މަޖިލީހުގެ ޖަލްސާއެއް ނުބާއްވާތާ ހަފްތާއެއް؛ މެންބަރުން ކެމްޕެއިންގައި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ނުބާއްވާތާ ހަފްތާއަކަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.
ވީ ކިހިނެއް؟ - މަޖިލީހުން އެންމެ ފަހުން ޖަލްސާއެއް ބާއްވާފައި ވަނީ މިދިޔަ ހަފްތާގެ އަންގާރަ ދުވަހު އެވެ. އެއީ ރޯދައިގެ ކުރިން މިދިޔަ ހަފްތާގައި ބޭއްވި ހަމައެކަނި ޖަލްސާ އެވެ. އޭގެ ފަހުން އަދި ޖަލްސާއެއް ނުބާއްވަ އެވެ.
ތަފްސީލު - ޖަލްސާތައް ގަވައިދުން ނުބާއްވާތީ، އެކަމާ ގުޅިގެން މަޖިލީހުގެ ބަހެއް ހޯދުމަށް 'ދައުރު'ން މަސައްކަތް ކުރި ނަމަވެސް އެ އިދާރާގެ ބަހެއް އަދި ނުލިބެ އެވެ.
މިކަމާ ގުޅިގެން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ އެ މަނިކުފާނުގެ ބަހެއް ވެސް ނުލިބެ އެވެ.
އެމްޑީޕީއަށް ނިސްބަތްވާ މަޖިލިސް މެންބަރުން ވިދާޅުވި ގޮތުގައި، ޖަލްސާތައް ނުބާއްވަނީ ކުރިއަށް އޮތް ކައުންސިލް އިންތިހާބަށް ޕީއެންސީގެ މެންބަރުން ކެމްޕެއިންގައި ބުރަކޮށް އުޅުއްވާތީ އެވެ.
"ބައެއް މެންބަރުން ތިބީ ރަަށްރަށުގައި ކެމްޕެއިންގައި. ދެން ކިހިނެއް ޖަލްސާއެއް ބާއްވަނީ؟،" މަޖިލިސް މެންބަރަކު ވިދާޅުވި އެވެ.
ފާހަގަކޮށްލެވޭ - ދެ މަސްދުވަހުގެ ޗުއްޓީއަކަށް ފަހު މި އަހަރަށް މަޖިލިސް ހުޅުވީ މި މަހު 5 ވަނަ ދުވަހު އެވެ. މި މަހުގެ މިދިޔަ 25 ދުވަސް ތެރޭ މަޖިލީހުން ބާއްވާފައި ވަނީ ރިޔާސީ ބަޔާން އިއްވި ޖަލްސާއާ އެކު ފަސް ޖަލްސާ އެވެ.
މަޖިލީހުގެ ގަވައިދުގައިވާ ގޮތުން ކޮންމެ ހަފްތާއަކު މަދުވެގެން ތިން ދުވަހު ޖަލްސާ ބާއްވަން ވާނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ