މިއަދަކީ ދިވެހި ރާއްޖެއަށް ވަަރަށް ތާރީޚީ ދުވަހެއްކަމަށާއި، ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަން ފެށުމާއެކު ޙައްޖުގެ ކަންކަމަށް އެމަނިކުފާނެ ފެންނަން ފެށި ހެޔޮ ބަދަލުތަކުގެ ނަތީޖާ ފެނިގެންދާ އުފާވެރި ދުވަހެއްކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
މައްކާ ރޫޓު އިނީޝިއޭޓިވް ރަސްމީކޮށް އިފްތިތާޙް ކުރުމަށް މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މިއަދަކީ ދިވެހި ޙައްޖުވެރިން ޙައްޖަށް ދިއުމުގެ މަގަށް ފަސޭހަކަމުގެ ތާރީޚީ ޞަފްޙާއެއް ލިޔެވިގެންދާ ދުވަހެއްކަމަށާއި، މިހިސާބަށް ވާސިލްވެފައިމިވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިސްނަންގަވައިގެން ފެއްޓެވި މަސައްކަތްޕުޅުގެ ސަބަބުން ކަމަށެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ރައީސް ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ދުވަހުން ފެށިގެން ދިވެހިރާއްޖޭގެ ޙައްޖުގެ ނިޒާމް ހަރުދަނާކޮށް ޙައްޖުވެރިންނަށް ލުއިފަސޭހަ ގޮތްތައް ހޯދައިދިނުމަށް އެމަނިކުފާނުގެ ޒަޢާމަތުގައި ވަރަށް ގިނަ މަސައްކަތްތަކެއް ފެއްޓެވިކަމަށާއި އާ އުސޫލުތަކެއް ހެދި ޙައްޖުގެ ނިޒާމުގެ އެތައް ކަމެއް ހައްލުކުރެވިފައިވާކަމަށެވެ.
ވަޒީރުގެ ވާހަކަފުޅުގައި ވަނީ މައްކާ ރޫޓު ތަންފީޒު ކުރެއްވުމުގެ މަސައްކަތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވި އެއްބާރުލެއްވުމާއި އެހީތެރިކަމަށްޓަކައި އެމަނިކުފާނަށް ޝުކުރު ދަންނަވާފައެވެ.
ވަޒީރުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ މައްކާ ރޫޓު އިނީޝިއޭޓިވް ޚިދުމަތް ރާއްޖެއަށް ފޯރުކޮށްދޭން ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން ނިންމެވީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ޚާއްސަ ހުއްދައާއެކު ޝަރުތުތަކުން ރާއްޖެ އިސްތިސްނާ ކުރެއްވުމަށްފަހުގައި ކަމަށެވެ. މިއީ ދިވެހިންނަށް ލިބޭ ވަރަށް ބޮޑު ޝަރަފެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
މިއަދަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ޙައްޖުގެ ކަންކަމަށް ގެންނަން ފެށި ހެޔޮ ބަދަލުގެ ނަތީޖާ ފެނިގެންދާ ދުވަހެއް: ވަޒީރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ