"ޒުވާން ޓީމުގެ ފަރާތުން ތަފާތު ކުޅުމެއް ފެންނާނެކަމަށް އުއްމީދުކުރަން"

ހޯމަދުވަހު ރާއްޖޭގައި ފަށާ 20 އަހަރުންދަށުގެ ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރާ ރާއްޖޭގެ ޒުވާން ގައުމީ ޓީމުގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެންނާނެކަމަށް ގަބޫލުކުރާކަމަށާއި އުންމީދަކީ މުބާރާތުގެ ތަށި ރާއްޖޭގެ ފަސްގަނޑުގައި ބެހެއްޓުމުގެ ޝަރަފު ލިބުންކަމަށް ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަކްރަމް ޢަބްދުލްޣަނީ ބުނެފިއެވެ.
ޕީއެސްއެމް ނިއުސްއަށް ދިން އިންޓަވިއުއެއްގައި އަކްރަމް ބުނެފަވަނީ މުބާރާތަށް ވަގުތު ކުޑަތަންވަމުން އަންނައިރު މުޅި ފުޓުބޯޅަ އާއިލާއާއި ފުޓުބޯޅައަށް ލޯބިކުރާ އެންމެހާ ފަރާތްތަކުން ތިބީ ޒުވާން ގައުމީ ޓީމާއި އެކުކަމަށެވެ.
ރާއްޖޭގެ ޒުވާން ޓީމަކީ އުންމީދީ ޓީމެއްކަން ފާހަގަކުރަމުން އަކްރަމް ބުނީ ދިވެހި ޓީމަކީ މޮޅެތި ކުޅުންތެރިންތަކެއް ނިސްބަތްވާ ހުނަރުވެރި ޓީމެއްކަމަށެވެ. އަދި އެއީ މިމުބާރާތުގެ ތަށި ހިއްލާލުމުގެ ކުޅަދާނަކަން ލިބިފައިވާ އުންމީދީ ޓީމެއްކަމަށް އޭނާ ބުނެފައިވެއެވެ.
"އަޅުގަނޑުގެ އުންމީދަކީ އަބަދުވެސް ތަށި ރާއްޖެ ތަށި ކާމިޔާބުކޮށްގެން މި ބިމުގައި ތަށި ބެހެއްޓުން. އުންމީދަކީ ވަރަށް ރަނގަޅު މުބާރާތެއް ކުޅެ ޒުވާން ޓީމުން ތަށި ކާމިޔާބުކުރުން" އަކްރަމް ބުނެފަވެއެވެ.
ޒުވާން ޓީމު މުބާރާތަށް ކޭމްޕުކުރުމަށް ތައްޔާރުވަމުން އަންނައިރު، ޓީމުގެ ކޯޗެއްގެ ގޮތުގައި އިރުޝާދު ދެމުން އަންނަ ހަންގޭރީގެ އިސްތަވާން އުރުބާނީއާއި މެދު އޮތް އިތުބާރު ބޮޑުކަމަށް އަކްރަމް ފާހަގަކުރިއެވެ.
އެކޯޗުގެ އިރުޝާދާއި ތަޖުރިބާ އޭނާގެ ޒުވާން ދުވަސްވަރު ލިބިފައިވާކަމަށާއި، އެހެންކަމުން 20 އަހަރުންދަށުގެ ސާފް ޗެމްޕިއަންޝިޕަށް ނުކުންނަ ޒުވާން ޓީމާއި މެދު ކުރެވޭ އުންމީދު ބޮޑުކަމަށް އޭނާ ބުނެފަވެއެވެ.
ޒުވާން ޓީމަށް ހިތްވަރުދެމުން އަކްރަމް ބުނެފަވަނީ އެކުދިންގެ ކިބައިގައި ހުނަރުވެރިކަން އެބަހުރިކަމަށެވެ. އެހެންކަމުން ތަފާތު މޮޅު ބޯޅައެއް ކުޅޭދީ ގައުމުގެ ފަސްގަނޑުގައި މިމުބާރާތުގެ ތަށި ބަހައްޓައިދިނުމަށް އޭނާވަނީ ޒުވާން ޓީމުގެ ކިބައިން އެދިފައެވެ.
"އަޅުގަނޑު ވަރަށް ކައިރިން ދެކެފަ ތިބި ކުޅުންތެރިންތަކެއް. އަދި ވަކިން ޚާއްސަކޮށް އިތުރު އުންމީދެއް އެބައޮތް މިކުދިންނަށް އިރުޝާދު ދިނުމަށް އެއައި ކޯޗަކީ އަޅުގަނޑުމެންގެ ޔޫތުގައި އެންމެ މުހިންމު ވަގުތުގައި އަޅުގަނޑުމެންނަށް ކޯޗުކޮށްދިން ކޯޗު އުރުބާނީ، އެހެންވީމަ އަޅުގަނޑަށް ވަރަށް އިތުބާރު އެބައޮތް ކޯޗާއި ދޭތެރޭ. އެހެންވީމަ މިމުބާރާތަކީ ވަރަށް ރަނގަޅު މުބާރާތަކަށްވެގެންދާނެ. އަދި ޚާއްސަކޮށް އަޅުގަނޑުމެންގެ ޓީމު ތަފާތު ބޯޅައެއް ކުޅޭނެކަމަށް އުންމީދުކުރަން" ކާމިޔާބު އިތުބާރު ޑިފެންޑަރު ބުންޏެވެ.
މިމުބާރާތް ކުރިއަށްދާނީ މިމަހުގެ 23 އިން އަންނަމަހުގެ 3 ގެ ނިޔަލަށް ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައެވެ. ރާއްޖެ ހިމެނޭހެން ޖުމްލަ ހަތް ޤައުމަކުން މި މުބާރާތުގައި ވާދަކުރާއިރު، މި މުބާރާތުގައި ރާއްޖެ ހިމެނެނީ ސްރީލަންކާ އާއި ނޭޕާލް އަދި ބޫޓާނާއި އެކު ގުރޫޕް އޭގައެވެ. ގްރޫޕް ބީގައި ހިމެނޭނީ އެންމެ ފަހުގެ ޗެމްޕިއަން ބަންގްލަދޭޝް، އިންޑިއާ އަދި ޕާކިސްތާނެވެ.
20 އަހަރުންދަށުގެ ސާފް ޗެމްޕިއަންޝިޕު ހުޅުވާ މެޗުގައި ރާއްޖެ ވާދަކުރަން ހަމަޖެހިފައިވާއިރު، ރާއްޖެއާއި ދެކޮޅަށް ނުކުންނާނީ އަވަށްޓެރި ސްރީލަންކާއެވެ. މިމެޗު ކުރިއަށްދާނީ ހޯމަ ދުވަހުގެ ރޭ 08:30 ގައި ރަސްމީ ބޯޅަ ދަނޑުގައެވެ.
މިމުބާރާތުގެ ޓިކެޓް މާދަމާ ވިއްކުމަށް ހަމަޖެހިފައިވާއިރު ޓިކެޓްތައް ވިއްކާނެ އަގުތަކަކީ ސިޑިބަރި ޓިކެޓް 15 ރުފިޔާ، ގޮނޑި ބަރި ޓިކެޓް 25 ރުފިޔާ އަދި ވީއައިޕީ އޭރިއާއިން 50 ރުފިޔާއެވެ. 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގެ މެޗުތަކަށް ޓިކެޓު ވިއްކުމަށް ހަމަޖެހިފައިވާ ތަންތަނަކީ، ގަލޮޅު ދަނޑު، ސޯޝަލް ސެންޓަރު، ހުޅުމާލެ ސެންޓްރަލް ޕާކް އަދި އާޓިފިޝަލް ބީޗު ސަރަހައްދުކަމަށް އެފްއޭއެމްއިން މައުލޫމާތުދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ