ދެކުނު އޭޝިއާގެ ބޮޑީބިލްޑިން މުބާރާތަށް ރާއްޖެއިން ވަރުގަދަ ޓީމެއް

ބޫޓާނުގައި ބާއްވާ 16 ވަނަ ސައުތު އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ޗެމްޕިއަންޝިޕުގައި ވާދަކުރުމަށް ރާއްޖެއިން ވަރުގަދަ ޓީމެއްް އެކުލަވާލައިފިއެވެ. މުބާރާތުގައި ވާދަކުރާ ގައުމީ ޓީމުގައި ހިމެނެނީ އެތުލީޓުންގެ ތެރޭގައި ޖެހިޖެހިގެން ހަތަރު ފަހަރު ވޯލްޑް ޗެމްޕިއަންޝިޕުން ރަން މެޑަލް ހޯދުމުގެ އިތުރުން އެންމެ ފަހުން ބޭއްވި މިސްޓަ މޯލްޑިވްސްގެ ލަގަބު ހޯދި އަޒްނީން ރަޝާދު ހިމެނެއެވެ. ދެން މި ޓީމުގައި ހިމެނެނީ އެންމެފަހުން ބޭއްވި ގައުމީ ބޮޑީބިލްޑިން މުބާރާތުގެ އެތުލެޓިކް ފިޒީކް ކެޓަގަރީގެ އެއްވަނަ ހޯދި އަލީ މަބްރޫކް ލަތީފް އާއި އިނާޒް ޔޫސުފުގެ އިތުރުން އިބްރާހީމް ސިވހު އާއި އަޙްމަދު ނައީމެވެ. ޓީމުގެ އޮފިޝަލުންގެ ގޮތުގައި ޓީމާއެކު ދަތުރުކުރާނީ ރާއްޖޭގެ އެންމެ ކާމިޔާބު ބޮޑީބިލްޑިން ކޯޗިން ޓީމުގެ އަބްދުލް ހަސީބާއި މުޙައްމަދު ނަޒީހެވެ. މުބާރާތް ކުރިއަށްދާނީ 30 ޖޫންއިން 4 ޖުލައިގެ ނިޔަލަށެވެ. ރާއްޖޭގެ އިތުރުން ސަރަހައްދުގެ އެހެން ގައުމުތައް ކަމަށްވާ އަފްޢާނިސްތާން، ބަންގްލަދޭޝް، އިންޑިއާ، ނޭޕާލް، ޕާކިސްތާން، ސްރީ ލަންކާގެ އިތުރުން މުބާރާތް ބާއްވާ ބޫޓާން ހިމެނެއެވެ. ރާއްޖޭގެ ބޮޑީބިލްޑިން ޓީމަކީ މިދިޔަ އަހަރު ބޭއްވި ވޯލްޑް ޗެމްޕިއަންޝިޕްގައި ރަން މެޑަލް ހޯދި އެތުލީޓުންވެސް ހިމެނޭ ޓީމެއް ކަމަށްވާއިރު ސައުތު އޭޝިއާ މުބާރާތުން ރަނގަޅު ކާމިޔާބީއެއް ހޯދުމަށް ޓީމުން އަންނަނީ މަސައްކަތް ކުރަމުންނެވެ. މި މުބާރާތަށް ޓީމު އެކުލަވާލީ 30 ޖެނުއަރީގައި އެސްޓްރީމް ފިޓްނެސް ޖިމްގައި ބޭއްވި ސިލެކްޝަނެއްގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ