އިސް 20 މުވައްޒަފަކު އެސްއެމްޔޫން ދޭ 'އެގްޒެކެޓިވް ސެޓިފިކެޓް އިން ލީޑަޝިޕް އެންޑް ޕީޕަލް މެނޭޖްމަންޓް' ހާސިލުކުރި 
އިތުރު 20 މުވައްޒަފަކު ވަނީ އެސްއެމްޔޫން ހިންގި ސެޓިފިކެޓް ޕްރޮގްރާމެއް ނިންމުމަށް ފަހު ބީއެމްއެލް އެކަޑަމީ މެދުވެރިކޮށް 'ސެޓިފިކެޓް އިން ލީޑަޝިޕް އެންޑް ޕީޕަލް މެނޭޖްމަންޓް' ހާސިލުކޮށްފައި 
ފާހަގަކޮށްލެވޭ - ބީއެމްއެލް އިން އަންނަނީ މުވައްޒަފުން ތަރައްގީކުރުމަށާއި މުޅި މުއައްސަސާގެ ގާބިލުކަން އިތުރުކުރުމަށް އިންވެސްޓްކުރަމުންނެވެ. މިއީ ބޭންކުން ގެންނަމުން އަންނަ ހެޔޮ ބަދަލުތަކަށާއި ފެންވަރު ރަނގަޅު ބޭންކިން ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތަށް ލިބޭ ބޮޑު އެހީތެރިކަމެކެވެ.
ބީއެމްއެލް އެކެޑަމީ މެދުވެރިކޮށް، ބޭންކުން އަންނަނީ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލެއްގެ ދަށުން ފަންނީ ތަރައްގީގެ ޕްރޮގްރާމްތައް ހިންގަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ