ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަންނީ ހުނަރު ޕްރޮގްރާމެއް

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހުނަރުތައް ތަރައްޤީކޮށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށްޓަކައި ސޯޝަލް އެންޑް ފެމެލީ ޑިވޮލޮޕްމެންޓް މިނިސްޓްރީއާއި މޯލްޑިވްސް ޕޮލިޓެކްނިކް ގުޅިގެން ހާއްސަ ތަމްރީނު ޕްރޮގްރާމްތަކެއް ފަށައިފިއެވެ.
މިނިސްޓްރީއިން ބުނީ މި ތަމްރީނުތަކަކީ ފޮޓޯގްރަފީ އަދި އާޓް ސްކިލްސްގެ ސެޓްފިކެޓް ލެވެލް ތިނެއްގެ ކޯސްތަކެއް ކަމަށެވެ. މިތަމްރީންތަކުގައި ޖުމުލަ 22 މީހުން ބައިވެރިވެއެވެ.
މި ކޯސްތަކުގައި ކިޔަވައިދިނުމާއި ދަރިވަރުންގެ ފެންވަރު ވަޒަންކުރުމުގެ އެންމެހައި ކަންކަން ބައްޓަންކޮށްފައިވަނީ ބައިވެރިންގެ ހާއްސަ ބޭނުންތަކަށް ރިޢާޔަތްކޮށް، އެފަރާތްތަކަށް އެންމެ ފަސޭހަވާނެފަދަ އިންތިޒާމުތަކަކާ އެކުގައި ކަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ.
މި ޕްރޮގްރާމްގެ ދަށުން ކުރިއަށްދާ ފޮޓޯގްރަފީ ކުލާސްތަކުގައި، ކެމެރާއާއި ފޮޓޯގްރަފީގެ ސާމާނު ބޭނުންކުރާނެ ގޮތުގެ އަމަލީ ތަމްރީނާއި، ފޮޓޯ އެޑިޓްކުރުމުގެ ހުނަރުތައް ބައިވެރިންނަށް ދަސްކޮށްދޭނެއެވެ. އާޓް ސްކިލްސް ކޯހުގެ ބައިވެރިންނަށް ކުރެހުމުގެ ފަންނާއި، ތަފާތު ވަސީލަތްތައް ބޭނުންކޮށްގެން އުފެއްދުންތެރި މަސައްކަތްތައް ކުރުމުގެ ތަމްރީނު ދޭނެއެވެ.
މި ތަމްރީނުތަކުގެ މައިގަނޑު އަމާޒަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އުފެއްދުންތެރިކަން އިތުރުކޮށް، ފަންނީ ހުނަރުވެރިކަން ތަރައްގީކުރުންކަމަށް ވުޒާރާއިން ވިދާޅުވެއެވެ.
ހަ މަސްދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ޕްރޮގްރާމް ފުރިހަމަކުރާ ފަރާތްތަކަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އެމްކިއުއޭއިން ގަބޫލުކުރާ ލެވެލް ތިނެއްގެ ސެޓިފިކެޓެއް ލިބިގެންދާނެ މިނިސްޓްރީއިން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ