އިންސާނުން މަރުވުމަކީ ހައްލު ކުރެވިދާނެ މައްސަލައެއް: އީލޮން މަސްކް

އިންސާނުން މާސް އަށް ފޮނުވުމުގެ އުންމީދީ މަސައްކަތްތަކެއް ކުރަމުން އަންނަ މަޝްހޫރު މަހުޖަނު އީލޮން މަސްކް، އިންސާނުން މަރުވުމަކީ ހައްލު ކުރެވިދާނެ މައްސަލައެއް ކަމަށް ބުނެފިއެވެ. ޓެސްލާ އަދި ސްޕޭސް އެކްސްގެ ސީއީއޯ މަސްކް މިހެން ބުނީ ދާދި ފަހުން އޭނާ ބައިވެރިވި "މޫންޝޮޓް" ޕޮޑްކާސްޓުގައި ވާހަކަ ދައްކަމުންނެވެ. އޭނާ ބުނި ގޮތުގައި އިންސާނުންގެ އުމުރު ދިގުކުރުމަކީ ނުވަތަ "ސެމީ އިމޯޓަލިޓީ" (މަރުނުވެ ގިނަ ދުވަހު ދިރިހުރުން) އަކީ އިލްމީ ގޮތުން ހާސިލްކުރެވިދާނެ، ހަގީގީ ލަނޑުދަނޑިއެކެވެ. މަސްކް ބުނި ގޮތުގައި އުމުރު ދިގުކުރުމަކީ އޭނާ ދެކޭ ގޮތުގައި އެހާ އުނދަގޫ ކަމެއް ނޫނެވެ. އޭނާ ގަބޫލުކުރާ ގޮތުގައި އިންސާނާ މުސްކުޅިވުމުގެ މަރުހަލާއަކީ އެކަށީގެންވާ ބަޔޮލޮޖިކަލް ވަސީލަތްތަކެއް ބޭނުންކޮށްގެން ބަދަލު ކުރެވިދާނެ ކަމެކެވެ. އިންސާނާގެ ހަށިގަނޑު މަސައްކަތް ކުރަނީ ވަކި "އޭޖިންގް ޕްރޮގްރާމެއްގެ" ދަށުން ކަމަށާއި، އެ ޕްރޮގްރާމަށް ބަދަލު ގެނެވިދާނެ ކަމަށް މަސްކް ވަނީ ދައުވާކޮށްފައެވެ. އޭނާ ފާހަގަކުރި ގޮތުގައި ހަށިގަނޑުގެ ހުރިހާ ގުނަވަނެއް އެއްވަރަކަށް މުސްކުޅިވަނީ ހަށިގަނޑުގައި ހުންނަ ވަރަށް ސާފު "ކްލޮކެއްގެ" ނުވަތަ ޕްރޮގްރާމެއްގެ ސަބަބުންނެވެ. މަސްކް މިސާލު ޖައްސަމުން ބުނީ އެއްވެސް މީހެއްގެ ވާތް ފަރާތު އަތް މުސްކުޅިވެފައި، ކަނާތް ފަރާތު އަތް ޒުވާންކޮށް ނުހުންނަ ކަމަށެވެ. މިއީ ހަށިގަނޑުގެ ހުރިހާ ގުނަވަނެއް އެއްވަރަކަށް މުސްކުޅިވުމަށް ބާރުއަޅާ ޕްރޮގްރާމެއް އިންސާނާގެ ހަށިގަނޑުގައި އޮންނަކަމުގެ ހެއްކެއް ކަމަށް އޭނާ ބުންޏެވެ. އޭނާގެ ވާހަކަ ނިންމާލަމުން ބުނީ، އިންސާނާގެ ހަށިގަނޑަކީ ކުރިން ރޭވިފައިވާ (ޕްރީ-ޕްރޮގްރާމްޑް) ގޮތަކަށް މަރުވާ އެއްޗެއް ކަމަށެވެ. އެހެންކަމުން އެ ޕްރޮގްރާމަށް ބަދަލު ގެނެސްފިނަމަ އިންސާނުންނަށް މާ ގިނަ ދުވަހު ދިރިތިބެވޭނެ ކަމަށް މަސްކް ގަބޫލުކުރެއެވެ. މަސްކްގެ މި ޚިޔާލުތަކާ އެއްގޮތަށް، ޓެކްނޮލޮޖީ ދާއިރާގެ އިތުރު ބައެއް އިސް ފަރާތްތަކުން ވެސް ދަނީ އިންސާނުންގެ އުމުރު ދިގުކުރުމަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރަމުންނެވެ. އޭގެ ތެރޭގައި އޯޕަން އޭއައި ގެ ސީއީއޯ ސޭމް އޯލްޓްމަން ހިމެނެއެވެ. ސޭމް އޯލްޓްމަން ވަނީ އިންސާނާގެ ދުޅަހެޔޮ އުމުރު 10 އަހަރަށްވުރެ އިތުރުކުރުމުގެ މަގްސަދުގައި މަސައްކަތްކުރާ "ރެޓްރޯ ބަޔޯސައިންސަސް" ކުންފުންޏަށް 180 މިލިއަން ޑޮލަރު އިންވެސްޓްކޮށްފައެވެ. ހަމައެހެންމެ، ޓެކް މިލިއަނަރު ބްރަޔަން ޖޯންސަން އަކީ އޭނާގެ ބަޔޮލޮޖިކަލް އުމުރު ދަށްކުރުމަށް ޓަކައި އަހަރަކު އެތައް މިލިއަން ޑޮލަރެއް ޚަރަދުކުރަމުންދާ ފަރާތެކެވެ. އޭނާ ވަނީ އޭނާގެ ހަށިގަނޑުގެ ބައެއް ގުނަވަންތައް ބަޔޮލޮޖިކަލް ގޮތުން ޒުވާންވަމުންދާކަމުގެ ނަތީޖާތައް "ބްލޫޕްރިންޓް" މަޝްރޫޢުގެ ދަށުން އާންމުކޮށްފައެވެ. އީލޮން މަސްކާއި ދުނިޔޭގެ ބޮޑެތި މަހުޖަނުން އިންސާނާގެ އުމުރު ދިގުކުރުމަށާއި މަރުވުމުން ސަލާމަތްވުމަށް ބިލިއަނުން ޚަރަދުކުރަމުން ދިޔަ ނަމަވެސް، މިއީ އިސްލާމީ އަގީދާއާ މުޅިން ޚިލާފު އަދި އިންސާނުންނަށް ދުވަހަކުވެސް ކާމިޔާބު ކުރެވޭނެ ކަމެއް ނޫނެވެ. ކީރިތި ޤުރުއާނުގައި މާތްﷲ ވަނީ މަރުވުމަކީ ކޮންމެ އިންސާނަކަށްމެ ކަނޑައެޅިގެންވާ މުތުލަގު ހަގީގަތެއްކަން ވަރަށް ސަރީހަ ބަހުން ބަޔާންކުރައްވާފައެވެ. ސޫރަތުލް އަންބިޔާގެ 35 ވަނަ އާޔަތުގައި މާތްﷲ ވަހީކުރައްވާފައިވެއެވެ. كُلُّ نَفْسٍ ذَائِقَةُ الْمَوْتِ މާނައީ: "ކޮންމެ ނަފްސަކީވެސް މަރުގެ ރަހަ ލިބިގަންނާނެ އެއްޗެކެވެ." އެހެންކަމުން، ސައިންސާއި ޓެކްނޮލޮޖީގެ ގޮތުން އިންސާނާ ކިތަންމެ ބޮޑު ކުރިއެރުމެއް ހޯދައި، ހަށިގަނޑުގެ "ޕްރޮގްރާމް" ބަދަލުކުރަން އުޅުނު ކަމުގައިވިޔަސް، މާތްﷲ ކަނޑައަޅުއްވާފައިވާ އަޖަލު ހަމަވުމުން އެކަން ހުއްޓުވުމަކީ އެއްވެސް މަހުޖަނަކަށް ނުވަތަ ސައިންސްވެރިއަކަށް ކުރެވޭނެ ކަމެއް ނޫންކަން ކަށަވަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ