ހަނގުރާމަ ނިމޭނެ ވަކި މުއްދަތެއް ނެތް: އެމެރިކާގެ ދިފާއީ ވަޒީރު

އެމެރިކާ އާއި އިޒްރޭލު ގުޅިގެން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަށް ބޭނުންވާ އިތުރު 200 ބިލިއަން ޑޮލަރު ހޯދުމަށް ޕެންޓަގަނުން ކޮންގްރެސްގައި އެދިފައިވާއިރު، މި ހަނގުރާމަ ނިމުމަކަށް އަންނާނެ ވަކި ތާރީހެއް އަދި ކަނޑައަޅާފައި ނުވާ ކަމަށް އެމެރިކާގެ ދިފާއީ ވަޒީރު ޕީޓް ހެގްސެތު އިއްޔެ ވިދާޅުވެއްޖެ އެވެ.
"200 ބިލިއަން ޑޮލަރާ ގުޅޭ ގޮތުން ދަންނަވާނީ، އެ އަދަދަށް ބަދަލު އައުން އެކަށީގެންވޭ. ނުބައި މީހުން ނައްތާލުމަށްޓަކައި ފައިސާ ބޭނުންވޭ،" ހެގްސެތު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މިހާތަނަށް ކޮށްފައިވާ ކަންކަމަށާއި ކުރިއަށް ހުރި އޮޕަރޭޝަންތަކަށް ބޭނުންވާ ބަޖެޓް ހޯދުމަށް ސަރުކާރުން އަދިވެސް ކޮންގްރެސްއަށް ހުށަހަޅާނެ ކަމަށެވެ.
ހަނގުރާމަ ކުރިއަށްދާނެ މުއްދަތާ ގުޅޭ ގޮތުން އޭނާ ވިދާޅުވީ، ވަކި މުއްދަތެއް ކަނޑައަޅަން ބޭނުން ނުވާ ކަމަށާއި އެއީ ރައީސް ނިންމަވާނެ ކަމެއް ކަމަށެވެ.
އެމެރިކާގެ ސިފައިން މިހާތަނަށް އީރާނުގެ 7،000އަށް ވުރެ ގިނަ އަމާޒުތަކަށް ހަމަލާދީފައިވާ އިރު، ހެގްސެތު ވަނީ މި އޮޕަރޭޝަންތައް ރޭވިފައިވާ ގޮތަށް ކުރިއަށްދާ ކަމަށާއި ހަމަލާތައް އިތުރަށް ވަރުގަދަވަމުންދާ ކަމަށް ވިދާޅުވެފަ އެވެ.
ނަމަވެސް، މި ބަޖެޓް ފާސްކުރުމުގައި ކޮންގްރެސްގެ ތެރެއިން ދަތިތަކެއް ކުރިމަތިވާނެ ކަމަށް ބެލެވެ އެވެ. ދެ ޕާޓީގެ މެންބަރުން ވެސް ދަނީ ހަނގުރާމައިގެ ނިސްބަތާއި ގެންގުޅޭ އުސޫލުތަކާ މެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިގޮތުން ޑިމޮކްރެޓިކް މެންބަރު ބެޓީ މެކްކޮލަމް ވިދާޅުވީ، ރައީސް އެދިވަޑައިގަންނަވާ ކޮންމެ ކަމަކަށް އާނބަސް ބުނެ، ހުއްދަ ދޫކުރާ ބަޔަކަށް ކޮންގްރެސް ނުވާނެ ކަމަށެވެ.
ރައީސް ޑޮނަލްޑް ޓްރަމްޕް މި ހަރަދުތަކުގެ ދިފާއުގައި ވާހަކަދައްކަވަމުން އިއްޔެ ވިދާޅުވީ، ދުނިޔޭގެ މަސްރަހު މިހާރު އޮތް ނުތަނަވަސް ހާލަތަށް ބަލާއިރު މިއީ ކޮންމެހެން ކުރަންޖެހޭ ހަރަދެއް ކަމަށާއި ހަތިޔާރާއި ވަޒަން އުފައްދާ މިންވަރު އިތުރުކުރަން ޖެހޭ ކަމަށެވެ.
ޕެންޓަގަނުގެ އަހަރީ ބަޖެޓުގެ ގޮތުގައި މިހާރު ވެސް 800 ބިލިއަން ޑޮލަރު ފާސްކޮށްފައި އޮތް ނަމަވެސް، އިތުރަށް މި އެދޭ ފައިސާއާ އެކު، ހަނގުރާމައިގެ ހަރަދާއި އޭގެ މުއްދަތާ ގުޅޭ ގޮތުން ވޮޝިންޓަންގެ ސިޔާސީ މަސްރަހުގައި އޮތް ހިޔާލު ތަފާތުވުންތައް ވަނީ ބޮޑުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ