ހުޅުމާލޭގެ ބޮޑު މިސްކިތުގެ މަޝްރޫއަށް ފައިސާ ހަމަޖެހިއްޖެ

ހުޅުމާލޭގައި ބިނާކުރުމަށް ހަމަޖެހިފައިވާ ބޮޑު މިސްކިތް ނުވަތަ ގްރޭންޑް މޮސްކް މަޝްރޫއަށް ފައިނޭންސްކުރުމުގެ އެއްބަސްވުމުގައި ސައުދީ އަރަބިއްޔާގެ ކުންފުންޏަކާއެކު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މަދީނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ޝަހީމް މީޑިއާއަށް ފޮނުވި މެސެޖުގައި ވިދާޅުވެފައިވަނީ ހުޅުމާލޭގައި ބިނާކުރުމަށް ހަމަޖެހިފައިވާ ބޮޑު މިސްކިތް މަޝްރޫއަށް ފައިނޭންސްކުރުމުގެ އެއްބަސްވުމުގައި ސައުދީ އަރަބިއްޔާގެ ރާޖިހީ ކޮންޕެނީއާއެކު މިއަދު ސޮއިކުރެވިފައިވާ ކަމަށާއި، މަސައްކަތް ކުރަމުންދަނީ ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ މުނާސަބަތާ ގުޅުވައިގެން  އެ މިސްކިތުގެ އަމަލީ މަސައްކަތް ފެށުމަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ އެ މިސްކިތުގެ ކޮންސެޕްޓް މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި، މިހާރު ކުރިއަށް ދަނީ ބޭރުގެ ތަޖުރިބާކާރުންގެ އެހީގައި ތަފްސީލީ ޑިޒައިން އެކުލަވައިލުމުގެ މަސައްކަތް ކަމަށެވެ.
އަދި މި މިސްކިތް ބިނާކުރާނީ ވަގުފު ބިނާތަކާއި، ކޮމާޝަލް ބިލްޑިންގް އަދި ޕާކިންގް ހިމެނޭހެން ކޮމްޕްލެކްސްއެއްގެ ގޮތުގައި ކަމަށާއި މީގެ އިތުރުން މިސްކިތުގައި ޤުރުއާން މިއުޒިޔަމެއްވެސް ހުންނާނެ ކަމަށްވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.
މި މިސްކިތް ބިނާކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގެ ފޭސް 2 އާއި ފޭސް 3 އާ ދެމެދުގައެވެ. މި މިސްކިތުގައި ގާތްގަނޑަކަށް 10,000 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭނެ ކަމަށް އިސްލާމީ ވުޒާރާއިން މީގެ ކުރިން ވަނީ ހާމަކޮށްފައެވެ.
އެ މިސްކިތުގެ ކޮންސެޕްޓްގެ ޑިޒައިނިން މަރުހަލާއިން ފެށިގެން ހުރިހާ ކަމަކަށް ފަންޑުކުރަނީ މިސްކިތް ބިނާކޮށްދޭ ފަރާތުން ކަމަށާއި، އަދި މިސްކިތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ފަންޑުކުރާ ފަރާތުގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށްވެސް އެ މިނިސްޓްރީން ހާމަކޮށްފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ ބަޔާނުގައި އިއުލާންކުރެއްވި މި މިސްކިތުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ސެޕްޓެމްބަރުގެ ތެރޭގައި ކަމަށެވެ.
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ