އަބްދުﷲ ހަމީދުގެ ހަށިކޮޅު ރާއްޖެ ގެނެސް ރަސްމީ އިއްޒަތުގައި ފަސްދާނުލަނީ

އިންޑިއާގެ ބެނަގްލޫރުގައި ފަރުވާދެމުން ދެނިކޮށް މިއަދު އަވަހާރަވި، ކުރީގެ މިނިސްޓަރު އަބްދުﷲ ހަމީދުގެ ހަށިކޮޅު މާލެ ގެނެސް ރަސްމީ އިއްޒަތުގައި ފަސްތާނުލުމަށް ސަރުކާރުން ނިންމައިވައިފި އެވެ. 
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އެއްބައްޑު އެއްބަފާ ކޮއްކޯފުޅު އަދި ރައީސް އަބްދުﷲ ޔާމީންގެ އެއްބަފާ ބޭބެ އަބްދުﷲ ހަމީދު އަވަހާރަވުމާ ގުޅިގެން ރައީސް އޮފީހުން މިރޭ ނެރުއްވި ބަޔާނެއްގައި ބުނީ، ހަށިކޮޅު ރާއްޖެ ގެނެސް ރަސްމީ އިއްޒަތުގައި ފަސްތާނު ލުމުގެ އިތުރަށް ތިން ދުވަސް ވަންދެން ގައުމީ ދިދަ ބައިދަޑިއަށް ތިރި ކުރަން ރައީސް މިހާރު ނިންމަވާފައިވާ ކަމަށެވެ. 
އަބްދުﷲ ހަމީދަށް އެކި ބޭފުޅުން މިހާރު ގެންދަވަނީ ތައުޒިޔާ ވިދާޅުވަމުންނެވެ. އެފަދަ ބޭފުޅުން އަބްދުﷲ ހަމީދު ސިފަ ކުރެއްވީ އެއީ އަގު ނުކުރެވޭނެ ހިދުމަތްތަކެއް ގައުމަށް ކޮށްދެއްވި ބޭފުޅެއްގެ ގޮތުގަ އެވެ. އަދި ގައުމަށް ގެއްލިގެން ދިޔަ މުހިންމު ޝަހުސިއްޔަތެއް ކަމަށް ވެސް ތައުޒިޔާގެ މެސެޖްތަކުގައިވެ އެވެ. 
ދައުލަތުން އަރުވާ އެންމެ މަތީ ޝަރަފު ނިޝާން އިއްޒުއްދީންގެ ލަގަބު ލިބިވަޑައިގެންފައިވާ އަބްދުﷲ ހަމީދު އަވަހާރަވީ ހާޓް އެޓޭކަކަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދު ބެންގަލޫރުގަ އެވެ. އެމަނިކުފާނު ބެންގަލޫރަށް ގެންދެވުނީ ވެސް ސްޓްރޯލެއް ޖެހިވަޑައިގެން، އޭޑީއޭގައި ފަރުވާ ހޯއްދެވުމަށް ފަހު ކޮންމެވެސް ވަރަކަށް ހާލު ރަނގަޅުވުމުންނެވެ. 
އަބްދުﷲ ހަމީދު ވަނީ އެޓޯލްސް މިނިސްޓަރުކަމާއި އެޑިއުކޭޝަން މިނިސްޓަރުކަން އަދި މަޖިލީހުގެ ރައީސްކަން ވެސް ގިަ ދުވަސްތަކެއް ވަންދެން ފުރުއްވައިފަ އެވެ. 
މައުމޫންގެ ވެރިކަން 2008 ވަނަ އަހަރު ބަދަލުވުމާ އެކު ސްރީލަންކާގައި ދިރިއުޅުއްވަމުން ގެންދެވުމަށް ފަހު 2013 އޮގަސްޓްގައި އެނބުރި ވަނީ ރާއްޖެ ވަޑައިގެންފަ އެވެ. އެހެން ނަމަވެސް އަނބިކަބަލުން އަވަހާރަވުމަށް ފަހު އުޅުއްވީ ވަރަށް ބަލިކޮށެވެ. 
ހަމީދުގެ ހަތަރު އަންހެން ބޭފުޅަކާއި ހަ ފިރިހެން ބޭފުޅަކު އަދި ކާފަ ވިދާޅުވާ 23 ބޭފުޅަކު ވެސް އެަ ތިއްބެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ