ސެނެގާލް އަތުން ތަށި އަތުލާ މައްސަލަ ކޯޓުގައި 9 މަސް ވެދާނެ: ރިޕޯޓް ސެނެގާލް އަތުން ތަށި އަތުލާ މައްސަލަ ކޯޓުގައި 9 މަސް ވެދާނެ: ރިޕޯޓް

ޕެރިސް (މާޗް 20) - ސެނެގާލް ޓީމުގެ ކުޅުންތެރިން ދަނޑުން ފޭބި މައްސަލަ ބަލައި، އެފްރިކަން ކަޕްގެ ތަށި ސެނެގާލް އަތުން އަތުލައި، މޮރޮކޯ އަކީ މުބާރާތުގެ ޗެމްޕިއަންކަމަށް އެފްރިކާގެ މައި ފުޓްބޯޅަ އިދާރާ، ކާފް އިން ނިންމި މައްސަލަ ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް) އަށް ހުށަހަޅާފައިވާއިރު، އެ ކޯޓުން ގޮތެއް ނިންމަން ނުވަ މަސް ނަގައިފާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މިދިޔަ ޖެނުއަރީ މަހު، ސެނެގާލުން 1-0 އިން މޮރޮކޯ ބަލިކޮށް އެފްރިކަން ކާމިޔާބުކުރި ފައިނަލު ނިމުނުތާ 57 ދުވަސް ފަހުން، ކާފްގެ އެޕީލް ކޮމިޓީ އިން ނިންމީ މޮރޮކޯ އަކީ ޗެމްޕިއަން ކަމުގަ އެވެ. އެ ނިންމުމަށް ދުނިޔޭގެ ފުޓްބޯޅައިގައި ގިނަ ބަޔެއްގެ ސަމާލުކަން ވަނީ ހުއްޓިފަ އެވެ.
އެފްރިކަން ކަަޕްގެ ފައިނަލް މެޗު ނުނިމެނިސް، ސެނެގާލުން ދަނޑުން ފޭބި މައްސަލަ ކާފް އަށް ހުށަހެޅީ މޮރޮކޯ އިންނެވެ. މި މައްސަލަ ފުރިހަމަ އަށް ތަހުގީގުކޮށް، ގަވާއިދުތަކަށް ބެލުމަށް ފަހު، ކާފްގެ އެޕީލް ބޯޑުން ނިންމީ، ސެނަގާލުން ދަނޑުން ފޭބުމާ އެކު، އެ ހިސާބުން މެޗު ފޯފެއިޓްވެ، 3-0 އިން މޮރޮކޯ އަށް މެޗު ލިބުނީ ކަމަށެވެ.
މޮރޮކޯ ފުޓްބޯޅަ ފެޑެރޭޝަނުން ބުނީ، މިއީ މެޗުން ބަލިވުމުން، ނަަތީޖާ ބަދަލުކުރުމުގެ އަމާޒުގައި ތަށި ހޯދަން ކުރި އެޕީލެއް ކާމިޔާބުކުރީ ނޫން ކަމަށާއި މިއީ، މުބާރާތުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް ބާރު އެޅުމުގެ ގޮތުން ކުރި އެޕީލެއް ކަމަށެވެ.
ސެނެގާލް ފުޓްބޯޅަ ފެޑެރޭޝަނުން ބުނީ، މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ނިންމުމެއް ނޫން ކަމަށެވެ. އަދި، މި ފަދަ ގޮތަކަށް ކާފް އިން ނިންމުމުން، އެފްރިކާ ފުޓްބޯޅައާ މެދު މީހުން ދެކޭ ގޮތް ބަދަލުވާނެ ކަމަށެވެ. އަދި، މި ކަން ވީ އެންމެ ރަނގަޅަށް ކުރިއަށްގެންދިއުމަށްޓަކައި، ކާސް އަށް ހުށަހަޅައިގެން ކަންކަން ބެލުމުގެ މަރުހަލާ ސެނެގާލް ފުޓްބޯޅަ ފެޑެރޭޝަނުން ކުރިއަށްގެންދަން ނިންމައި މައްސަލަ ވަނީ ހުށަހަޅައިފަ އެވެ.
ރިޕޯޓްތައް ބުނާގޮތުން، ކާސް އިން މި މައްސަަލަ ބަލައިގަނެފައިވާއިރު، މި ކަމުގެ ބާވަތުން މި މައްސަލައިގައި ގޮތެއް ނިންމުން ކާސް އިން އަވަސްކުރާނެ އެވެ. އެ ގޮތުން، އާންމު ގޮތެއްގައި، ފެޑެރޭޝަނެއްގެ ނިންމުމާ ދެކޮޅަށް ހުށަހަޅާ މައްސަލަތައް ނިންމަން ކާސް އިން 12-18 މަސް ދުވަސް ނަގަ އެވެ. އެކަމަކު، އެފްރިކަން ކަޕްގެ މައްސަލައިގެ ބާވަތުން، ކާސް އިން އަވަހަށް ގިނަ އަޑުއެހުންތަކެއް ބާއްވައިފިނަަަމަ، 6-9 މަސް ތެރޭ މި މައްސަލައިގައި ގޮތެއް ނިންމުމުގެ ފުރުސަތު އެބައޮތެވެ.
އެފްރިކަން ކަޕްގެ ފައިނަލް މެޗުގެ ތެރޭގައި، މޮރޮކޯ އަށް 50 އަހަރު ތެރޭ ފުރަތަމަ ތަށި ހޯދަން ރަނުގެ ފުރުސަތެއް ލިބުނެވެ. އެ ގޮތުން، އިތުރު ވަގުތުގެ ތެރޭގައި މޮރޮކޯ އަށް ލިބުނު ޕެނަލްޓީއެއް ޖަހަން 17 ވަރަކަށް މިނިޓް މަޑުކުރަން ޖެހުނެވެ. އެއީ، ސެނެގާލް ސަޕޯޓަރުންގެ ހަމަނުޖެހުންތަކާ ހެދި އާއި ދަނޑުގެ ސެކިއުރިޓީ ހާލަތު ކޮންޓްރޯލްގެ ދަށަށް ގެނައުމުގެ އިތުރުން، ހިތްހަމަނުޖެހިގެން ދަނޑުން ފޭބި ސެނެގާލްގެ ކުޅުންތެރިންނާއި ކޯޗު ތިއޯ އަލުން މެޗު ކުޅެން އެއްބަސްވުމަށް ނެގި ވަގުތެވެ. ހާލަތު ހަމަޖައްސައި، މެޗުގެ ފުރިހަަމަ ވަގުތުގައި ކުޅެން ލިބުނު އެންމެ ފަހު ބޯޅައިގައި މޮރޮކޯގެ ބްރަހިމް ޑިއާޒް ޖެހި ޕެނަންކާ ޕެނަލްޓީ ދިޔައީ، ސެނެގާލް ކީޕަރު އެޑޮއާޑް މެންޑީ އަތަށެވެ. މި ފަހަރުގެ އެފްރިކަން ކަޕްގެ އެންމެ ގިނަ ގޯލު (5 ލަނޑު) ޖެހި ބްރަހިމް އަށް އެންމެ މުހިންމު ފުރުސަތުގެ ބޭނުން ނުހިފުނެވެ.
މެޗުގެ އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ޕާޕޭ ގޭއި ޖެހި ގޯލުން ފަސް އަހަރު ތެރޭ ދެ ވަނަ ފަހަރަށް ސެނެގާލަށް އެފްރިކާގެ ޗެމްޕިއަންކަން ލިބުނީ އެވެ. އެކަމަކު، ސެނެގާލް އަތުން ތަށި ނަގަން މިހާރު ކާފް އިން މި އޮތީ ނިންމައިފަ އެވެ. އެކަމަކު، ކާސް އިން އެ ނިންމުން ބަދަލުކޮށް، ސެނެގާލް އަކީ ޗެމްޕިއަންގެ ގޮތުގައި ކަނޑައެޅުމުގެ ފުރުސަތު ބޮޑެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ