ރާއްޖޭގެ ފަތުރުވެރިކަން ފުޅާކުރުމަށް ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ޗައިނާއަށް

ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ފުރައިފިއެވެ. މި ދަތުރުފުޅުގެ މައިގަނޑު މަގުސަދަކީ ޗައިނާގެ މާކެޓުގައި ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއަރުވައި، އެ ގައުމުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމެވެ.
މި މަހުގެ 1 އިން 11 އަށް ކުރިއަށްދާ މި ދަތުރުފުޅުގައި ސަރުކާރާއި ސަރުކާރު ހިއްސާވާ ފަތުރުވެރިކަމާ ގުޅުންހުރި ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ. މި ވަފުދު އިސްކޮށް ހުންނެވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން ހާރިސް މުހައްމަދާއި، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީ.އެމް.ސީ) ގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ޝިއުރީއެވެ.
މި ވަފުދުގައި ވިޒިޓް މޯލްޑިވްސްގެ އިތުރުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އާއި، ގައުމީ އެއާލައިން މޯލްޑިވިއަން އަދި ފަތުރުވެރިކަމުގެ ދާއިރާގެ އިސް ޖަމިއްޔާތަކުގެ މަންދޫބުން ހިމެނެއެވެ. މި ދަތުރުފުޅުގައި ޗައިނާގެ ތިން ބޮޑު ސިޓީއެއް ކަމަށްވާ ބެއިޖިންގ، ޝަންހާއީ އަދި ޗެންގްދޫއަށް ޒިޔާރަތްކޮށް، އެ ގައުމުގެ އެއާލައިންތަކާއި ޓުއާ އޮޕަރޭޓަރުންނާ ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.
މެދުއިރުމަތީގެ މަޝްރަހާއި ދަތުރުފަތުރަށް ހުރަސްއެޅޭ އެކި ގޮންޖެހުންތަކާ ހުރެ ދުނިޔޭގެ ފަތުރުވެރިކަމަށް ދަތިތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި، މި ދަތުރުފުޅަކީ ރާއްޖޭގެ މުހިންމު މާކެޓްތައް ވަރުގަދަކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ބައެކެވެ. ޗައިނާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި އެންމެ މުހިންމު އެއް މާކެޓެވެ.
ފަތުރުވެރިކަމާ ބެހޭ މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ޗައިނާއިން 168,677 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 19.8 އިންސައްތައިގެ ކުރިއެރުމެކެވެ. މި ދަތުރުފުޅުގެ ސަބަބުން މި އަދަދު އިތުރަށް މަތިވެގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ