ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ މަގާމަށް މީހަކު ހޯދަނީ
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ މަގާމަށް މީހަކު ހޯދުމަށް ސިވިލް ސާވިސް ކޮމިޝަނުން މިއަދު އިއުލާނު ކޮށްފިއެވެ. އާއްމު ސިއްހަތާ ގުޅޭ ކަންކަމުގައި ގޮތް ނިންމާ އެންމެ އިސް އެއް މަގާމު ކަމަށްވާ, ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތްގެ މަގާމަށް މީހަކު ހޯދަން އިއުލާނުކުރީ، އެ މަގާމުގައި ހުންނެވި މައިމޫނާ އަބޫބަކުރު މިދިޔަ ޖަނަވަރީ އަށެއްގައި ރިޓަޔާކުރެއްވުމާ ގުޅިގެންނެވެ. https://sun.mv/216439 ކޮވިޑުގެ ބަލިމަޑުގެ ކަމުގެ ތެރޭގައި ތަފާތު ލީޑަޝިޕެއް ދެއްކެވި، މައިމޫނާ ރިޓަޔާކުރެއްވީ އުސޫލުތަކާ އެއްގޮތަށް އަމިއްލަ ސަބަބަކަށްޓަކައެވެ. އެހެންވެ، އެ މަގާމު ހުސްވެފައި ވަނިކޮށް މިއަދު ސިވިލް ސާވިސް ކޮމިޝަނުން ވަނީ، ޑިރެކްޓާ ޖެނެރަލެއް ހޯދަން އިއުލާނުކޮށްފައެވެ. އެ މަގާމަށް ބޭފުޅަކު ނަގަނީ، ދާއިމީ ކޮށް، ރޭންކު ދިހައެއްގައެވެ. އެ މަގާމުގެ އަސާސީ މަހު މުސާރައަށް 21،844 ރުފިޔާ ލިބޭއިރު، އެލަވަންސްތައް ވެސް ލިބެއެވެ. މިގޮތުން، މަހަކަށް 12،534 ރުފިޔާ މަގާމުގެ އެލަވަންސާއި ހާޒިރުވާ ދުވަހަކަށް 339 ރުފިޔާއާއި ސިވިލް ސާވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތާއި ޕެންޝަނާ ބެހޭ ގާނޫނުގެ ދަށުން ލިބޭ ޕެންޝަން ކޮންޓްރިބިއުޝަން ލިބެއެވެ. އެ މަގާމަށް ހޮވޭ ބޭފުޅަކު މަސައްކަތް ކުރަން ޖެހޭނީ، ހެލްތު ސާވިސަސްއާއި ހެލްތު ޕޮލިސީގައެވެ. އޭގެއިތުރަށް، މަގާމަށް ބޭފުޅަކު ހޮވުމުގައި ބަލާ ކަންކަމުގެ ތެރޭގައި އަސާސީ ޝަރުތުތައް ހަމަވުމާއި އަސާސީ ޝަރުތަށް ވުރެ އިތުރަށް ލިބިފައިވާ ތައުލީމާއި ތަޖުރިބާއާއި ޕްރިފާޑް ޑިސިޕްލިން ސެޓުފިކެޓާއި އިމްތިހާނާއި ޕެރެޒެންޓޭޝަނާއި އިންޓަވިއު ހިމެނެއެވެ. އެ މަގާމަށް ކުރިމަތިލާން އެދި، ހުށަހެޅޭނީ، އަންނަ ހަފުތާގެ ބުދަ ދުވަހުގެ 14:00ގެ ކުރިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ