ވަތަނީ ޚިދުމަތުގެ ދެވަނަ ބުރު 344 ބައިވެރިން ފުރިހަމަކޮށްފި

ދިވެހި ވަޠަނީ ޚިދުމަތުގެ ދެވަނަ ބެޗުގެ އަސާސީ ތަމްރީނުތައް ނިންމައި 344 ދަރިވަރުން މިއަދު ދަސްވެނިވެއްޖެއެވެ. މިކަމަށްޓަކައި ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައިވަނީ ޅ. މާފިލާފުށީގައި ހުންނަ އެމްއެންޑީއެފްގެ ކޮމްޕޮސިޓް ޓްރެއިނިން ސެންޓަރުގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިފާޢީ އަދި ވަޠަނީ ޚިދުމަތާއި ބެހޭ ވަޒީރު ޙަސަން ރަޝީދުއެވެ.
މިދިޔަ ޖަނަވަރީ މަހުގެ 31 ވަނަ ދުވަހު ފެށި މި ތަމްރީނު ޕްރޮގްރާމަކީ ތިން މަސްދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ. ރާއްޖޭގެ 112 ރަށަކުން 350 ބައިވެރިންނާއެކު ފެށި މި ބުރުން ދަސްވެނިވި 344 ބައިވެރިންގެ ތެރޭގައި ހިމެނެނީ 64 އަންހެން ދަރިވަރުންނާއި 286 ފިރިހެން ދަރިވަރުންނެވެ. ރަސްމިއްޔާތުގައި ދަރިވަރުން ވަނީ އަޒުމް ކަށަވަރުކޮށް، ޝަރަފުގެ ހިނގާލުމެއް ބާއްވާފައެވެ.
ތަމްރީނު ފުރިހަމަކުރި ދަރިވަރުންނަށް ވަނީ ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރޭނިންގ ސެޓްފިކެޓާއި، ސިވިލް އެޑިއުކޭޝަން އެންޑް ލީޑަރޝިޕްގެ ސެޓްފިކެޓް 3 ގެ އިތުރުން، ކޮމިއުނިޓީ ވޮލަންޓިއަރ ފަޔަރ ފައިޓަރ، ބޭސިކް ފަސްޓް އެއިޑް އަދި ޕިއަރ އެޑިއުކޭޝަން ޓްރެއިނިންގ ފުރިހަމަކުރިކަމުގެ ސެޓްފިކެޓްތައް ދީފައެވެ. މި ޕްރޮގްރާމުގައި ދިވެހި ޤައުމިއްޔަތާއި، ޒިންމާދާރު ރައްޔިތުކަމާއި، ދީނީ ތަޢުލީމުގެ އިތުރުން ލީޑަރޝިޕާއި ކަސްރަތުގެ ތަމްރީނުތައް ވަނީ ކުރިއަށްގެންގޮސްފައެވެ.
ސަރުކާރުން ހާމަކުރައްވާފައިވާ ގޮތުގައި، މި ބުރުން ހޮވޭ ދަރިވަރުންނަށް ބ. އަތޮޅު ކިހާދޫގެ ޓެކްނިކަލް އެންޑް ވޮކޭޝަނަލް ސެންޓަރުގައި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުތައް ފުރިހަމަކުރުމުގެ ފުރުސަތު ލިބޭނެއެވެ. އަދި އެހެން ދަރިވަރުންނަށް އެ ކުދިން ޝައުޤުވެރިވާ ދާއިރާތަކުން ވަޒީފާ ހަމަޖައްސައިދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތިން ކުރިއަށްގެންދާ މި ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ ދިވެހި ޒުވާނުންގެ މެދުގައި ޤައުމިއްޔަތުގެ ރޫޙު އާލާކޮށް، ޖިސްމާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ، އަޚްލާޤު ރަނގަޅު ޖީލެއް ބިނާކުރުމެވެ. މި ޕްރޮގްރާމަށް ޒުވާނުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުންދާކަން ފާހަގަކުރެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ