އެއް ހާދިސާއަށް ދެ ތަހުގީގު؛ އިތުބާރަށް ވުރެ އުފެދޭނީ ޝައްކު؟

ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާ އާންމުންގެ ކަންބޮޑުވުމަކަށް ބަދަލުވީ ހަގީގަތް ފޮރުވަން އުޅޭ ގޮތަށް ފުލުހުންގެ އަމަލުތައް ފެނުމުންނެވެ. ފުލުހުން އާންމުކޮށް އަމަލުކުރާ ގޮތާއި އަޅާ ފިޔަވަޅުތަކާ، ތަފާތު ކުރުމެއް ގެންގުޅޭ ކަން ފާހަގަވެގެންނެވެ.
ހ. ފެންޓިނޯއީގޭގެ ނުވަ ވަނަ ބުރިން ޖެހިގެން ހުރީ ގުދަނުގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓުނު މައްސަލާގައި އޭނާއާ އެކު އުޅުނު ރައުދު އަހުމަދު ޒިލާލް ފުރަތަަމަ ހައްޔަރެއް ނުކުރެ އެވެ. ރައުދު މަސްތުވާތަކެއްޗަށް ޕޮޒިޓިވްވި އެވެ. ރައުދު އާއި ޔުމްނު އޭގެ ކުރިން މއ. މާންދޫގޭދެކުނުގޭގައި އޮތް ޕާޓީއަކަށް ދިޔަ ނަމަވެސް އެ ގޭގެ ނަން ވެސް ފޮރުވަން ފުރަތަމަ މަސައްކަތްކުރި އެވެ. އެ ޕާޓީގައި ތިބި ޒުވާނުން މަސްތުވާތަކެތި ބޭނުންކުރި ކަމަށް ތުހުމަތު އޮތް ނަމަވެސް ކުޑަކަމުދާތަކެތި ދޭން ދެކޮޅުހެދިއޭ ކިޔާފައި އެހެން ފިޔަވަޅެއް ވެސް ނާޅަ އެވެ.
ފުލުހުންގެ ތަހުގީގަށް އާންމުންގެ އިތުބާރު އެ ހިސާބުން ގެއްލިއްޖެ އެވެ. ނަތީޖާއަކީ ރައީސް މުހައްމަދު މުއިއްޒު، މި ހާދިސާގެ ހަގީގަތަށް ވާސިލްވާން ރިޔާސީ ކޮމިޝަނެއް އުފެއްދެވުމެވެ. އެކަމަކު ވެސް މައްސަލައިގެ ފުނަށް ދިއުމަށް ކޮމިޝަނަށް ދީފައިވާ ދައުރު ސާފެއް ނުވެ އެވެ. އެއްވެސް ބަދަލެއް ނެތި، ވަކި ތަހުގީގެއް ގޮތަށް ފުލުހުން ވެސް ފުލުހުންގެ ތަހުގީގު ކުރިއަށް އެބަ ގެންދެ އެވެ. މި ވަގުތު ބަންދުގައި ހުރި ރައުދުގެ ބަޔާނާއި އެކި މީހުންގެ ބަޔާންތައް ކޮމިޝަނުން ވެސް އަންނަނީ ނަގަމުންނެވެ. 
ފުލުހުންގެ ތަހުގީގު ވަކިން ހިނގަމުންދާ ކަން އިތުރަށް ސާފުވީ ހޯމް މިނިސްޓަރު އަލީ އިހުސާން ދެއްކެވި ވާހަކައިންނެވެ. މިނިސްޓަރުންނަށް އާންމުން ސުވާލުކުރެވޭ ގޮތަށް ކުރިއަށް ދިޔަ ފޯރަމުގައި އިހުސާން ވިދާޅުވީ ތަހުގީގުގައި ގޯހެއް ހެދިކަން ވެސް ފާހަގަނުކުރެވޭ ކަމަށެވެ. ފުލުހުންގެ ތަހުގީގު ކުރިއަށްދާ ކަމާއި ތަހުގީގަށް ހެއްކާއި ގަރީނާ ލިބެމުންދާ ވަރަކަށް ފިޔަވަޅުތައް އަޅަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.
"މީގައި ފުލުހުން އަދިވެސް މަސައްކަތް ކުރަމުން އަންނަނީ ފުލުހުންގެ ތެރޭ ކަނޑައެޅިފައިވާ މިންގަނޑުތަކާ އެއްގޮތަށް ތަހުގީގު ކުރަނީ،" އިހުސާން އެ ދުވަހު ވިދާޅުވި އެވެ.
އެހެންކަމަށްވާ ނަމަ ރިޔާސީ ކޮމިޝަން އުފެއްދުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ ކޮމިޝަންގެ ތަހުގީގު ވަކިން ހިންގަމުން، ފުލުހުންގެ ތަހުގީގު ވަކިން ހިންގަމުން، ދެ ނަތީޖާއެއްގެ ދެ ތަހުގީގު އޮތް ނަމަ ވާނީ ކިހިނެއް ހެއްޔެވެ؟ މި ސުވާލުތައް ބައެއް ގާނޫނީ ވަކީލުންނާއި ތަހުގީގީ ދާއިރާގެ ތަޖުރިބާކާރުން ވެސް އެބަ އުފައްދަ އެވެ.
ވަކި ހާދިސާއެއްގެ މައްސަލައަކާ ގުޅޭ މައުލޫއަކަށް ވާތީ، ނަން ނުޖަހަން ޝަރުތުކޮށް މި ރިޕޯޓަށް ވާހަކަދެއްކެވި ވަކީލަކު ވިދާޅުވީ މި ގޮތަށް ދެ ބަޔަކު ވަކި ދެ ތަހުގީގެއް ހިންގާފައި އޮންނަ ނަމަ މާދަމާ ޖިނާއީ ޝަރީއަތަކަށް ދާ ހާލަތުގައި ދިފާއުން ނަގާނެ އެންމެ ބޮޑު ނުކުތާއަކަށް ވެސް ވާނީ އެކަން ކަމަށެވެ.
"ޑިފެންސް އެންމެ ބޮޑަށް ބިނާކުރާނީ އެ މައްސަލަ. އެއިން ކޮން އިދާރާއެއްގެ ތަހުގީގަކަށްތޯ ބިނާވާނީ. ގާނޫނީ ހިލާފުތަކެއް ދެއްކޭނެ ޖަގާއެއް އެއީ. ވަކިން ހާއްސަކޮށް ދެ މުއައްސަސާގެ ތަހުގީގުން ދެ ނަތީޖާއަކަށް ހިނގައިދާނެ ވަކިވަކިން ތަހުގީގު މިހެން ބިނާކުރަނީ ކަމަށް ވަންޏާ،" ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުގައި ވެސް މަސައްކަތްކުރައްވާފައިވާ ވަކީލު ވިދާޅުވި އެވެ.
މި ވަގުތު ރިޔާސީ ކޮމިޝަނުގެ މަސައްކަތްތައް ހިނގަމުންދާ ގޮތުން ވެސް ނުރައްކާތެރި ބައެއް ކަންކަން ހިނގާނެ ކަމުގެ ކަންބޮޑުވުމެއް އެބަ އޮތެވެ. ނުރައްކަލުގެ ގޮތުގައި މި މާނަކުރަނީ ހަގީގަތަށް ވާސިލްނުވެވި، އިތުރު ޝައްކުތައް އުފެދިދާނެ ހާލަތްތަކެއް އަތުވެދާނެ ކަންކަމަށެވެ.
އެއް ކަމަކީ ހެކި ގަރީނާ ރައްކާތެރިކުރުމާއި އޭގެ ޗެއިން އޮފް ކަސްޓަޑީ އެވެ. ޖިނާއީ ކުށެއްގެ އަމަލު ހިންގާފައިވާ ނަމަ ހެކި ގަރީނާ ރައްކާތެރިކަމާ އެކު އަންނަން ޖެހެ އެވެ. ހެއްކާ މެދު ސުވާލު ނުއުފައްދައި، މައްސަލަ ސާބިތުކުރުމުގައި ބޭނުން ކުރެވޭނީ އޭރަށެވެ.
ގާނޫނީ ވަކީލު މައުމޫން ހަމީދު ގަބޫލުކުރައްވާ ގޮތުގައި އެއް މައްސަލައަކަށް އެއް ވަގުތެއްގައި ދެ ތަނަކުން ތަހުގީގުކުރާ ކަމަށް ވަނީ ނަމަ ނުކުންނާނެ އެންމެ ބޮޑު ދަތިކަމަކީ ވެސް އެއީ އެވެ. ހެކި އެއްކުރުމަށް ފަހު، ޗެއިން އޮފް ކަސްޓަޑީ ނަގައިނުލާ ބޭއްވުމެވެ. ސަބަބަކީ ކޮމިޝަނަށް އެ ތަކެތި ހިއްސާކުރަން ޖެހޭ ހާލަތުގައި އެ އަންނަނީ ފަރުވާތެރި ވާން ޖެހޭ އިތުރު ލޭޔަރެކެވެ.
"އެންމެ ބޮޑު ނުރައްކަލަކީ ހެއްކަށް ކޮށްފާނެ
އަސަރު. ރިޔާސީ ކޮމިޝަނުން ކުރާ ތަހުގީގަށް ފުލުހުން ހެކި ދޭން ޖެހޭ. ކޮމިޝަނުން އެއްކުރާ
ހެކި ވެސް ހުންނާނެ. ޗެއިން އޮފް ކަސްޓަޑީ ގެއްލުވައިނުލައިފިއްޔާ މައްސަލައެއް ނުއެއް
އޮންނާނެ. އެކަމަކު އޭރަށް އިތުރު ލޭޔަރަށް އަންނާތީވެ އިތުރު ފުރުސަތެއް އޮންނާނެ
މައްސަލައެއް ނުކުމެދާނެ،" މައުމޫން ވިދާޅުވި އެވެ.
ދެން އެންމެ ބޮޑު ކަންބޮޑުވުމަކަށް އޮތީ ވަކިވަކިން ކުރާ ތަހުގީގުތަކަށް ވަކިން ހެކި ގަރީނާ އެއްކޮށްގެން ދެ ނަތީޖާއެއް ނުކުތުމެވެ. އެ ސުވާލު ރިޔާސީ ކޮމިޝަނަށް ނޫސްވެރިންގެ ބައްދަލުވުމުގައި ސުވާލުކުރުމުން ކޮމިޝަނުގެ ރައީސް ޑރ. މުހައްމަދު މުނައްވަރު ވިދާޅުވީ ފުލުހުންގެ ތަހުގީގުގެ މަސައްކަތާ ނަކަލުވާނެ އެއްވެސް ކަމެއް ނުކުރާނެ ކަމަށެވެ.
"ފުލުހުން ބަޔާނެއް ނަގާފައި އޮތިއްޔާ އަޅުގަނޑުމެން ބަޔާނެއް ނަގާކަށް ނުޖެހޭނެ. ނުނަގާ އޮތިއްޔާ ކޮމިޝަނަށް ނަގަން ފެންނަ މީހުންގެ ބަޔާން ނަގާނެ. ފުލުހުންގެ ޓެކްނިކަލް އެހީތެރިކަން ހޯދަން ޖެހެންޏާ ހޯދާނަން. ވާހަކަ ދެކެވޭނެ ޗެނަލްއެއް އެބަ އޮތް، މިއުޅެނީ ޑުޕްލިކޭޓްކޮށް ތަހުގީގު ހިންގާކަށެއް ވެސް ނޫން،" މުނައްވަރު ވިދާޅުވި އެވެ.
ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ ރިޔާސީ ކޮމިޝަންތަކަކީ ތަހުގީގެއް ހިންގުމުގެ ބާރު އޮތް ނަމަވެސް އެ ވަރުގެ ގާބިލްކަމާއި ވަސީލަތް ހަމަކޮށްފައި އޮންނާނެ ތަަނަކަށް ނުވާނެ ކަމަށެވެ. އެހެންކަމުން ފުލުހުންގެ ތަހުގީގު ހިންގަން ޖެހޭނެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.
ނަމަވެސް އުމަރު ގަބޫލުކުރައްވާ ގޮތުގައި ފުލުހުންގެ ތަހުގީގަށް އިތުބާރު ގެއްލިފައިވާ ހާލަތުގައި، ރިޔާސީ ކޮމިޝަނެއް އުފައްދާ ނަމަ އޭގެ ބޭނުމަކަށް ވާން ޖެހެނީ ފުލުހުންގެ ވަސީލަތްތައް ބޭނުންކޮށްގެން ރިޔާސީ ކޮމިޝަނުން ތަހުގީގު ލީޑުކުރުމެވެ. ނަމަވެސް މި މައްސަލާގައި އެ މަންޒަރު ނުފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"ފުލުހުންގެ އަތުގައި ވަސީލަތްތަކާއި ތަހުގީގެއް ހިންގާނެ ގާބިލްކަމާއި އޭގެ ތަމްރީނު ލިބިފައި ތިބޭ މީހުން. ތަހުގީގު ހިންގުމުގެ ރޯލު ފުލުހުންގެ އަތުން އަތުލައިގެން ވެސް ނުވާނެ. ފުލުހުންގެ ތަހުގީގު ލީޑުކުރުމާއި ގައިޑެންސް ދިނުމާއި ފުލުހުންގެ ތަހުގީގަށް އެއްވެސް ކަހަލަ ހުރަހެއް [މަތިން] އަންނަނީ ނަމަ އެ ހުރަހެއް ހުއްޓުވުން ކޮމިޝަނުގެ ބޭނުމަކީ،" އުމަރު ވިދާޅުވި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން ދަތުރުކުރެއްވި ލޯންޗުކޮޅު ގޮއްވާލި ހާދިސާއަށް  އިޝާރާތްކުރައްވަމުން ވެސް އުމަރު ވިދާޅުވީ އޭރު ހެދި ކޮމިޝަނުން ވެސް ފުލުހުންނަށް ތަހުގީގުގެ މިސްރާބު ބައްޓަން ކުރަންވީ ގޮތުގެ އިރުޝާދުތައް ދެމުން ދިޔަ ކަމަށެވެ. އޭރު ފުލުހުންގެ އަތުން ތަހުގީގު ހިންގުމުގެ މުޅި ބާރު ނަގާފައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
"އޭރަކަށް ޑުޕްލިކޭޓް ވެގެނެއް ނުދާނެ. އޭރަށް ކޮމިޝަނުގެ ދަށުގައި އޮންނަ ޔުނިޓެއް ގޮތަށް ފުލުހުންގެ ތަހުގީގު ހިނގާނީ. ނަމަވެސް ކޮމިޝަންގެ ރޯލު އަދާކުރާ ތަނެއް ނުފެނޭ،" އުމަރު ވިދާޅުވި އެވެ.
މައުމޫން ހަމީދު ވެސް ވިދާޅުވީ އެއް ފަހަރާ ދެ ތަނަކުން އެއް މައްސަލައެއްގެ ތަހުގީގު ހިންގާ އިރު އެންމެ ރަނގަޅު ގޮތަކަށް ވާނީ ޖޮއިންޓް އިންވެސްޓިގޭޝަނެއް ހިންގުމެވެ. ފުލުހުންނާއި ކޮމިޝަނުން ގުޅިގެން ތަހުގީގު ހިންގުމެވެ. އެއީ ޖިނާއީ އިޖުރާއަތުގެ ގާނޫނު ވެސް އެ ކަން ދަންނަ ގޮތް ކަން އޭނާ ފާހަގަކުރެއްވި އެވެ.
"ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 76ވަނަ މާއްދާގައި އޮންނާނެ މި ހާލަތުގައި ކަން ކުރަންވީ ގޮތް. ފުލުހުންގެ އިތުރުން އެއް މައްސަލައެއް ތަހުގީގުކުރުމުގެ އިހުތިސޯސް ގާނޫނަކުން ލިބިދޭ އެހެން މުއައްސަސާއަކުން ވެސް މައްސަލަ ބަލަންޏާ އެ މުއައްސަސާއަކަށް ހަވާލުކުރުން. ނޫނީ ފުލުހުންނާ ގުޅިގެން ޖޮއިންޓް އިންވެސްޓިގޭޝަނެއް ހިންގިދާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.
ކުރީގެ ސަރުކާރުގައި ވެސް އާންމުންގެ ކަންބޮޑުވުން އުފެދިފައިވާ މައްސަލަތައް ތަހުގީގުކުރަން ރިޔާސީ ކޮމިޝަންތައް ހެދި އެވެ. ފަސް އަހަރު ތެރޭ ނަތީޖާއެއް ނުކުތް ކަމަށް ގިނަ ބަޔަކު ގަބޫލެއް ނުކުރެ އެވެ.
މި ފަހަރު އުފެއްދި ރިޔާސީ ކޮމިޝަނަކީ ވެސް، އުމަރު ސިފަކުރެއްވި ގޮތުގައި، 'ކޮސްމެޓިކް' ކޮމިޝަނެކެވެ. އާންމުންގެ ޕްރެޝަރު ބޮޑުވުމުން އެ ޕްރޮޝަރު ކުޑަކޮށްލުމަށް ކުރި ކަމެއް ކަމަށް އުމަރު ގަބޫލުކުރައްވަ އެވެ. 
އޭނާ ވިދާޅުވީ އާންމުންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް އޮތީ ހަގީގަތް ފޮރުވަން ފުލުހުންނަށް ސަރުކާރުގެ އިސް ބޭފުޅުންތަކެއް ނުފޫޒު ފޯރުވުން ކަމަށެވެ. ކޮމިޝަނުގެ އެންމެ ބޮޑު ބޭނުމަކަށް ވާނީ އޭގެ ހަގީގަތް ތިލަކުރުމެވެ. ކުޑަމިނުން ހަގީގަތް ހޯދެންދެކަށް ނުފޫޒު ނުފޯރުވޭނެ ގޮތަށް ފިޔަވަޅުތައް އެޅުމެވެ. 
ނަމަވެސް އެ މަސައްކަތް ހިނގާ މަންޒަރެއް އުމަރަށް ފެނިވަޑައެއްނުގަންނަވަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ބިނާކުރަނިވި އެއްވެސް ތަހުގީގެއް ހިންގާ ކަމަށް ގަބޫލެއް ނުކުރެއްވެ އެވެ. ކުޑަކަމުދާ ތަކެތި ދޭން ދެކޮޅުހެދުމުންނާއި މއ. މާންދޫގެދެކުނުގެ ސީސީޓީވީ ނުލިބުމުން ވެސް ފިޔަވަޅެއް އެޅިފައި ނުވާތީ އެވެ.
މައުމޫން ހަމީދު ވިދާޅުވީ ރިޔާސީ ކޮމިޝަންތަކުގެ ގާނޫނު ވެސް ފަރުމާކޮށްފައިވަނީ ނުފޫޒާއި ކޮންޓްރޯލް، ތަހުގީގަށް ފޯރުވާފައި ބޭއްވޭނެ ގޮތަށް ކަމަށެވެ. އޭނާ އިޝާރާތްކުރެއްވީ ކޮމިޝަނުގެ ތަހުގީގު ނިމިގެން ދައުވާކުރަން ފޮނުވުމާ މެދު ރައީސުލްޖުމްހޫރިއްޔާގެ ލަފާ ހޯދަން ގާނޫނުގައި އޮންނަ އޮތުމަށެވެ.
"ރިޔާސީ ކޮމިޝަނުން ވެސް ތަހުގީގު ހިންގާފައި އަދި ރައީސުލްޖުމްހޫރިއްޔާގެ ލަފައެއް ހޯދަން ޖެހުމަކީ މައްސަލައެއް. މުސްތަގިއްލުކަން ކަށަވަރުކޮށް ދިނުމަކީ އެންމެ ބޮޑު ބޭނުން. އެކަމަކު ގާނޫނު ހަދާފައިވާ ގޮތުން މި އޮތީ އިންޖީނިއާކޮށްފައި މުސްތަގިއްލުކަން ގެއްލޭ ގޮތަށް، ކޮންޓްރޯލެއް ބޭއްވޭ ގޮތަށް،" މައުމޫން ވިދާޅުވި އެވެ.
އުމަރު ވެސް އެ މައްސަލަ ފާހަގަކުރެއްވި އެވެ. ރައީސްގެ ހަމައެކަނި ދައުރަކަށް ވާން ވާނީ ރިޔާސީ ކޮމިޝަން އުފެއްދެވުމެވެ. މިނިވަން މުސްތަގިއްލު ކޮމިޝަނަކަށް ވާނީ އެހާ ހިސާބުން ރައީސްގެ އަތްޕުޅުން ކޮމިޝަން ދޫކޮށްލެވުން ކަމަށް ވިދާޅުވި އެވެ.
"ތަހުގީގަށް ފަހުގައި އޭގެ ރިޕޯޓް ރައީސުލްޖުމްހޫރިއްޔާއަށް އަރުވަންވީ. އެކަމަކު ތަހުގީގަށް ފަހު އަޅަންވީ ފިޔަވަޅު ރައީސުލްޖުމްހޫރިއްޔާއަށް ވިދާޅުވެވެންޏާ އެއީ މިނިވަން މުސްތަގިއްލު ކޮމިޝަނެއް ނޫން،" އުމަރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ