މި ސަރުކާރުގެ ދަރަނީގެ ޒިންމާ މެމްބަރު އިލްޔާސް އެޅުވީ، މިދިޔަ ސަރުކާރުގެ ބޮލުގައި!

2020 ވަނަ އަހަރުގެ ބަޖެޓްގައި ސަރުކާރުގެ ދަރަނި އިތުރުވަނީ މިދިޔަ ސަރުކާރުން ބަޖެޓް ހޭދަކުރި ގޮތުގެ ސަބަބުން ކަމަށް ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ތުހުމަތުކުރައްވައިފިއެވެ.
ރައޔްިތުންގެ މަޖިލީހުގައި ބަޖެޓަށް ބަޙުސްކުރައްވަމުން، އިލްޔާސް ވަނީ ގައުމުގެ އުފެއްދުންތެރިކަމުގެ ނިސްބަތަށް ބަލާ އިރު ދަރަނި 80 އިންސައްތަ އަށް ވުރެ އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އޭނާ ވިދާޅުވީ އެކަން އެގޮތަށް ހިނގަން މެދުވެރިވީ މިދިޔަ ސަރުކާރުން ވިސްނުމަކާއި ނުލާ ބަޖެޓް ހޭދަކުރުމުން ކަމަށެވެ. އެގޮތުން މިދިޔަ ސަރުކާރުން ބަޖެޓް ހޭދަ ކުރީ އާމްދަނީ އިތުރު ކުރާނެ އެއްވެސް ގޮތެއް ނުހޯދާ ކަމަށް އިލްޔާސް ވިދާޅުވިއެވެ.
މީގެ އިތުރުން އަންނަ އަހަރުގެ ބަޖެޓްގެެ ދަރަނި އެނގެން ނެތުމުން ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ކަންބޮޑުވުން ފާޅުކުރެއްވިއެވެ.
 އިލްުޔާސް ވިދާޅުވީ ބަޖެޓް ޑެފިސިޓްގެ ގޮތުގައި 5.6 ބިލިއަން ރުފިޔާ ކަނޑައެޅިފައިވާއިރު، އަންނަ އަހަރު ނިމޭއިރު ދައުލަތުގެ ޖުމްލަ ދަރަނި އަރާނެ މިންވަރު ނޭނގޭ ކަމަށާ އެކަމާއި މެދު ކަންބޮޑުވެވަޑައިގަންނަވާކަމަށެވެ.
މީގެ އިތުރުން ދައުލަތުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރު ނިމޭއިރު ދައުލަތުގެ ދަރަނި 67.9 ބިލިއަން ރުފިޔާގެ ހުންނާނެ ކަމުގައި ފާހަގަ ކޮށްފައިވާއިރު އެއީ ގައުމީ އުފެއްދުންތެރިކަމުގެ 76.4 ޕަސެންޓް ކަމަަށް ވެސް އިލްޔާސް ފާހަގަކުރެއްވިއެވެ. އެހެންކަމުން ދައުލަތުން ދީފައިވާ ގެރެންޓީތަކާ އެކީގައި، މި އަހަރު ނިމޭއިރު ޖުމުލަ ދަރަނި ހުންނާނެ މިންވަރު އެނގެން ޖެހޭ ކަމަށް އިލްޔާސް ވިދާޅުވިއެވެ.
އިލްޔާސްގެ ވާހަކަތަކާއި ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ މަޖިލީހަށް ބަޖެޓް ހުށަހެޅުމުގެ ކުރިން ވެސް ބަޖެޓްގައި އަންނަ އަހަރު ނިމޭއިރު ދައުލަތުގެ ދަރަނީގެ ގޮތުގައި ހުންނާނެ ކަމަށް ލަފާ ކުރެވޭ އަދަދު ހިމެނެން ޖެހޭ ކަމަށާ، ބަޖެޓް ފަސް ކުރާނީ އެ އަދަދު އެނގުމުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ