އދގެ ކޮމިޝަން އޮފް ދަ ސްޓޭޓަސް އޮފް ވިމަންގެ މެންބަރުކަމުގެ ދައުރު ރާއްޖެއިން ފަށައިފި

މިއަދު ފެށި އދގެ ކޮމިޝަން އޮފް ދަ ސްޓޭޓަސް އޮފް ވިމަންގެ ހަތްދިހަ އެއްވަނަ ސެޝަންގައި 2026 އިން 2030 ގެ ނިޔަލަށް އެ ކޮމިޝަންގެ މެންބަރުކަމުގެ ދައުރު ރާއްޖެއިން ފަށައިފިއެވެ.
މިއީ މި ކޮމިޝަންގެ މެންބަރުކަން ރާއްޖެއިން އަދާކުރާ ފުރަތަމަ ފަހަރެވެ.
މި ސެޝަން ފެށީ މި އަހަރުގެ މާޗު މަހުގެ 9 އިން 19 އަށް ނިއު ޔޯކުގައި ހުންނަ އދގެ މައި މަރުކަޒުގައި ބޭއްވި އެ ކޮމިޝަންގެ ހަތްދިހަ ވަނަ ސެޝަން ނިމުމާއެކުއެވެ. ހަތްދިހަވަނަ ސެޝަން ކުރިއަށް ގެންގޮސްފައި ވަނީ "ހަމަހަމަ ގާނޫނީ ނިޒާމެއް ކުރިއެރުވުމާއި، ތަފާތު ކުރުވަނިވި ގާނޫނުތަކާއި ނިޒާމީ ގޮންޖެހުންތައް ނައްތާލައި، އަންހެނުންނަށް އިންސާފު ހޯދުމަށް ސިޔާސަތުތަކާއި އަމަލުތައް ބައްޓަން ކުރުން" މި ޝިއާރުގެ ދަށުންނެވެ.
މި ކޮމިޝަންގެ ހަތްދިހަ ވަނަ ސެޝަންގެ ޖެނެރަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން ދިވެހިރާއްޖެ އިން އދ އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދު ވަނީ ގަވާނަންސް އަދި ނިންމުންތައް ނިންމުމުގައި އަންހެނުންގެ ދައުރު ފުޅާކުރުމަށް ދިވެހިރާއްޖެ އިން ކުރަމުންދާ މަސައްކަތްތައް، ވަކިން ހާއްސަކޮށް ޑޭޓާ އިން ބާރު ލިބިދޭ ސިޔާސަތުތައް ކަނޑައަޅައި، ތަންފީޒުކޮށް، އަންހެނުންނަށް ގާނޫނުން ލިބިދޭ ރައްކާތެރިކަން ކަށަވަރުކޮށްދޭ ސަޕޯޓް ސާވިސަސްތަކަށް އަލިއަޅުއްވާލާފައެވެ. އަދި މިންތީގެ ހަމަހަމަކަން ހާސިލުކުރުމަށް ބޭނުންވާ މަލީ އެހީ ދެމެހެއްޓެނިވި ގޮތެއްގައި ހޯދިދާނެ މަގުތައް ދެނަގަތުމަށް ދިވެހިރާއްޖެ އާއި ޓިމޯ ލެސްޓް އާއި ބްރެޒިލް އާއި ސައުތު އެފްރިކާ އާއި ކަޒަކްސްތާން އަދި ޔޫއެން ވިމަން ގުޅިގެން ބޭއްވި ގްރޫޕް އޮފް 77 އެންޑް އިމާޖިން ޕާޓްނާސް މިނިސްޓީރިއަލް ރައުންޑް ޓޭބަލްގައި ޕެނަލިސްޓެއްގެ ހައިސިއްޔަތުން ވާހަކަ ދައްކަވަމުން އޭނާ ވަނީ ދެމެހެއްޓެނިވި ތަރައްގީއަށް އަންހެނުންގެ ބާރުވެރިކަން އިތުރުކުރުމަށް މަގުފަހިވާ މާލީ ނިޒާމުތަކަށް އިންވެސްޓް ކުރުން މުހިންމު ކަމުގައި ވިދާޅުވެފައެވެ.
މީގެ އިތުރުން މިންތީގެ ހަމަހަމަކަން ހާސިލުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުވާލައި, އިޖްތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާގެ މަންދޫބުން ވަނީ ދިވެހިރާއްޖޭގެ ވޮލަންޓަރީ ނެޝަނަލް ޕްރެސެންޓޭޝަނެއް ފުރަތަމަ ފަހަރަށް މި ކޮމިޝަންގައި ހުށަހަޅާ ދެއްވާފައެވެ.
ކޮމިޝަން އޮފް ދަ ސްޓޭޓަސް އޮފް ވިމަން އަކީ އދގެ މައި ގުނަވަނެއް ކަމުގައިވާ އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލް (އިކޮސޮކް) ގެ ގަރާރު ނަންބަރު 11 (II) އިން 1946 ވަނަ އަހަރުގެ ޖޫން މަހުގެ 21 ވަނަ ދުވަހު ގާއިމު ކުރި ކޮމިޝަނެކެވެ. އިކޮސޮކް ގެ ފަންކްޝަނަލް ކޮމިޝަނެއްކަމުގައިވާ މި ކޮމިޝަންގެ މަސްއޫލިއްޔަތަކީ އަންހެނުން ބާރުވެރިކުރުމާއި މިންތީގެ ހަމަހަމަކަމަން އަދި އަންހެނުންގެ ހައްގުތައް ކުރިއެރުވުމެވެ. އެގޮތުން، މި ލަނޑުދަނޑިތައް ހާސިލުކުރުމަށް މިންގަނޑުތައް ކަނޑައެޅުމަށާއި، ހޯދާފައިވާ ކުރިއެރުންތައް އިވެލުއޭޓް ކުރުމަށާއި އަންހެނުންގެ ދިރިއުޅުން އިތުރަށް ބަދަހި ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާ މެދު މަޝްވަރާ ކުރުމަށް ކޮންމެ އަހަރަކު ވެސް އެ ކޮމިޝަންގެ ބައްދަލުވުންތައް ބާއްވައެވެ.
ދިވެހިރާއްޖެ މި ކޮމިޝަންގެ މެންބަރަކަށް އިންތިހާބުވެފައި ވަނީ އޭޕްރީލް 4، 2025 ގައި އިކޮސޮކްގައި އެކަމަށް ބޭއްވި އިންތިހާބުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ