ޢީދު ދުވަހުވެސް ޣައްޒާއިން 40 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލި

ބަރަކާތްތެރި އަޟްޙާ ޢީދު ދުވަހު ވެސް އިޒްރޭލުގެ ޙަމަލާތައް ހުއްޓުމެއް ނެތި ކުރިއަށް ގެންގޮސްފައިވާއިރު ޢީދު ދުވަހު ފަތިހުން ފެށިގެން ދޭން ފެށި ހަމަލާ ތަކުގައި މަދުވެގެން 42 ފަލަސްޠީނުގެ ރައްޔިތަކު ޝަހީދުވެފައިވާ ކަމަށް ޣައްޒާގެ ކަމާބެހޭ އިދާރާތަކުން ބުނެފިއެވެ.
މި ފަހުން ދެމުންދާ ހަމަލާތައް ދީފައިވަނީ އެހީ ހޯދަން މީހުން އެއްވެ އުޅޭ ސަރަހައްދު ތަކަށްކަން ފާހަގަކޮށްލަންޖެހެއެވެ. 
މި ހަމަލާތަކާއި ގުޅިގެން ޣައްޒާ ހިއުމެނިޓޭރިއަން ފައުންޑޭޝަން (ޖީ.އެޗް.އެފް) އިން ވަނީ އެ ސަރަޙައްދުގައި ހުރި އެހީ ބަހާ ހުރިހާ މަރުކަޒުތަކެއް ބަންދުކޮށްފައެވެ. އަދި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެ މަރުކަޒުތަކާ ކައިރި ނުވުމަށް އިލްތިމާސްކޮށްފައެވެ.
މީގެ ކުރިން މި ހަފްތާގެ ތެރޭގައި ވެސް އެތައް ސަތޭކަ ފަލަސްޠީނުގެ ރައްޔިތުން ޝަހީދުވެ، އެތައް ބަޔަކު ޒަޚަމްވުމާ ގުޅިގެން ޖީ.އެޗް.އެފް އިން ވަނީ އެއް ދުވަހަށްވުރެ ގިނަ ދުވަހު އެހީގެ އޮޕަރޭޝަންތައް ހުއްޓާލާފައެވެ.
ޣައްޒާގެ ސަރުކާރު މީޑިއާ އޮފީހުން ހާމަކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޖީ.އެޗް.އެފް އިން މޭ މަހުގެ ފަހުކޮޅު އެހީ ބެހުމުގެ މަސައްކަތް ފެށި ފަހުން، އެހީ ހޯދަން ދިޔަ މަދުވެގެން 110 ފަލަސްޠީނު ރައްޔިތުން ވަނީ ޝަހީދު ކޮށްލާފައެވެ. އަދި 583 މީހުން ޒަޚަމްވެފައިވާއިރު 9 މީހުން ގެއްލިފައިވާ ކަމަށްވެސް އެ އޮފީހުން ބުނެއެވެ.
އެހީ ހޯދަން ގޮސްތިބިި މީހުންނަށް ދިން ހަމަލާތަކުގައި،
* މޭ 27 ގައި ރަފާގައި 3 މީހުން ޝަހީދުވެ، 46 މީހުން ޒަޚަމްވި، 7 މީހުން ގެއްލިފައިވޭ.
* މޭ 28 ގައި ރަފާގައި 10 މީހުން ޝަހީދުވެ، 62 މީހުން ޒަޚަމްވި
* ޖޫން 1 ގައި ރަފާގައި 35 މީހުން ޝަހީދުވެ، 200 މީހުން ޒަޚަމްވި. އަދި ވާދީ ޣައްޒާ ފާލަމުގައި އެކަކު ޝަހީދުވެ، 32 މީހުން ޒަޚަމްވެ، 2 މީހުން ގެއްލުނު.
* ޖޫން 2 ގައި ރަފާގައި 26 މީހުން ޝަހީދުވެ، 92 މީހުން ޒަޚަމްވި.
* ޖޫން 3 ގައި ރަފާގައި 27 މީހުން ޝަހީދުވެ، 90 މީހުން ޒަޚަމްވި.
* ޖޫން 6 ގައި ރަފާގައި 8 މީހުން ޝަހީދުވެ، 61 މީހުން ޒަޚަމްވި.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ