ވަރަށް ވެސް ގިނަ ބަޔަކަށް އޮޅުންނުފިލައި އޮންނަކަމެކެވެ. ނުވަތަ ބައެއް މީހުންނަށް އެ ކަން ނޭނގެނީކަމަށް ވެސް ވެދާނެއެވެ. ނޫންނަމަ އެނގުނަސް އެ ގޮތުގައި ހިފަހައްޓަން ބޭނުންވަނީކަމަށް ވެސް ވެދާނެއެވެ. އާދޭހެވެ. ވަރަށް ވެސް ގިނައިން ދެކެވޭ ވާހަކައެކެވެ. އެވެނި މީހަކު މިވެނިކަމެއް ތިމަންނާއަށް ކޮށްދީފައިވެއެވެ. ނަމަވެސް ދެ ރައީސަކު އަޅައިކިޔުމުގައި ބަލަންޖެހޭނީ، އެ ބޭފުޅަކު ތިމާއަށް ކޮށްދެއްވާފައި ހުންނަ ކަންތައްތަކަކަށް ނޫނެވެ. އެންމެންގެ ވެސް ފައިދާއަށް ކޮށްދެއްވާފައި ހުންނަ ކަންތައްތަކަށެވެ. ޤައުމަށް ކޮށްދެއްވާފައި ހުންނަ ކަންތައްތަކަށެވެ. އެހެންނަމަވެސް އެވެނި ބޭފުޅަކު، ތިމާއަށް މިވެނިކަމެއް ކޮށްދެއްވާފައިވެޔޭ ބުނެ، އެ ބޭފުޅަކު ޖައްސަވާހައި ބެރަކަށް ނެށުމަކީ އަޅުގަނޑު ހިތުން މޮޔަކަމެކެވެ. އެހެންނަމަވެސް މިއަދުގެ މަންޒަރުތައް ފެންނަނީ އެއާއި މުޅިން ޚިލާފަށެވެ. މިއަދު މިވަނީ ރަނގަޅާއި ނުބައި އޮޅިފައެވެ. އިންސާފާއި ބޭއިންސާފު އޮޅިފައެވެ. ކަންހުރިގޮތަށް ވާހަކަދެއްކުމުގެ ބަދަލުގައި ހުޝާމަދަށް އިސްކަންދެވިފައެވެ.
އަޅުގަނޑު ދަންނަވައިލަން މި އުޅެނީ އެއް މަޤާމެއް ފުރުއްވައިފައި ތިއްބެވި ދެ ބޭފުޅެއްގެ ވާހަކައެވެ. ބައެއް ސިފަތަށް އެއްގޮތް ނަމަވެސް، އެ ސިފަތަށް މިނެކިރައިލައިފިނަމަ، އެއްކޮޅަށް މާ ބަރުވެފައިވެއެވެ. އާދޭހެވެ. ދެ ލިޔުންތެރިންނެވެ. ދެ ވާހަކަދެއްކުންތެރިންނެވެ. އާދޭހެވެ. މި ޤައުމަށް ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ދެ ރައީސުންނެވެ. ނަމަވެސް އިންސާފުގެ ތަރާދުން އެ ދެބޭފުޅުން ކިރާލައިފިނަމަ ހާސްބައި ތަފާތެވެ. އެ ދެ ރައީސުންނަކީ ތޯއެވެ. އެ ދެ ރައީސުންނަކީ، ތިޔަ ބޭފުޅުންނަށް އިތުރު ތަޢާރަފަކަށް ބޭނުންނުވާނެ، ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމާއި، އެއަށްފަހު ރައީސްކަން ކުރެއްވި ރައީސް، އާދެ ގ.ކެނެރީގޭ މުޙައްމަދު ނަޝީދެވެ. މި ދެ ބޭފުޅުން އަޅައިކިޔުމުގައި ބައެއް ބޭފުޅުންނަށް ވަރަށް އުނދަގޫކަމަކަށް ވެދާނެއެވެ. ޙައްޤަށް ބަސްބުނާ މީހަކު ފިޔަވައެވެ. އަދި ކީއްތަ، އެ ދެ ބޭފުޅުންނާއި ދޭތެރޭ ބަސްބުނެވޭ ގޮތަކުން ހިތްހަމަނުޖެހިދާނެ ބޭފުޅަކު ވެސް ހުރެދާނެއެވެ. ނަމަވެސް ޙައްޤުބަސް އަޑުއަހަން އާދަވެފައިވާ ކަންފަތްތަކަށް، އަޅުގަނޑު މި ދަންނަވާ ވާހަކަތައް އަޑުއަހައިލުމަކަށް އެއްވެސް ދައްޗެއްނުވާނެއެވެ.
ތިޔަ އެންމެ ބޭފުޅުނަށް ވެސް އެނގިވަޑައިގަންނަވާނެ ފަދައިން، ރައީސް ނަޝީދު ވެރިކަމަށް އިސްވެވަޑައިގަތީ، ކުރީގެ ރައީސް މައުމޫން ވެރިކަން ކުރެއްވިތާ އެތައްދުވަހެއް ފަހުންނެވެ. ސިޔާސީ ދާއިރާގައި ރައީސް މައުމޫން އެތައް ތަޖުރިބާއެއްކުރެއްވި ފަހުންނެވެ. ރައީސެއްގެ ގޮތުން ގުނައި އަދަދުނުކުރެވޭ ފަދަ ތަޖުރިބާތަކުން ރައީސް މައުމޫންގެ ހަޔާތްޕުޅުގެ ސަފުހާތައް ފުރިފައިވަނިކޮށެވެ. ޙަޤީޤަތަށް ދަންނަވާނަމަ، އެމްޑީޕީ ވުޖޫދުވެގެން އައިއިރު ރައީސް ނަޝިދަކީ ކުޑަކުއްޖެކެވެ. އަޅުގަނޑު މިހެން މިދެންނެވީ، ރައީސް މައުމޫނަށް ކުރެއްވެވިފައި ހުރި ތަޖުރިބާތަކެއް، އެ މަނިކުފާނަށް އޭރު ނުކުރެއްވެވޭތީއެވެ. އަދި ރައީސެއްގެ މަޤާމަށް ވަޑައިގަންނަވާ ބޭފުޅެއްގެ ސިކުނޑި ތަނަވަސްވާންޖެހޭ ވަރަށް، ރައީސް ނަޝީދުގެ ސިކުނޑި އޭރު ތަރައްޤީވެފައިނުވާތީއެވެ. ލީޑަރެއްގެ ގައިގައި ހުންނަންޖެހޭ އެންމެ މުހިންމު އެއްސިފަ، އާދެ! ރައްޔިތުންތަކެއް ގޮވައިގެން ޤައުމު ބައްޓަންކުރަން އެނގިވަޑައިނުގަންނަވާނެތީއެވެ. ވެރިކަމަށް އަންނަ ބޭފުޅެއްގެ އަޚުލާޤީ ފޭރާން ހުންނަންޖެހޭގޮތަށް ރައީސް ނަޝީދުގެ އަޚުލާޤީ ފޭރާން ތަންނުދޭތީއެވެ. އާދެ! ވީދި ކަފާސްވެފައިވާތީ އިނގޭތޯއެވެ. ވީމާ އިސްވެ މި ދެންނެވި ނުކުތާތަކަށް ބަލައިފައި، އޭރު ރައީސް ނަޝީދަކީ ވެރިކަމަށް ކުފޫ ހަމަވެވަޑައިގަންނަވާ ބޭފުޅެއްކަމަކަށް، ރައްޔިތުންގެ ގިނަ ޢަދަދެއްގެ ބަޔަކު ދެކެފައެއް ނުވެއެވެ. އަދި ކީއްތަ! މި ކަންތައްތައް ވަނީ، މިހާރު ހާމަވެފައެވެ. ރައީސް ނަޝީދުގެ އެންމެ ޢަމަލުފުޅަކުން އަޅުގަނޑު މިދެންނެވި ބަހަށް ބާރުލިބޭނެއެވެ. އާދޭހެވެ! ތިޔަ ހީކުރެއްވީ ރަނގަޅަށެވެ. އެ ޢަމަލުފުޅަކީ، ތިޔަ ހީކުރެއްވި ފަދައިން އަމިއްލައަށް އިސްތިއުފާ ދެއްވުމެވެ. ހަމަގައިމު ވެސް، ހިތްވަރުގަދަ ލީޑަރެއްނަމަ، އެހާ ފަސޭހައަކުން އިސްތިއުފާއެއް ނުދެއްވާނެއެވެ. އެނގިފާޅުވެގެންވާ ފަދައިން އެ މަނިކުފާނަކަށް މަޖުބޫރެއް ނުކުރެއެވެ. ވެރިކަމުން އިސްތިއުފާދެއްވީ އަމަ އަމިއްލަފުޅަށެވެ.
ރައީސް ނަޝީދު ވާހަކަތައް ދެންނެވޭ މި ހިނދުގައި، އަޅުގަނޑުގެ ނަޒަރަކުން ރައީސް މައުމޫން ކެހިގެނެއް ނުދެއެވެ. އެެ މަނިކުފާނޭތޯއެވެ! ދެންނެވުމުގެ ބޭނުމެއް ނެތް ފަދައިން، ރައީސް މައުމޫނަކީ މި ޤައުމަށް ނުހަނު ގަދަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ޚިދުމަތްތެރި ބޭފުޅެކެވެ. ޙިކްމަތްތެރި ލީޑަރެކެވެ. ހިންގުންތެރި ރައީސެކެވެ. ރައްޔިތުންނަށް މަދަދު ފޯރުކޮށްދެއްވި މަދަދުގާރެކެވެ. ރައްޔިތުންނަށް ހެޔޮލަފާގޮތްތަށް ވިދާޅުވެދެއްވި ލަފާދާރެކެވެ. ޤައުމުގެ ކަންކަން ގާތުން ބެއްލެވި ޒިންމާދާރު ވެރިއެކެވެ. އެނގި ހާމަވެގެންވާ ފަދައިން، ރައީސް މައުމޫނަކީ، މުޒާހަރާތަކަށް ނިކުމެވަޑައިގެން ގަދަބަދަވިކަން ދެއްކެވި ބޭފުޅެއްނޫނެވެ. ރައީސް މައުމޫނަކީ، އެހެން މީހުންނަށް އެއްޗެހި ވިދާޅުވެ ހައްދަވާ ބޭފުޅެއްނޫނެވެ. ރައީސް މައުމޫނަކީ ބާރު ލިބިވަޑައިގެން ހުންނެވި ދުވަހު، ބާރުގެ ބޭނުން ނަހަމަގޮތުގައި ކުރެއްވެވި ބޭފުޅެއް ނޫނެވެ. ރައީސް މައުމޫނަކީ، ބޭރު މީހުންނަށް ރޭރުވެގެން އުޅުއްވި ބޭފުޅެއްނޫނެވެ. އަދި ކީއްތަ، ”ލަޓޯފަޓޯ“ ވެގެންނެއް ރައީސް މައުމޫނެއް ނޫޅުއްވައެވެ. އެ މަނިކުފާނު ހުންނެވީ އެ މަނިކުފާނުގެ ސާފު ރީތި ގޮތުގެމަތީގައެވެ. ނަމަވެސް ރައީސް ނަޝީދުގެ ގޮތާއިފޮތާއި، އުޅުންބުޅުން ހުރިގޮތަކީ، މެންދުރުގެ އިރުފަދައިން ފެންނާންހުރިކަންކަމެވެ. އާދޭހެވެ. އެ ހުންނަ އިދިކީލި ގޮތްގަނޑާއި، ބޭއިންސާފު ގޮތްގަނޑު މިހާރުވެސް އެހެރަ ފެންނަމުންދަނީއެވެ.
އަޅުގަނޑު ވަކިވެލާނީ ރައީސް ނަޝީދު ވިދާޅުވިހެން ދެންނެވުމަށް ފަހުގައެވެ. ދާދިފަހުން ”ބޭރު މީހުން“ ގެ ނަމުގައި ރައީސް ނަޝީދު ލިޔުއްވާފައިވާ މަޒުމޫނެއް ސޯޝަލްމީޑިއާގައި ދައުރުވަމުންދިޔައެވެ. އެ ލިޔުމުގައި ރައީސް ނަޝީދު ލިޔުއްވާފައިވެއެވެ.
”އަޅުގަޑު މިބަސްތައް ލިޔުމުން ބައެއް ބޭފުޅުން ނުރުހިދާނެއެވެ. އެހެން ނަމަވެސް މީގެ ފަސް ދިހަ އަހަރުފަހުން މި މައްސަލަ އޮންނާނީ އަދި މާ ބޮޑުވެފައެވެ. އޭރުންވެސް، އަމަލު ކުރާން ޖެހޭނީ އަޅުގަޑު މިއަދު މިދަންނަވާ ބާވަތުގެ ގޮތަކަށެވެ.“ ރައީސް ނަޝީދު
އާދޭހެވެ. އަޅުގަނޑު ވެސް ދަންނަވާނީ، އަޅުގަނޑު މި ބަސްތައް ލިޔުމުން ބައެއް ބޭފުޅުން ނުރުހިދާނެއެވެ. ނަމަވެސް މީގެ ފަސް ދިހަ އަހަރުފަހުން އަދި މި ދެންނެވި ވަރަށްވުރެ މާބޮޑަށް އެނގޭނެއެވެ.
ރައީސް މައުމޫނު އަރިހުގައި، ރައީސް ނަޝީދަށް ފަތިގަނޑު ފިރުކައިލެއްވޭވަރު ވާނެތޯ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ