މެދުއިރުމަތީގެ ހަނގުުރާމައާ ގުޅިގެން ހަރަދު ކުޑަކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ސަރުކާރުގެ މަސް ކުންފުނި، މިފްކޯގެ މަސައްކަތު ވަގުތު ކުޑަކޮށްފި އެވެ.
ވީ ކިހިނެއް؟ - އެ ކުންފުނިން ނިންމާފައިވަނީ މާދަމާ އިން ފެށިގެން މައި އޮފީހާއި ސެންޓަރުތަކުގެ ރަސްމީ މަސައްކަތު ވަގުތު ކުޑަކުރުމަށެވެ. އެގޮތުން:
މީގެ ކުރިން މިފްކޯގެ ރަސްމީ މަސައްކަތު ވަގުތަކީ ހެނދުނު 8 އިން ހަވީރު 4އަށް
މާދަމާ އިން ފެށިގެން އެ ކުންފުނީގެ ރަސްމީ މަސައްކަތު ވަގުތަކީ ހެނދުނު 8 އިން މެންދުރުފަހު 2އަށް
ތަފްސީލް - މިފްކޯގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު ޝިފްޒާ މުސްތިފާ މިރޭ ވިދާޅުވީ އެ ކުންފުނީގެ މަސައްކަތު ވަގުތު ކުރުކުރި ނަމަވެސް މުވައްޒަފުންގެ ހައްގުތަކަށް އުނިކަމެއް ނާންނާނެ ކަމަށެވެ.
"މެންދުރު 2ގެ ފަހުން އިދާރީ މުވައްޒަފުން މަސައްކަތަށް ނެރެންޖެހޭ ނަމަ އެކަމަށް ހުއްދަ ހޯދަން ޖެހޭ ގޮތަށް ބަދަލު ކުރީ،" ޝިފްޒާ ވިދާޅުވި އެވެ.
ޝިފްޒާ ވިދާޅުވީ އިދާރީ މަސައްކަތުގެ ވަގުތު ކުރުކުރި ނަމަވެސް ބޯޓުތަކާއި އެހެނިހެން އޮޕަރޭޝަންތައް ކުރިއެކޭ އެއްގޮތަށް ކުރިއަށްދާނެ ކަމަށެވެ.
"ވީހާ ވެސް ހަރަދު ކުޑަކޮށް، އާމްދަނީ އިތުރުކުރެވޭނެހެން ރާވާފައިވަނީ،" އޭނާ ވިދާޅުވި އެވެ.
މިފްކޯގެ މަސްފިހާރަތައް ވެސް ކުރިއެކޭ އެއްގޮތަށް ހުޅުވާފައި ހުންނާނެ ކަމަށް ޝިފްޒާ ވިދާޅުވި އެވެ.
ގުޅުން ހުރި - ހަރަދު ކުޑަ ކުރުމުގެ ފިޔަވަޅެއްގެ ގޮތުން ބީއެމްއެލް އިން ވެސް ވަނީ މަސައްކަތު ވަގުތު މެންދުރުފަހު 3އާ ހަމައަށް ކުރުކޮށްފަ އެވެ. އަދި އޭގެ ފަހުން އޮފީހުގައި މަސައްކަތް ކުރާ ނަމަ ހުއްދަ ނަގައިގެން މަސައްކަތް ކުރާ ގޮތަށް މިދިޔަ ހަފްތާ އިން ފެށިގެން ވަނީ ހަމަޖައްސައިފަ އެވެ.
ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލިފައިވާތީ ގިނަ ގައުމުތަކުން އަންނަނީ ހަރަދު ކުޑަކުރުމަށް މަސައްކަތު ވަގުތު ކުރުކޮށް، މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރާނެ އިންތިޒާމު ހަމަޖައްސަމުންނެވެ.
ހަރަދު ކުޑަކުރުމަށް މިފްކޯގެ މަސައްކަތު ވަގުތު ކުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ