އިދާރީ ކުށެއް އޮވެދާނެ، ނުބައި ކަމެއް ކޮށްފައެއް ނޯންނާނެ: އަކްރަމް

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި ފެށި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފުލެޓު ދިނުމުގައި އިދާރީ ކުށެއް އޮވެދާނެ ކަމަށާއި ގަވައިދާ ޚިލާފަށް 'ނުބައި ކަމެއް' ކޮށްފައެއް ނޯންނާނެ ކަމަށް ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މިއަދު ވިދާޅުވެއްޖެއެވެ. ފުލެޓުގެ ދިނުމުގައި ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ހޯދައި ދިނުމުގެ ތުހުމަތުގައި އަކްރަމްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ)އަށް ވަނީ ފޮނުވާފައެވެ. https://sun.mv/206856 އޭސީސީން ބުނީ، ގެދޮރުވެރިޔާ ސްކީމުގެ ފުރަތަމަ ބުރުގެ، ފުރަތަމަ 4000 ފުލެޓް ލިބޭ މީހުންގެ ތެރޭގައި ވަކި ފަރާތްތަކެއް ހިމަނައި، ވަކި ފަރާތްތަކަކަށް ނާޖާއިޒު މަންފާއެއް ހޯދައި ދީފައިވާކަން އެ ކޮމިޝަނާއި ފުލުހުން ގުޅިގެން ހިންގި ތަހުގީގުން އެނގިފައިވާ ކަމަށެވެ. އެފްޑީސީން އަޅާ ފުލެޓުތައް: އެ ފުލެޓުތަކުގެ ކަންކަމުގައި އިދާރީ ކުށެއް އޮވެދާނެ ކަމަށާއި ނުބައި ކަމެއް ކޮށްފައެއް ނޯންނާނެ ކަމަށް އަކުރަމް ވަނީ ވިދާޅުވެފައި -- ސަން ފޮޓޯ/ މާނިއު މުހައްމަދު އެ ކަމާ ގުޅިގެން އަކުރަމްގެ އިތުރުން ހައުސިން މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވްގެ މަގާމުގައި އޭރު ހުރި ހއ.އިހަވަންދޫ، ނެދުންގެ، މުޙައްމަދު ޢާރިފާއި އެ މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވްގެ މަގާމުގައި އޭރު ހުރި މއ. ވިރާޙް، ލިރުއާމް ވަހީދާއި އެ މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމުގައި ހުރި މއ.އިހާދޫ، އަޙްމަދު ވިޝާން ނަސީމްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އޭސީސީން އެދިފައިވެއެވެ. އެ ތުހުމަތުތަކަށް ރައްދުދެއްވައި އަކްރަމް 'ސަން'އަށް މިއަދު ވިދާޅުވީ، ދައުވާ ކުރުމަށް ކްރިމިނަލް ކޯޓާއި ޕީޖީ އޮފީހުން ނިންމީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ނުފޫޒުން ކަމަށެވެ. އޭނާއަށް ދައުވާ ކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށް އަކްރަމް ވަނީ ވިދާޅުވެފައެވެ. ހުޅުމާލެއިން ގޯތި ކަނޑައި ދިނުމަށް ބޭއްވި ހަފްލާގައި އަކުރަމް (މ): ވިދާޅުވީ ފްލެޓިގެ ކަންކަމުގައި އިދާރީ ކުށެއް އޮތަސް ނުބައި ކަމެއް ކޮށްފައެއް ނޯންނާނެ ކަމަށް -- އަޅުގަނޑު ނޯންނާނެ ނުބައި ކަމެއް ކޮށްފަކާއެއް. ގަވައިދާ ޚިލާފަށް ކަމެއް ކޮށްފައެއް. އޭގެ ހެކި ފުލެޓުތައް ދޭންޖެހުނުކަން ވެސް އެއީ. [ފުލެޓުގެ ކަންކަމުގައި] އިދާރީ ކުށްތައް ހުރެދާނެ. އިދާރީ ކަންތައްތައް އެއީ ހުރިހާ ފަރާތެއްގައި ވެސް އޮންނަ ކަމެއް،ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ޞާލިޙްގެ ވެރިކަން ނިމެން ކުޑަ ދުވަސްކޮޅަކަށް ވެފައިވަނިކޮށް، 4،000 ފުލެޓު ލިސްޓު ނެރުނީ ނޮވެމްބަރު 4، 2023ގައެވެ. އެ ލިސްޓާ މެދު ގިނަ ބަޔަކު ޝަކުވާ ކުރުމުން، ފުލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓު އެ މަހުގެ 15ގައި ނެރުނެވެ. އެ ސަރުކާރުގައި ފުލެޓާއި ގޯތި ދޫކުރި ކޮމިޓީގައި އެންމެ ހުންނެވި އެކަކީ އަކްރަމެވެ. އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވަނީ އެ ލިސްޓު އެކުލަވާލައިފައިވަނީ ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް ކަމަށް ބުނެ އެ ފުލެޓުތައް ހަވާލުކުރުން ހުއްޓުވައިފައެވެ. އެއަށް ފަހު، މި ސަރުކާރުގެ ހައުސިން މިނިސްޓްރީން ލިސްޓު ބެލުމަށްފަހު މިދިޔަ ފެބްރުވަރީ މަހު އިއުލާންކުރީ، 4،000 ފުލެޓުގެ ހައްގުވެރިންނަކީ 1820 މީހުން ކަމަށާއި ކުރީގެ ލިސްޓުން 53 ޕަސެންޓު މީހުންނަށް ދިން ޕޮއިންޓް ސައްހަ ނޫން ކަމަށެވެ. ފުލެޓު ލިސްޓާ ގުޅޭ ގޮތުން ސަރުކާރަށް ގިނަ ބަޔެއްގެ ނުރުހުން އަމާޒުވެފައި ވަނިކޮށް މިދިޔަ ހަފުތާގައި ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވީ، މި ސަރުކާރުން ފުލެޓު ދޭ ފައިނަލް ލިސްޓުގެ ގޮތުގައި ބަލާނީ 15 ނޮވެންބަރު 2023ގައި ނެރެފައިވާ ލިސްޓު ކަމަށާއި، އޭގެ އިތުރު ލިސްޓެއް ނުނެރޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ