ވެރިކަމުގެ ނިޒާމާއި ޕާޓީގެ އޮނިގަނޑަށް ބޮޑު ބަދަލެއް ބޭނުންވޭ: ރައީސް ނަޝީދު

ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާ ގޮތެއްގައި އޮތުމަށްޓަކައި އެމްޑީޕީ ރާއްޖޭގެ ވެރިކަމުގައި އޮތުން މުހިންމުކަމަށާއި، އެކަމަށްޓަކައި ނިޒާމީ ގޮތެއްގައި ބޮޑެތި ބަދަލުތައް ގެންނަން ޖެހޭކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ޗެއާޕާސަން އިންތިހާބުގެ ކެމްޕެއިނަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅުތަކުގައި ރައީސް ނަޝީދު އެންމެ ބޮޑަށް އަލިއަޅުވާލަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް އަންނަން ޖެހޭ ބަދަލުތަކާއި ގުޅޭގޮތުންނެވެ. ހާއްސަކޮށް ރައީސް ނަޝީދާއި، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ގުޅިގެން ހުށަހަޅުއްވާފައިވާ ”ބޮޑު ބަދަލު“ ގެ ބޭނުމަކީ ނިޒާމީ މިފަދަ މައްސަލަތަކަށް ހައްލު ގެނައުންކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.
ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމަށާއި ސިޔާސީ ޕާޓީތަކުގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި އިސްލާހީ ބަދަލުތައް ގެންނަން ޖެހޭއިރު، ރައީސް ނަޝީދު ވިދާޅުވީ އެ ސިޔާސަތުތައް އެކުލަވާލައި ތަންފީޒު ކުރެވޭނީ އެމްޑީޕީއަށް ކަމަށެވެ.
ރައީސް ނަޝީދު ބައިވެރިވި ބައްދަލުވުމުގައި އާންމު މެމްބަރަކު ވަނީ ކުރިޔަށް އޮތް ތަނުގައި އެމްޑީޕީގެ ސަރުކާރެއް އެކުލަވާލުމަށާއި، އެއަށް ފަހު މަސައްކަތްތައް ބައްޓަން ކުރާނެ ގޮތަކީ ކޮބައިތޯ ސުވާލު ކުރައްވާފަ އެވެ. ޖަވާބުގައި ރައީސް ނަޝީދު ވިދާޅުވީ ޕާޓީއަކުން ސަރުކާރާ ހަވާލުވާއިރު އެންމެ މުހިންމު އަމާޒަކަށް ވާންޖެހޭނީ ޕާޓީގެ އޮނިގަނޑު ހަރުދަނާކޮށް، އެ އޮނިގަނޑުގެ ތެރެއިން ގާބިލު މީހުންނަށް ފުރުސަތު ދިނުން ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބުވުމަށްފަހު، އޭރުގެ ޗެއާޕާސަން ހަސަން ލަތީފް އެމަނިކުފާނަށް ވަރަށް ދިގު ލިސްޓެއް ހުށަހެޅުއްވި ކަމަށެވެ. އެއީ ދާއިރާތަކުން އެކި މަގާމުތަކަށް އައްޔަންކުރުމަށް ފޮނުވާފައިވާ ނަންތަކެއް ނަމަވެސް، އޭރު ކަންކަން ހިނގައިދިޔަ ގޮތުން ވެރިކަމުގެ ނިޒާމުގެ ތެރޭގައި ބޮޑެތި މައްސަލަތަކެއް ހުރިކަން ހާމަވެގެން ދިޔަކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިއަދު އެބަ އެނގޭ މި ވެރިކަމުގެ ނިޒާމުގައިވެސް މައްސަލައެއް އެބައޮތްކަން. އަޅުގަނޑުމެންގެ ނިޒާމީ މައްސަލަތަކެއް އެބަހުރި ރާއްޖޭގެ ވެރިކަމުގައިވެސް އަދި މި ޕާޓީތަކުގައިވެސް
ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު އަމިއްލަފުޅަށް ވެރިކަމަށް ވަޑައިގަތުމަށްވުރެ، ޕާޓީގެ ވެރިކަމެއް އޮތުމާއި ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާވުން މާ މުހިންމު ކަމަށެވެ. މިކަންކަން އިސްލާހު ކުރުމަށްޓަކައި ”ބޮޑު ބަދަލު“ ގެ ސިލްސިލާ މަޝްވަރާތަކާއި ވޯކްޝޮޕްތައް ކުރިޔަށް ގެންދާނެކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.
މި މަސައްކަތުގެ މައިގަނޑު ބޭނުމެއްކަމަށް އެމަނިކުފާނު ވިދާޅުވީ ރައްޔިތުންނާ ގާތަށް ގޮސް، ނިޒާމަށް ގެންނަންޖެހޭ ބަދަލުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، ކުރިމަގުގައި ހަރުދަނާ ސަރުކާރެއް އެކުލަވާލުމުގެ ބިންގާ އެޅުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ