ކާށިދޫއާ ދިއްފުށީގެ އިތުރުން ގެމަނަފުއްޓާއި ވިލިނގިލި އަތޮޅު ސެމީއަށް

ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖު 2026 ގެ ކ. އަތޮޅު ސެމީ ފައިނަލުގެ ފަހު ޖާގަތައް ދިއްފުއްޓާއި ކާށިދޫން ހޯދިއިރު، ގއ. އަތޮޅުން ސެމީގެ ފަހު ޖާގަތައް ގެމަނަފުއްޓާއި ވިލިނގިލިން ކަށަވަރުކޮށްފިއެވެ. އެންމެފަހުގެ ޗެމްޕިއަން ކާށިދޫން އަތޮޅު ސެމީ ފައިނަލުގެ ޖާގައެއް ހޯދީ ގްރޫޕް ބީގައި ރޭ 3-0 އިން ކ.ގުޅި ބަލިކޮށްގެންނެވެ. މީގެއިތުރުން ގޯލްޑަންގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ދިއްފުށި ސެމީން ފުރުސަތު ހޯދީ ރޭ 5-6 ގެ ނަތީޖާއަކުން ކ. ގުރައިދޫ ބަލިކޮށްގެންނެވެ. މި ނަތީޖާއާއެކު ސެމީ ފައިނަލުން ދިއްފުށި ޖާގަ ހޯދީ ޖުމްލަ ހަތް ޕޮއިންޓާއެކު ގްރޫޕުގެ އެއްވަނަ ހޯދައިގެންނެވެ. މި ގްރޫޕުގެ ދެވަނަ ޓީމަކަށް ކާށިދޫއަށް ލިބުނީ ފަސް ޕޮއިންޓެވެ. މެޗުގައި ދިއްފުށީގެ ކެޕްޓަން ޒައިން ޒަފަރާއި އަހުމަދު މާޒިން ވަނ ކޮންމެ ކުޅުންތެރިއަކު ދެ ގޯލު ޖަހާފައެވެ. ދެން ގޯލު ޖެހީ އިބްރާހިމް ޝިނާޒެވެ. ދެން ފެނުނީ ގުރައިދޫގެ މުހައްމަދު މުސްއަފް އިބްރާހިމް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މީގެއިތުރުން ދިއްފުށީގެ ކީޕަރު އިބްރާހިމް މުއިއްޒު އަތުންވެސް ބައިކޮޅަށް ލަނޑެއް ވަދެފައިވާއިރު، ގުރައިދޫގެ އަނެއް ލަނޑުތައް ޖެހީ، މުހައްމަދު އަހުޒަމް އަހުމަދު ވަދީއު، މުހައްމަދު ޝަޔާން ޝިފާއު، މުހައްމަދު މާހިލް އަރީފް އަދި އާލިމް އަބްދުލް ގައްޔޫމެވެ. މެޗުން ކާށިދޫ މޮޅުވީ އަހުމަދު މަޖީދު ދެ ގޯލާއި އަޖުލާން އަބްދުލް ހަންނާން ގޯލުންނެވެ. ގއ. އަތޮޅުން މިފަހަރު ހަތް ޓީމާއެކު ކުރިއަށްދާ މުބާރާތުގައި ގެމަނަފުއްޓާއި ވިލިނގިލިން އަތޮޅު ސެމީގެ ޖާގަ ކަށަވަރުކުރިއިރު، ރޭ ނިމުނު ގްރޫޕުގެ މެޗުތަކާއެކު، މީގެކުރިންވެސް ކަނޑުހުޅުދޫ ވަނީ ސެމީ ކަށަވަރުކޮށްފައެވެ. އެއާއެކު ގްރޫޕުގެ އެއްވަނަ ކަނޑުހުޅުދޫއަށް ލިބެނީ ތިން މެޗުން ހަތް ޕޮއިންޓާއެކު އެވެ. ދެވަނަ ގެމަނަފުއްޓަށް ލިބެނީ ތިން މެޗުން ފަސް ޕޮއިންޓާއެކު އެވެ. ރޭ ކުޅުނު މެޗުތަކުގެ ތެރެއިން ދާންދޫ ވަނީ 7-6 އިން ކޮލަމާފުށި ބަލިކޮށްފައެވެ. ނަމަވެސް ގެމަނަފުށި ސެމީން ފުރުސަތު ލިބުނީ ކަނޑުހުޅުދޫއާ 3-3 އިން އެއްވަރުކުރުމުންނެވެ. ސެމީފައިނަލަށް ވިލިނގިލި ދަތުރުކުރީ ނިލަންދޫއާ 0-0 އިން އެއްވަރުކޮށްގެންނެވެ. ފައިދާ ގޯލުގެ ފަރަގުން ވިލިނގިއްޔަށް ކުރި ލިބިގެން އޮތީ ދެވަނައިގައެވެ. ދެ މެޗުން ލިބުނު ޕޮއިންޓާއެކު ދެ ޓީމުވެސް އޮތްއިރު، ތިންވަނައިގައި އޮތީ ނިލަންދޫއެވެ. ފަސް ޓީމު ވާދަކުރާ މ. އަތޮޅުގައި ރޭ ކޮޅުފުށި އަތުން 4-2 އިން ނާލާފުށި މޮޅުވިއިރު، މުލައްގެ މައްޗަށް މަޑުއްވަރީން ވަނީ 2-0 އިން ކުރިހޯދާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ