ރައީސުލްޖުމްހޫރިއްޔާގެ މަގާމު އަދާކޮށްފައިވާ ބޭފުޅުންނަށް ދައުލަތުން ސެކިއުރިޓީ ފޯރުކޮށްދިނުމަކީ، އެ ބޭފުޅުން ކުރައްވާ ވަކި ހާއްސަ ސިޔާސީ މަސައްކަތަކަށް ނުވަތަ ހުންނަވާ ސިޔާސީ ފިކުރަކަށް ބަލައިގެން ދޭ އިނާޔަތެއް ނޫނެވެ. އެއީ ދައުލަތުގެ އެންމެ މަތީ ވެރިކަން ކުރައްވާފައިވާ ބޭފުޅުންގެ ހައިސިއްޔަތުން، ގާނޫނުން އެ ބޭފުޅުންނަށް ކަށަވަރުކޮށްދޭންޖެހޭ އަސާސީ ރައްކާތެރިކަމެކެވެ.
ނަމަވެސް ރައީސް މުހައްމަދު މުއިއްޒުގެ މުށުތެރޭގައި އޮތް ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ހޯމަ ދުވަހު ނިންމި ނިންމުމަކީ ސީދާ ވަކި ޝަހުސިއްޔަތުތަކަކަށް އަމާޒުކޮށް، އެ ބޭފުޅުންގެ ސިޔާސީ ހަރަކާތްތައް ހަނިކުރުމުގެ ނުބައި ނިޔަތުގައި ކުރި ކަމެކެވެ.
މުޒާހަރާކުރުމާއި، ހިޔާލުފާޅުކުރުމާއި، އެއްވެއުޅުމަކީ ގާނޫނުއަސާސީގެ 27 އަދި 32 ވަނަ މާއްދާއިން ކޮންމެ ދިވެހި ރައްޔިތަކަށް ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތަކެކެވެ. ކުރީގެ ރައީސުންނަކީ ވެސް ދިވެހި ރައްޔިތުންނަށް ވީތީވެ، އެ ބޭފުޅުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަކީ ގާނޫނީ ގޮތުން މަނާކުރެވޭނެ ކަމެއް ނޫނެވެ. ހުރަސް އެޅޭނެ ކަމެއް ނޫނެވެ. ގާނޫނުން ކަށަވަރުކޮށްދޭ ރައްކާތެރިކަން ނެގޭނެ ކަމެއް ނޫނެވެ.
މުޒާހަރާއަކަށް ވަޑައިގަތުމުން ސެކިއުރިޓީ ކަނޑާލުމަކީ، ނުސީދާ ގޮތެއްގައި އެ ބޭފުޅުންގެ އަސާސީ ހައްގުތައް ބޭނުންކުރުމަށް ހުރަސްއަޅައި، ބިރު ދެއްކުމެވެ. މިއީ ގާނޫނުއަސާސީއާ ސީދާ ހިލާފު އަމަލެކެވެ.
"241 ކޮމިޓީގެ ނިންމުމަކީ ދެކޮޅު ނުޖެހޭ ނިންމުމެއް. މިހާރު އޮތް ކުރީގެ ރައީސުންނަށް އިނާޔަތް ދިނުމާއި ރައްކާތެރިކަން ދިނުމުގެ ގާނޫނު އިސްލާހު ނުކޮށް މިފަދަ ބަދަލެއް ނުގެނެވޭނެ. އަދި ދެކޮޅު ނުޖެހޭ އަނެއް ކަމަކީ މުޒާހަރާއަކަށް ދާނަމަ ސެކިއުރިޓީ ނުދޭން ނިންމިއިރު، އެފަދަ ހާލަތެއްގައި ލިބޭ އަނިޔާއަށް ފަރުވާ ދޭން މި ޖެހެނީ ދައުލަތުގެ ހަރަދުގައި،" ސިފައިންގެ އާއި ފުލުހުންގެ ހިދުމަތުގައި ގިނަ އަހަރުތަކެއްގައި އުޅުއްވި ސެކިއުރިޓީ ދާއިރާގެ އެކްސްޕާޓަކު ވިދާޅުވި އެވެ.
ކުރީގެ ރައީސުންނަށް ސެކިއުރިޓީ ބޭނުންވަނީ އެ ބޭފުޅުން ކުރައްވާ ކަންކަމުގެ ސަބަބުން އެކަންޏެއް ނޫނެވެ. އެ ބޭފުޅުންގެ މަގާމުގެ ހައިސިއްޔަތުންނާއި، ގައުމީ ސިއްރުތައް އެނގިވަޑައިގަންނަވާ ބޭފުޅުންނަށް ވުމުން، އަދި އެ ބޭފުޅުންނާމެދު ބައެއްގެ ނުވަތަ މީހެއްގެ ހިތުގައި އުފެދިފައި އޮވެދާނެ ނަފުރަތެއް، ރުޅިވެރިކަމެއްގެ ސަބަބުން، ނުވަތަ ހިތްހަމަނުޖެހުމެއްގެ ސަބަބުން އެ ބޭފުޅުންގެ ޖާނާއި ފުރާނައަށް އޮންނަ ނުރައްކާ އަބަދުވެސް ބޮޑެވެ.
ހާއްސަކޮށް، މީހުން ގިނަ މުޒާހަރާއެއް ފަދަ ތަނަކަށް ވަޑައިގަންނަވާ ވަގުތަކީ ސެކިއުރިޓީގެ ނަޒަރަކުން ބަލާއިރު އެންމެ ނުރައްކާ ބޮޑުވާނެ ވަގުތެވެ. އެފަދަ ވަގުތެއްގައި ސެކިއުރިޓީ މެދުކަނޑާލުމަކީ އެ ބޭފުޅުންގެ ފުރާނަ ގަސްތުގައި ނުރައްކަލުގެ ތެރެއަށް ދޫކޮށްލުމެވެ.
"ޓެރަރިސްޓެއް ނޫން ކޮންމެހެން ހަމަލާ ދޭނީ. ހިތްހަމަ ނުޖެހިފައި، ނުވަތަ ސިކުނޑީގައި އުނިކަމެއް ހުންނަ މީހަކު ވެސް ހަމަލާ ދީފާނެ. ކުރީގެ ރައީސުންނަށް ރައްކާތެރިކަން އެންމެ ބޮޑަށް ބޭނުންވާނެ އެއް ހާލަތަކީ މުޒާހަރާ ނުވަތަ ސިޔާސީ ހަރަކާތްތަކުގައި މަގުމަތީގައި އުޅުއްވާ ވަގުތު. އެފަދަ ތަންތަނުގައި ރައްކާތެރިކަން ނުލިބޭ ގޮތަށް އޮތުމަކީ ގަސްތުގައި ފުރާނަ ނުރައްކަލަށް ދޫކޮށްލުން،" ސެކިއުރިޓީ އެކްސްޕާޓު ވިދާޅުވި އެވެ.
މަޖިލީހުގެ ކޮމިޓީގެ އަސްލު އަމާޒަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުއްޓުވުމެވެ. ނަމަވެސް ވަކި މީހަކަށް ނުވަތަ ވަކި ހާލަތަކަށް އަމާޒުކޮށްގެން ދައުލަތުގެ ގަވާއިދުތަކާއި ގާނޫނުތައް ބަދަލުކުރުމަކީ ގާނޫނީ އުސޫލުތަކާ މުޅިން ހިލާފު ކަމެކެވެ.
މިއަދު ވެރިކަމުގައި ހުންނެވި މުއިއްޒު މާދަމާ ހުންނަވާނީ ކުރީގެ ރައީސުންގެ ސަފުގަ އެވެ. މިއަދު އެ މަނިކުފާނުގެ މަގުބޫލްކަން ދަށްވެ، ގޯހަކަށް ފަހު ގޯހެއް ހައްދަވަމުންދާއިރު، އެކަންކަން ހުއްޓުވައި ހަމަމަގަށް އެޅުވުމަށް ނުވަތަ މި ވެރިކަން ބަދަލު ކުރަން އިދިކޮޅު ތިން ލީޑަރުން އެކުގައި ނުކުތުމާއި އެ ވާހަކަތައް ދެއްކުމަކީ ތިން ރައީސުންގެ ހައްގުތަކާއި ރައްކާތެރިކަން ފޭރިގަނެވޭނެ ކަމެއް ނޫނެވެ. ވެރިކަމުގައި ކޮންމެ މީހަކު ހުއްޓަސް އެއީ ކޮށްގެންވާނެ ކަމެއް ނޫނެވެ. އަދި އެމްއެންޑީއެފުން އެކަމަށް ރުހިގެންވާނެ ކަމެއް ވެސް ނޫނެވެ.
"މިހާރު އޮތް އުސޫލުގެ ތެރެއިން ވެސް ހައްލުތައް އެބަހުރި. މުޒާހަރާ ހޫނުވެ ސެކިއުރިޓީ ދޭ މީހާ އަށް ނުރައްކަލެއް އޮތް ކަމަށް ހަށިފާރަވެރިންނަށް ގަބޫލު ކުރެވިއްޖެ ނަަމަ، އެ ބޭފުޅަކަށް މައިދާން ދޫކޮށްފައި ދާން އެންގޭނެ. އެ ބޭފުޅަކު ވަޑައިނުގެންފި ނަމަ ސެކިއުރިޓީންނަށް އެތަން ދޫކޮށްފައި ދެވިދާނެ،" ނޫހުގައި ނަން ނުޖެހުމަށް ޝަރުތުކޮށް މައުލޫމާތު އެނގޭ މަސްދަރަކުން ބުންޏެވެ.
މުއިއްޒުގެ ރުހުން ނެތި މިފަދަ ބޮޑު ކަމެއް ޕީއެންސީގެ މެޖޯރިޓީ އޮތް ކޮމިޓީއަކުން ނިންމާނެ ކަމަށް ގަބޫލެއް ނުކުރެވެ އެވެ. ކޮމިޓީން މިކަން ނިންމީ ކޮމިޓީގައި ތިއްބެވި ޕީއެންސީ ނޫން އެހެން މެންބަރުން ދެއްވި ހިޔާލާއި މަޝްވަރާއަށް ބަލައިލުމެއް ވެސް ނެތި އެވެ. އަދި ކުރީގެ ރައީސުންނަށް ސެކިއުރިޓީ ދިނުމުގެ ޒިންމާ އޮތް އެމްއެންޑީއެފުގެ ބަހެއް، ހިޔާލެއް ހޯދަން ވެސް ބޭނުމެއް ނުވި އެވެ.
މިފަދަ ނިންމުމެއް ނިންމުމަކީ ޑިމޮކްރެޓިކް ހަމަތަކުން ފަހަތަށް އެޅުނު ފިޔަވަޅެކެވެ. ސިޔާސީ ހިޔާލުތަފާތުވުންތަކަށް ޖަވާބުދޭންޖެހޭނީ ސިޔާސީ މައިދާނުގަ އެވެ. ދައުލަތުގެ ސަލާމަތީ ބާރުތަކާއި، ގާނޫނީ ރައްކާތެރިކަމުގެ ނިޒާމު ހަތިޔާރަކަށް ހަދައިގެން ފިއްތުންތައް ކުރިމަތިކުރުމަކީ ގައުމުގެ ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެކެވެ.
ކުރީގެ ރައީސުންނަށް ސެކިއުރިޓީ ދިނުން ސިޔާސީ ހަތިޔާރަކަށް ނުހެދޭނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ