މަކުނުދޫގައި ބޭއްވި "ހިކިފަސް ޕްރޯ" ރޭސިން އިވެންޓަށް ބޮޑު ތަރުހީބެއް

ރޭސިންގ އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް ގެ އެންމެ ފޯރިގަދަ އެއް އިވެންޓު ކަމަށްވާ ހިކިފަސް ޕުރޯ ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މި އިވެންޓު މިއަހަރުވެސް ބާއްވާފައިވަނީ ހދ. މަކުނުދޫގައެވެ. މިއީ އެ ރަށުގައި މި އިވެންޓު ބޭއްވި ހަތަރުވަނަ ފަހަރެވެ. ދެ ދުވަހަށް ދެމިގެންދިޔަ މި އިވެންޓްގައި ޖުމްލަ 19 ރައިޑަރުން ބައިވެރިވިއެވެ. އޭގެ ތެރޭގައި އައްޑޫ ސިޓީ، ފުވައްމުލަކު ސިޓީ، ކުޅުދުއްފުށި ސިޓީ، މަކުނުދޫގެ އަދި ގްރޭޓާރ މާލެ ސަރަހައްދުންވެސް ރައިޑަރުން ބައިވެރިވިއެވެ. މިއަހަރުގެ ޗެމްޕިއަނަކަށް ހޮވުނީ ހަތަރު މިނެޓު 13.012 ސިކުންތުން ރޭސް ނިންމި ކުލަބު ޓީމު ސެވަންގެ އަޙްމަދު އަމީޒެވެ. މިއީ އޭނާ މި މުބާރާތް ކާމިޔާބުކުރި ތިންވަނަ ފަހަރެވެ. މީގެކުރިން 2022 އަދި 2023 ގެ ޗެމްޕިއަނަކީވެސް އޭނާއެވެ. ކެޕްޝަން.. ދެވަނަ ހޯދީ ހަތަރު މިނެޓު 41.518 ސިކުންތުން ރޭސް ނިންމި ކުލަބް ރޯޑް ވޯރިއާސްގެ ނައުފަލް އަބުދުލް ގާދިރެވެ. ތިންވަނައަށް ދިޔަ ނައުފަލްއާއި އެންމެ 152 ފަޅިސިކުންތު ތަފާތުކޮށް ނިންމީ އެކްސްޓުްރީމް އަންލީޝްޑްގެ އަހުމަދު ޝިފާޒެވެ. އޭނާގެ ވަގުތަކީ ހަތަރު މިނެޓު 41.670 ސިކުންތެވެ. ކެޕްޝަން.. ރޭސިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ރޭމް) ގެ ފަރާތުން ވަނީ މިއަހަރުވެސް މަކުނުދޫގެ ކުޑަ ކުދިންނަށް ތަފާތު ހަރަކާތެއް ގެނެސްދީފައެވެ. ރޭމްއިން ވަނީ މިފަހަރު މަޝްހޫރު ރޮބޯމޭންގެ ތަފާތު ހުނަރުތަކުން މުޅި މަކުނުދޫ ހެއްވާލާފައެވެ. ބޮޑު ތަރުހީބެއް ލިބުނު މި ޝޯބަލަށް ނުދެވުނު، ރަށުގައި ތިބި ހާއްސައެހީއަށް ބޭނުންވާ ކުދިންނާއި ވަކިވަކިން ގޭގެއަށް ގޮސް ބައްދަލުކޮށް ހިނިތުންވުން ގެނެސްދީފައިވާ ކަމަށް ރޭމްއިން މައުލޫމާތުދެއެވެ. މީގެއިތުރުން ރޭމްގެ ޕާޓްނަރެއް ކަމަށްވާ ކުޑަކުދިންގެ ކުޅޭ އެއްޗެހި ވިއްކާ ފިހާރަ "ކޮކީ" އިން ވަނީ ބެޓެރީ ދެ ކާރު އަދި ދެ ސައިކަލު ހދ. މަކުނުދޫ ފުލުސް އޮފީހަށް ކުޑަކުދިންގެ ހަވީރުތަކުގައި ބޭނުންކުރަން ހަދިޔާކޮށްފައެވެ. ކެޕްޝަން.. ރޭސިން އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސްގެ ރައީސް މުހައްމަދު ޝާމިޙް (ޝާމް) ވިދާާޅުވީ މިއީ ވަރަށް ހިތްހަމަޖެހުނު މުބާރާތެއް ކަމަށެވެ. އަދި ހަތަރު ފަހަރެއްގެ މަތިން މުބާރާތް ބޭއްވިއިރު، ރައިޑަރުން ކުރިއަރާފައިވާ މިންވަރު ފެނިގެންދިޔަ ކަމަށެވެ. "ރައިޑަރުން މި އޮފުރޯޑު ރޭހަށް ތައްޔާރުވެފައިވާ މިންވަރު ދުއްވި ސައިކަލްތަކުން ފެނިގެންދިޔަ، މިކަހަލަ އިވެންޓްތަކުގައި ބޭނުންކުރާ ކަހަލަ ސައިކަލް ގިނަވުމުން އިނގޭ ކަމަކީ ރައިޑަރުން މިއިވެންޓަށް ވަރަށް ލުކްފޯވަޑް ކުރާކަން. ނިމިގެން މިދިޔައީ އަސްލު މިދިޔަ އަހަރުގެ އެޑިޝަން، މިއަހަރު އިތުރު ހިކިފަސްޕުރޯއެއް ބާއްވަން ވިސްނަމުން އެބަދަން" ޝާމް ވިދާޅުވިއެވެ. މީގެއިތުރުން ޝާމް ވަނީ ސަރުކާރުގެ ކިބައިން ރޭސިންއަށް އެއްބާރުލުންދެއްވުމަށް އެދިވަޑައިގެންފައެވެ. ކެޕްޝަން.. "އުންމީދަކީ މިކަހަލަ ގިނަ މުބާރާތްތައް ބޭއްވޭނެ ފުރުސަތުތައް ސަރުކާރުން މާލެ ސަރަހައްދުގައި ބާއްވަން ހުއްދަދެއްވާ މޮޓޯ ސްޕޯޓްސް ރާއްޖޭގައި ދަމަހައްޓައި ކުރިއަރުވާ އާންމުން ބޭނުންކުރާ މަގުތަކަކީ ރައްކާތެރި ތަނަކަށްވުން" ޝާމް ވިދާޅުވިއެވެ. މަކުނުދޫގައި މި އިވެންޓު ކާމިޔާބުކަމާއެކު މިއަހަރު ބޭއްވީ މަކުނުދޫ ރޭސިންގ ކުލަބު، މަކުނުދޫ ޕޮލިސް، ކައުންސިލްގެ އިތުރުން ރަށުގެ ރައްޔިތުންގެ ބޮޑު އެއްބާރުލުމާއެކު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ