ދަރިވަރުން ސްކޫލަށް ނުދާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވެއްޖެ

މި ދުވަސްވަރު ގާތްގަނޑަކަށް 8،000 އެއްހާ ދަރިވަރުން ސްކޫލަށް ހާޒިރުނުވާ ކަމަށާއި އެއީ ހައްލު ހޯދަން ޖެހިފައިވާ ކަމެއް ކަމަށް އެޑިއުކޭޝަން މިނިސްޓަރު އިސްމާއީލް ޝަފީއު ވިދާޅުވެއްޖެ އެވެ. ކީސްޓޭޖް-3 2025ގެ ނެޝަނަލް އެސެސްމަންޓް އޮފް ލާނިން އައުޓްކަމްސް ރިޕޯޓް އާންމު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ދަރިވަރުންގެ ނަތީޖާ އެކަށީގެންވާ މިންވަރެއްގައި ހިފެހެއްޓުމަށް ސްކޫލަށް ހާޒިރުވާން ޖެހޭނެ ކަމަށެވެ. ނަމަވެސް މިދުވަސްވަރު ގިނަ އަދަދެއްގެ ދަރިވަރުން ސްކޫލަށް ހާޒިރުނުވާކަން ފާހަގަވެފައިވާ ކަމަށާއި އަދި އެއީ ކަންބޮޑުވާންޖެހޭ ކަމެއް ވެސް މިނިސްޓަރު ޝަފީއު ވިދާޅުވި އެވެ. "އަޅުގަނޑުމެން ބެލެނިވެރިން، މުދައްރިސުން، އެންމެންގެ ލެވެލްގައި ވެސް މިކަމާ ދޭތެރޭ ވިސްނަން އެބަޖެހޭ. ހާއްސަކޮށް ބެލެނިވެރިން ވިސްނަން އެބަޖެހޭ. އެނގޭ މިއީ ވޯލްޑްކަޕް ދުވަސްވަރުކަން. އެހެން ނަމަވެސް އަށެއްކަ ހާސް ދަރިވަރުން ސްކޫލަށް ނުދިއުމަކީ އެއީ އަޅުގަނޑުމެން ކަންބޮޑުވާ ކަމެއް،" މިނިސްޓަރު ޝަފީއު ވިދާޅުވި އެވެ.މި މައްސަލަ ހައްލުކުރުމަށްޓަކައި، ދަރިވަރުން ސްކޫލަށް ދާ މިންވަރު ބެލުމަށް މިދިޔަ މަހު ހާއްސަ ޕްލެޓްފޯމެއް ގާއިމްކޮށް މަސައްކަތްތަކެއް ފަށާފައިވާ ކަމަށާއި، އޭގެ ސަބަބުން ދަރިވަރުންގެ ހާޒިރީ ވަޒަންކުރަން ފަސޭހަވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.މިނިސްޓަރު އިތުރަށް ވިދާޅުވީ ސްކޫލަށް ނުދިއުމުގެ އާދަ ހަރުލައިފިނަމަ، ދަރިވަރުން ސްކޫލަށް ދާން ބޭނުންނުވާ ހާލަތަކަށް ގޮސްދާނެ ކަމަށެވެ. މިއީ ބެލެނިވެރިންނާއި މުދައްރިސުންނަށް ވެސް ކުރިމަތިވާނެ ބޮޑު ގޮންޖެހުމެއް ކަމަށާއި، އެންމެ ކުއްޖަކު ވެސް ސްކޫލަށް ނުގޮސް ހުރެގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.ވޯލްޑް ކަޕް މިފަހަރު ބާއްވަނީ އުތުރު އެމެރިކާގެ ތިން ގައުމު ކަމަށްވާ މެކްސިކޯ، ކެނެޑާ އަދި އެމެރިކާގަ އެވެ. އެ ގައުމުތަކުގައި މެޗުތައް ކުޅޭތީ ގިނަ މެޗުތައް ފަށަނީ ވަރަށް ދަން ގަޑީގަ އެވެ. އަދި ބައެއް މެޗުތައް ފަތިހާއި ހެނދުނު ދަރިވަރުން ސްކޫލުގައި ތިބޭ ގަޑިތަކުގައި ވެސް ފަށަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ