ގިނަ ބައަކަށް ދަމުނަމާދުކުރަން ފަށައިނުގަނެވޭ އެންމެ ބޮޑު ސަބަބަކީ ޤަވާއިދުކޮށް ނުކުރެވިދާނެތީ ގަންނަ ބިރެވެ. އެބިރަށް ނުފަށައި ހުންނަންވެއްޖެނަމަ މުޅިޢުމުރުގައިވެސް ޖެހޭނީ ހުންނާށެވެ. ވީމާ އެކަމަށް ބިރުނުގަނެ ހެޔޮ ނިޔަތުގައި ކުރިމަތިލާށެވެ.
ދަމުނަމާދުކުރަން ފަށަން ބޭނުންވި ނަމަވެސް ގިނަ ބައަކަށް ދަމުނަމާދަކީ ކުރަން ފަށައިގަންނަން އެހައިފަސޭހަ ނަމާދަކަށް ނުވެދާނެއެވެ. އެންމެ ބޮޑުސަބަބަކީ ނިދުމަށްފަހު ހޭލަން އުނދަގޫވާނެތީއެވެ. ނަމަވެސް ދަމުނަމާދުކުރަން ޝައުޤުވެރިވެ ހޭލަން މަސައްކަތްކުރަން ފެށުމުން އެއީ ކުރަން އުނދަގޫ ކަމެއް ނޫނެވެ. ބޭނުންވާނީ ކުޑަކުޑަ ހިތްވަރެކެވެ.
ދަމުނަމާދު ނުކުރާ މީހަކު އަލަށް ކުރަން ފަށަން އުޅޭއިރު ކުރިމަތިވާނެ ބައެއް އުނދަގޫތައް ހުރެދާނެއެވެ. ރޭގަނޑުން ބައެއްގައި ހޭލާ އުޅެފިނަމަ ދެން ވެދާނެ ގޮތަކާއިމެދު ކަންބޮޑުވެދާނެއެވެ. ޚާއްޞަކޮށް ހެނދުނު ވަޒީފާއަށްދާނަމަ ކަންބޮޑުވުން އިތުރު ހުރަހަކަށްވެސް ވެދާނެއެވެ.
ގިނަ ބައަކު ދަމުނަމާދުކުރަން ފަށަން ބޭނުންވެއެވެ. ނަމަވެސް ކަންކަން ހުންނަ ގޮތުން ނުހޭލެވެނީއެވެ. ހެނދުނު މަސައްކަތު ދާން ގަޑިއަށް ނުހޭލެވިދާނެތީ ބިރުން ރޭ ގަނޑުން ބައެއް ހޭދަކޮށްލަން ޖެހިލުންވަނީއެވެ.
އެފަދަ މީހުންނަށް ބުނަން އޮތީ ހަފްތާ ބަންދެއްގައި ދަމުނަމާދުކުރަން ފަށާށެވެ! އެއިރުން މަސައްކަތު ދާން ނުޖެހޭ 2 ދުވަސް ލިބޭނެއެވެ. އެ 2 ރޭ އިޚްލާޞްތެރިކަމާއިއެކު ދަމުނަމާދުކޮށްފިނަމަ 3 ވަނަ ރޭ ދަމު ނަމާދަށް ނުހޭލައި ނިދަން ނުވެސް އޮވެވޭނެއެވެ. އެހެނީ އެއްވެސް މީހަކު އިޚްލާޞްތެރިކަމާއިއެކު އަޅުކަމެއް ކުރަން ފަށައިފިނަމަ ﷲ ތަޢާލާ އެކަމެއް އެމީހަކަށް ހިންމަވައި ދެއްވަވާނެތެވެ!
ދަމުނަމާދަކ ސުންނަތް ނަމާދުތަކުގެ ތެރެއިން އެންމެ އިތުރުކަންބޮޑު ނަމާދެވެ. އަދި ކީއްހެއްޔެވެ؟ އެއީ ތިމާ އާއި ﷲ ތަޢާލާ އާއި ގުޅުވައިދޭ ފާލަމެކެވެ. އެފާލަން ހުރަސްކުރަން މީހުންނަށް ﷲ ތަޢާލާ އެކަމަށް މަގުފަހިކޮށް ދެއްވަވާނެތެވެ.
އީމާންކަމުގެ ހަޤީޤީ އުފާވެރިކަން ޙާޞިލުކުރެވޭނީވެސް ދަމުނަމާދުކޮށްގެންނެވެ. އެހެން މިބުނަނީ ދަމުނަމާދުކުރަން ފެށުމުން އެމީހެއްގެ ހިތުގައި އީމާންކަން ވަރުގަދަވާނެތީއެވެ. ﷲ ތަޢާލާ އާއި ތިމާ އާއި އޮންނަ ގުޅުން ބަދަހިވާކަން އިޙްޞާޞްކުރެވޭނެތީއެވެ. އެކަމުން ލިބޭ ހިތްހަމަޖެހުމުގެ ބޮޑުކަން އެނގޭނީ ހަމަ ދަމުނަމާދުކުރާ މީހުންނަށެވެ.
- މުފްތީ މެންކުގެ ދަރުސަކުން
ރޭއަޅުކަންކުރަން ފަށައިގަންނަން ބޭނުންވާ މީހުންނަށް އެންމެ ފަސޭހައިން ފަށައިގަނެވޭނެ މަގު-
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ