ހަނދުމަކޮށްދިނުމެއް!: މަރުވެ ކައްވަޅުގަ ވަޅުލެވުމުން މުއުމިނުންނާއިމެދު ކަންތައް ވާނެ ގޮތް-

މިފަދަ ލިޔުންތައް ގެނެސްދިނުމުގެ ބޭނުމަކީ ކިޔައި ހޭލުންތެރިވުމެވެ. ކޮންމެ މީހަކީވެސް މިކަންކަމާއި ކުރިމަތިލާންޖެހޭނެ މީހަކަށްވާތީއެވެ. މިއަދު ހޭލުންތެރި ނުވެވިއްޖެނަމަ ކުރިމަތިވާނެ ހިތާމައިގެ ބޮޑުކަމުންނެވެ.  
ދެން ފަހެ މައްޔިތާ އެމީހާގެ قبر އަށް ވައްދައި އެމައްޗަށް ވެލި އޮއްސައިލުމުން ފަސްގަނޑު އެމީހާއާއި ވާހަކަ ދައްކާނެއެވެ. ބުނާނެޔޭ، އަހުރެންގެ ބުރިކަށިމަތީގައި ކަލޭގެ ހައުދަހައިވާ އުފަލެއް ކުޅައީމުތާއެވެ. އަދުވީ އަހުރެންގެ ބަނޑުގައި އޮވެ ހިތާމަކުރާންތާއެވެ. އަހުރެންގެ ބުރިކަށިމަތީގައި ކަލޭގެ ހައުދަހައި ކުލަކުލައެއްގެ ކާނާ ކެއީމުއެވެ. ދެން ފަނިތައް ކަލޭގެ ކައިފާނެއެވެ.  
މިކަހަލަ ކިތަންމެ ބަސްތަކަކުން އެ قبر އަށް ވެލިއަޅައި އަވަދިވާދެން އެމީހާ އާއި ވާހަކަ ދައްކާ ހުއްޓެވެ.  
ދެން ފަހެ قبر އަށް ވެލިއަޅައި އަވަދިވުމާ އެކު މައްޔިތާ ކައިރިއަށް އެންމެފުރަތަމައަށް ވަޑައިގަންނަވާހުށީ رُومان އެވެނަންކިޔޭ މަލާއިކަތެކެވެ. މާތްރަސްކަލާނގެ ރުއްސުންލެއްވި سيّدنا ابن مَسْعُود ގެ ކިބައިން ރިވާވެގެންވެޔޭ. އެކަލޭގެފާނުން ވިދާޅުވިޔޭ يَارَسُولُ اللهِ، މާތްރަސްކަލާނގެ ރަސޫލާއެވެ. މައްޔިތާ قبر އަށް ވެއްދިއްޖެއްޔާއި ދެން އެމީހަކާއި އެންމެ ފުރަތަމައަށް ބައްދަލުވާހުށީ ކޮންކަމެއްތޯ އެވެ.  
حديث ކުރެއްވިއެވެ. އޭ ابن مَسْعود އާއެވެ. ތިބާއީ އަހުރެންގެ ކިބައިން އިބަގެ ކުރީގައި މީހަކު ނުކުރާ ސުވާލެކެވެ. އެންމަ ފުރަތަމައަށް މައްޔިތާގެ ކައިރިއަށް ވަޑައިގެން އެމީހާއަށް ގޮވައިލައްވާހުށީ رومان އެވެ، ނަންކިޔޭ مَلاَئكة އެކެވެ. އެއީ މީސްތަކުންގެ قبر ތަކުގެ ކައިރިޔަށް ހިންގަވާ ބެއިކަލެކެވެ. ވަޑައިގެން ވިދާޅުވާނެޔޭ އޭ މާތްރަސްކަލާނގެ އަޅާއެވެ. ކަލޭގެ ކޮށްފައިވާ عمل ތައް ލިޔާށެވެ. އެމީހާ ދަންނަވާނެޔޭ އަޅުގަޑުގެ ގާތުގައި ކަރުދާހެއް ދަވާދެއް قلم އެއް ނުވެއެވެ. ވިދާޅުވާނެޔޭ ތިބާހެންނަކުން ނުފުދޭހުއްޓެވެ. އިބަގެ ކަރުދާހަކީ ކަފުނެވެ. ދަވާދަކީ އަގައެވެ. قلم އަކީ އިގިއްޔެވެ. ދެން އެމީހާގެ ކަފުނުން އެތިކޮޅެއް ކަނޑުއްވައިފައި ދެއްވައިފާނެއެވެ. ދެން އެމީހާ ދުނިޔޭގައި އުޅުނު އިރުލިޔާން ނުދަންނަ މީހަކު ކަމުގައިވިޔަސް މިހާރު ލިޔާން ދަސްވެގެން ކުޅަހައި عمل އެއް ހަދާންވެގެން މިއަދު ކުޅަކަމެއް ލިޔާފަދައިން ލިޔެފާހުއްޓެވެ. ދެން އެފަތް ޖައްސަވައިފައި އެމީހާގެ ކަރުގައި އަޅުއްވައިފައި ހުއްޓެވެ. ދެން رَسُولً اللهِ ގެފާނުން ކިޔަވައި ވިދާޅުވިޔޭ وَكُلَّ إِنسَانٍ أَلْزَمْنَاهُ طَائِرَهُ فِي عُنُقِهِ ۖ މި آية، اهـ މި آية- ގެ مَعْن އީ،
 މާތްރަސްކަލާނގެ ކީރިތި قرآن ގައި وحى  ކުރައްވާފައި އެވަނީއޭ، ކޮންމެ އިންސާނެއްމެ އެމީހާގެ ކިބައިން ހިގައިގެންދާނޭ ހައި އަސަރުތައް އެމީހާ ވިހާއިރު ހުންނަހުށީ ލިޔެވި قرار ވެ ތިމަން ﷲ އެމީހާގެ ކަރުގައި އަޅުއްވައިފައެވެ. މަރުވީމާ އެހުރިހާކަމެއް ލިޔެވި قرار ވެގެން ކަރުގައި އަޅުއްވާހުށީމެވެ. މިއެވެ.  
ދެންފަހެ މިކަންތަކުން އަވަދިވުމާއެކު ކަށްވަޅުގައި ފިތުނަވެރި ކުރައްވާ ދެމަލާއިކަތުން އެމީހާގެ ކައިރިއަށް ވަންނަވައިފާހުއްޓެވެ. އެއީ ކަޅު އަނދިރިގަޑެއްފަދަ ނުލާހިކު ބޮޑު ދެމަލާއިކަތުންނެވެ. އެދެބޭކަލުންގެ ފޭރާ ދެދަތްޕުޅުގެ ދިގުކަމުން ބިންގަޑު ކެހެމުން ވީދެމުން އަންނާނެއެވެ. އިސްތަށިފުޅުގެ އިސްތަށީގެ ދިގުކަމުން ފަހަތުން ދެމެމުން އަންނާނެއެވެ. އެބެއިކަލުންގެ ބަސްފުޅު ހޮނުގުގުރި ފަދައެވެ. ލޯފުޅުގެ ވިދުވަރު ގުގުރީގެ ވިދުވަރުފަދައެވެ. ނޭވާފުޅުގެ ވައި ނަގުލުވައިފަދައެވެ. ކޮންމެ ބެއިކަލެއްގެ އަތްޕުޅުގައި ދަގަނޑު ހަންމުއްޓެއް އޮންނަހުށި. ޖިންނީންނާއި އިންސީން އެއްވިޔަސް އެއިން ހަންމުއްޓެއް އުފުލައި ލުމަށް ކުޅަދާނަ ނުވާނެއެވެ. އެއިން ހަންމުއްޓަކުން ދުނިޔޭގެ ބޮޑުފަރުބަދައެއްގައި ޖެއްސެވިއަސް ހަލާކުވެ ފައިބައިގެން ހިގައިދާހުއްޓެވެ.  
ފަހެ މައްޔިތާގެ نفس އަށް އެބެއިކަލުން ފެނިއްޖެއްޔާއި ކުއްލިއަކަށް ސިހި ތެޅިފޮޅިގެންގޮސް މައްޔިތާގެ ނޭފަތުން ލައިގެން މޭމައްޗަށް ވަދެދާ ހުށި. އެއިރުން މައްޔިތާ އޮންނަހުށީ ނޭވާހޮޅިޔަށް އެޅިފައި އޮތްއިރުގައި އޮންނަ ސިފައިގައެވެ، އެކަމަކު ހެލިފެލިވެ އުޅެވުމެއް ނުހުންނަހުށި ލޮލަށް ފެނި ކަންފަތަށް އިވިއުޅޭނެއެވެ. އެމީހާ އޮތް قبر އޮންނަހުށީ މާބޮޑުކޮށް ތަނަވަސްވެ ކޮންމެ ފުށަކަށްމެ ދެވޭނޭ ގޮތަކަށް ވެފާމެއެވެ. ދެން އެދެބެއިކަލުން އެމީހާއާއި ސުވާލު ކުރައްވައި ވިދާޅުވާނެތޭ އިބަގެ ކަލާނގެ އަކީ ކާކުތަ. އިބަގެ ދީނަކީ ކޮބައިތަ. އިބަގެ ނަބީއަކީ ކާކުތަ. އިބަގެ قبلة އަކީ ކޮބައިތަ ދެންފަހެ މާތްރަސްކަލާނގެ ثابت ކުރައްވައި ތެދުމަގު ދައްކަވާފައިވާ އަޅަކު ކަމުގައިވާނަމަ މިފަދައިން جَوَاب ދީފައި ހުއްޓެވެ. އަހުރެންގެ ކަލާނގެއަކީ ތިޔައިގެ ދެބެއިކަލުންނާއި އަހުރެންނާއި وكيل ކުރައްވައި އަހުރެންގެ ގާތަށް ތިޔައިގެ ދެބެއިކަލުން ފޮނުއްވި ކަލާނގެއެވެ. ދެން ބުނެފާނެޔޭ ކަލާނގެއަކީ الله އެވެ. ނަބީއަކީ محمّد ގެފާނެވެ. އަހުރެންގެ ދީނަކީ إسلاَم دين އެވެ. މިބަސްތައް މިހެން ބުނެވޭހުށީ މާތްވެގެންވާ علم ވެރީންނަށެވެ. ދެން އެއިން އެއްބެއިކަލަކު އަނެއްބެއިކަލަކަށް ވިދާޅުވާނެޔޭ ހަމަކަށަވަރުން ތެދުބުނެފިއެވެ. އަޅުގަޑުމެންގެ ނުބައިކަމުން މިންޖުވެއްޖެއެވެ. އޭނާއަށް އޭނާ މިންޖުވާނޭ حُجَّة  ލިބިއްޖެއެވެ. 
ދެން އެއިގެ ދެބޭކަލުން އެމައްޔިތާގެ قبر ބޮޑުގުއްބާއެއްހެން ތަނަވަސް ކުރައްވައި قبرގެ ކަނާތްފަރާތުން ސުވަރުގެއާއި ދިމާޔަށް ދޮރެއް ހުޅުވާލައްވައި ސުވަރުގޭގެ ފަށުފޭރާން އެތާގައި ފަތުރުއްވައި މާމެލާމެލިތައް އަޅުއްވައިފާނެތެވެ. ސުވަރުގޭގެ މަޑު އަރާމުގެ ވައިރޯޅިތަކާއި މީރުވަސް އެމީހާގެ ކައިރިއަށް ވަދެވަދެ ހުންނާނެ އެވެ. އެމީހާގެ ހެޔޮ  عمَل ތައް އެމީހާގެ އެންމެ ލޯބިވާ މީސްމީހުންގެ ސިފައިގައި އެމީހާގެ ކައިރިއަށް އައިސް މުނިއަވަސްފިލުވައި ވާހަކަ ދައްކައި އުޅޭހުއްޓެވެ. އަދި އެމީހާގެ قبر نور ން ފުރިގެންވާ ހުއްޓެވެ. ފަހެ އެމީހާ ދުނިޔެ ދެމިއޮތްހާ ހިދަކު قيَامَة ވެއްޖައުމަށް ދާންދެން އުފާފާގަތި ކަމުގައި ފިލައި ނުދާހުއްޓެވެ. އެމީހާޔަށް އެންމެ ލޯބިބޮޑުކަމެއް ކަމުގައިވާހުށީ އަވަހަށް قيامَة ވުމެވެ.  
عِلم އާއި عمل މަދު އަދި އެމީހާގެ ކިބައިގައި مَلَكُوتِىَّ ސިއްރުތަކުގެ ތެރެއިން ދެނެހުރުމެއްނުވާ مؤمن އާގެ ދަރަޖަ މިބުނީ ދަރަޖައަށްވުރެ ދަށުގައިވާ ހުއްޓެވެ. މިމީހާގެ ކައިރިއަށް رُومَان އަށް ފަހުގައި އެމީހާގެ ހެޔޮ عمل ތައް ރިވެތި ސޫރައެއްގައި ފޭރާން    ރިވެތި ވަސްމީރު ގޮތެއްގައި ވަދެދާނެއެވެ. ވަދެފައި ބުނާނެއެވެ. ކަލޭގެ އަހުރެން ނުދަންނަމުހެއްޔެވެ. އެމީހާ ބުނާނެއެވެ. ތިޔައީ ކޮން ބެއިކަލެއްތޯ އެވެ. ކޮންމެއަކަސް ތިޔައީ އަހުރެންގެ މިފަދަ އެކަނިވެރި حال ގައި ވަނިކޮށް މާތްރަސްކަލާނގެ ދަރުމަވަންތަވެރިވެ ވޮޑިގެން ފޮނުއްވިމާތް ބެއިކަލަކީމުއެވެ. އެމީހާ ބުނާހުއްޓެވެ. އަހުރެންނީ އިބަދުނިޔޭގައި އުޅުނުއިރު ކޮށްފައިވާ ހެޔޮ عمل އެވެ. ހިތާމަ ނުކުރާށެވެ. އަދި ބިރުވެސް ބޮޑުނުކުރާށެވެ. މިސާހިތަކު ކަލޭގެ ގާތަށް مُنكِرْ، نَكِيرُ މިދެބެއިކަލުން ވަޑައިގެން ކަލޭގެއާ އެބެއިކަލުން  ސުވާލުކުރައްވާނެއެވެ. حيران ވެގެން ނުއުޅޭށެވެ. ދެން އެ سُوال ތަކުގެ جواب ލައިދީ ހަދާފާނެއެވެ. ދެން އަވަސްއަވަހަށް ހިގައިދާނެއެވެ. ދެން އެދެމަލާއިތުން ވަޑައިގެން ސުވާލުތައް ކުރެއްވީމާ އިހުބުނިފަދައިން ޖަވާބު ދީފާނެއެވެ. ފަހެ ބުނެފާނެޔޭ. އަހުރެންގެ ކަލާނގެއީ الله އެވެ. نبى އަކީ محمّد ގެފާނެވެ. إمام އަކީ قرآن އެވެ. قبلَة އަކީ كَعْبة އެވެ. ބަފައިކަލަކީ إبراهيم ގެފާނެވެ. مِلَّة އަކީ އެކަލޭގެފާނުންގެ ملّة އެވެ. އުދަގުލެއްނެތި ޖަވާބުދީފާނެއެވެ. ދެން އެބެއިކަލުން މިމީހާއާމެދުގައި ވެސް އިހުބުނި މީހާއާއި މެދުގައި ކަންތައް ކުރެއްވިފަދައިން ކަންތައް ކުރައްވައިފާނެއެވެ.
އެކަމަކު މިމީހާއާއި މެދުގައި قبر ގެ ވާތްފަރާތުން، ނަރަކައާއި ދިމާ އަށްވެސް ދޮރެއް ހުޅުއްވައިފާ ހުއްޓެވެ. ދެން އެނަރަކައިގެ ހަރުފަތަކާއި ނަގުލަންދާށި ތަކާއި، ކަސްތަޅުތަކާއި، ހިލިހިލާ ތަކާއި حَمِيم އެވެކިޔޭ ދިޔަވަރާއި އެނަރަކައިގައިވާހައި އެއްޗެއް، ފެނިދާނެއެވެ. ދެން އެމީހާ ވަރަށްބޮޑަށް ބިރުގަތީމާ، އެދެބެއިކަލުން ވިދާޅުވާނެތޭ. ކަލޭގެމައްޗަށް ބިރެއްނެތެވެ. މިއީ ކަލޭގެއަށް ނަރަކައިން ހުރިތަނެވެ. އެތަން ބަދަލު ކުރައްވައި އޭގެ ބަދަލުގައި ސުވަރުގެއިން ކަލޭގެއަށް ދެއްވި ތަން އެހެރީއެވެ. ދެން ބާއްޖަވެރި ކަންލިބިގެންވާ حال ގައި ނިދާން އޮންނާށެވެ. ދެން އެދެބެއިކަލުން އެހުޅުއްވި ނަރަކައިގެ ދޮރު ލައްޕަވައިފައި ވަޑައިގެންފާނެތެވެ. ދެން އެމީހާގެ މައްޗަށް ހިގާ މައްސަރުތަކެއް އަހަރުތަކެއް އެމީހާއަކަށް ނުއެގޭހުއްޓެވެ. މީސްތަކުންގެ ތެރެއިން އެބެއިކަލުންގެ ސުވާލުތަކުގެ ޖަވާބުދިނުމަށް ދޫ ބަންދުވާ މީހުންވެއެވެ. އެކިއެކި ސުވާލުގެ ޖަވާބު ދިނުން އެކިގޮތްގޮތުން ދަތިވެދެއެވެ.
 
- ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީން ލިޔުއްވާފައިވާ " اللَّمْعَةُ الظَّاهِرَة- ޤިޔާމަތުގެ ވާހަކަ" ފޮތުން
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ