މުލީގައި 10 ކްލާސްރޫމްގެ އިމާރާތެއް ތަރައްޤީކުރުމަށް އެމްޓީސީސީއަށް

މުލީގައި ހުންނަ މ.އަތޮޅު ތަޢުލީމީ މަރުކަޒުގައި އިތުރު އިމާރާތެއް ބިނާކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
މުލީގައި ހުންނަ މ.އަތޮޅު ތަޢުލީމީ މަރުކަޒުގައި އިތުރު ޢިމާރާތެއް ބިނާކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން، 3 ފަންގިފިލާގެ ޢިމާރާތެއް ބިނާކުރުމަށްވަނީ ހަމަޖެހިފައެވެ.
މި އިމާރާތުގައި 10 ކްލާސްރޫމާއި، ލައިބްރަރީއަކާއި އޭވީ ރޫމަކާއި، ހެލްތު ރޫމެއްވެސް ހެދުމަށްވަނީ ހަމަޖެހިފައެވެ. ބަޖެޓުން 18.8 މިލިޔަން ރުފިޔާއަށް އަހަރެއްގެ ތެރޭގައި މަސައްކަތް ނިންމާގޮތަށްވަނީ އެމްޓީސީސީއާއި ހަވާލުކޮށްފައެވެ.
އާބާދީގައި 1020 މީހުންގެ ދިރިއުޅޭ މުލީ ސްކޫލްގައި 240 ދަރިވަރުން އަންނަނީ ތަޢުލީމު ޙާސިލްކުރަމުންނެވެ. އެއީ އަތޮޅުގެ ވެރިކަންކުރާ ރަށްކަމުން އެހެން ރަށްރަށުންވެސް އެރަށަށް ތަޢުލީމު ޙާސިލުކުރުމަށް ދަރިވަރުން ދެއެވެ. އެހެންކަމުން އައު ޢިމާރާތާއެކު ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ލިބިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.
ތައުލީމީ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ޑރ. ޢަބްދުއްލަޠީފް މުޙައްމަދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޖަމްޝީދެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ