މާލޭގައި އެންމެ ފުރަތަމަ ހެދި ފްލެޓް އިމާރާތްތައް ކަމަށްވާ ސިނަމާލެ އާއި މާލެހިޔާ އަހަރު ދުވަހުގެ މުއްދަތަށް މަރާމާތުކޮށް ބަލަހައްޓައިދޭނެ ބަޔަކު ހޯދަން އިއްޔެ އިއުލާންކޮށްފި އެވެ.
ވީ ކިހިނެއް؟ - ސިނަމާލެ އާއި މާލެހިޔާ ފްލެޓްތައް ތަޅާލައި އެތަނުގައި ބޯހިޔާވަހިކަމުގެ އާ މަޝްރޫއެއް ހިންގުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. މާލޭ މޭޔަރު ކަމުގައި ހުންނެވިއިރު އެ މަޝްރޫއު ހިންގަން ފާސް ވެސް ކުރި އެވެ. އެ މަނިކުފާނުގެ އޭރުގެ ވިސްނެވުމަކީ މިހާރު އެތަނުން ފްލެޓް މިލްކުކޮށްފައިވާ މީހުންނަށް އާ މަޝްރޫއުން ހިލޭ ފްލެޓް ދީ، އިތުރު ބަޔަކަށް ވެސް ފްލެޓް ދިނުމެވެ.
އެކަމަކު އެ އިމާރާތްތައް ބާވެ، ވީރާނާވާން ދޫކޮށްލާފައިވާކަމުގެ ޝަކުވާއާ އެކު މިދިޔަ ޑިސެމްބަރުގައި ރައީސް މުއިއްޒު ގަލޮޅު ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގައި، ގިނަ ކަންބޮޑުވުންތަކެއް އެތަނުގައި ދިރިއުޅޭ މީހުން ފާޅުކުރި އެވެ.
އެއަށް ފަހު ރައީސް މިހާރު ނިންމަވާފައިވަނީ:
ފްލެޓްތަކުގެ ހާލަތާއި ދައްކަން ޖެހޭ ކުއްޔާއި ޖޫރިމަނާގެ ކަންކަމުގައި ހުރި ކަންބޮޑުވުންތަކާ ގުޅިގެންނާއި ފްލެޓްތައް ބާވެ، ސްޓްރަކްޗާ ހަލާކުވެ، ހައްލެއް ހޯއްދައިނުދެވި ގިނަ ދުވަސްވެފައި ވާތީ، މި ފްލެޓްތަކުގެ މީހުންނަށް އިނާޔަތެއްގެ ގޮތުގައި 1 ލައްކަ ރުފިޔާ ދިނުމަށް
އެ ތަންތަން މަރާމާތުކުރުމަށް އެސެސްމެންޓެއް ހަދަން
ތަފްސީލް - އެތަންތަން މަރާމާތުކޮށްދޭނެ ބަޔަކު ހޯދަން މާލޭ ސިޓީ ކައުންސިލުން އިއްޔެ ކުރި އިއުލާންގައި ވަނީ، މި މަސައްކަތަށް ޝައުގުވެރިވާ ނަމަ އެ ކައުންސިލުގެ ޕްރޮކިއުމަންޓް ސެކްޝަނަށް ގޮސް މައުލޫމާތު ސާފުކުރުމަށް ފަހު ބިޑް ހުށަހެޅުމަށް އެދިފަ އެވެ.
މައުލޫމާތު ސާފުކުރުމާއި އަގު ހުށަހެޅުމުގެ ކަންކަން ކުރިއަށްދާނީ މާލެ ކައުންސިލްގެ ސިޓީ ހޯލްގަ އެވެ. އެގޮތުން:
މައުލޫމާތު ސާފުުކުރުން އޮންނާނީ މި މަހުގެ 25ވާ ބުދަ ދުވަހުގެ 11 ޖަހާއިރު
އަގު ހުށަހެޅުން އޮންނާނީ އަންނަ މަހުގެ 5ވާ އާދިއްތަ ދުވަހުގެ 11 ޖަހާއިރު
އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމެންޓް، އަދި ވިޔަފާރިކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް ކަމަށް އިއުލާންގައިވެ އެވެ.
މީގެ އިތުރުން، ސިނަމާލެ 3، 4 އާއި މާލެ ހިޔާ 1 އަދި 2 ގެ ލިފްޓުތައް ސާވިސްކޮށް މަރާމާތުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ވެސް އިއްޔެ ވަނީ އިއުލާންކޮށްފަ އެވެ.
މި މަސައްކަތަށް:
މައުލޫމާތު ސާފުުކުރުން އޮންނާނީ މިމަހުގެ 26ވާ ބުރާސްފަތި ދުވަހުގެ 10 ޖަހާއިރު
އަގު ހުށަހެޅުން އޮންނާނީ އަންނަ މަހުގެ 5ވާ އާދިއްތަ ދުވަހުގެ 10 ޖަހާއިރު
ސިނަމާލެ، މާލެހިޔާ ފްލެޓުތައް އަހަރު ދުވަހަށް މަރާމާތުކޮށް ބަލަހައްޓައިދޭނެ ބަޔަކު ހޯދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ