މާފުށިން ދިގުރަށަށް ފަތުރުވެރިން ގެންނަނީ ސަމާލުކަން ދޭންޖެހޭ ކަންކަން ބުނެ ނުދީ: ކައުންސިލް މާފުށިން ދިގުރަށަށް ފަތުރުވެރިން ގެންނަނީ ސަމާލުކަން ދޭންޖެހޭ ކަންކަން ބުނެ ނުދީ: ކައުންސިލް

ކ. މާފުށީ ލޯންޗުތަކުން އދ. ދިގުރަށަށް ފަތުރުވެރިން ގެންނަނީ ދޭން ޖެހޭ އިރުޝާދުތަކާއި މައުލޫމާތުތައް ނުދީ ކަމަށް ދިގުރަށު ކައުންސިލުން ބުނެފި އެވެ.
ދިގުރަށު ކައުންސިލުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ މާފުށީގެ ލޯންޗުތަކުން ދިގުރަށަށް ގެންނަ ފަތުރުވެރިން ނިވާކަން ކުޑަ ހެދުމުގައި ތިބޭތީ އެކަން އިސްލާހު ކުރުމަށް އެ ފަތުރުވެރިން ގެންނަ ލޯންޗުތަކަށް ތަކުރާރުކޮށް އެންގުމުން ވެސް ރަނގަޅު ނުކުރާ ކަމަށެވެ.
ދިގުރަށް ބަނދަރު ފިޔަވާ އެހެން ސަރަހައްދުތަކަށް ކައުންސިލުގެ ހުއްދަ ލިބިގެން މެނުވީ އިންޖީނުލީ އުޅަނދުފަހަރު ކައިރިކުރުމަކީ މަނާ ކަމެއްކަން ޖެނުއަރީ 16، ގައި ކަނޑައަޅާފައިވާކަން ކައުންސިލުން ބުންޏެވެ.
ދިގުރަށް ކައުންސިލުން ބުނީ އެގޮތަށް ނިންމީ ބަނދަރު ފިޔަވާ ދެންހުރި ސަރަހައްދު ތަކަކީ ރައްޔިތުން އަދި ދިގުރަށަށް ޒިޔާރަތްކުރާ ފަތުރުވެރިން އާންމުކޮށް ހުރިހާ ވަގުތެއްގައި މޫދަށް އެރި އުޅޭ ސަރަހައްދުތަކަށްވާތީ އަދި ނުރައްކާތެރި ހާދިސާތަކުން ރައްކާތެރިވުމުގެ މަގުސަދުގައި ކަމަށެވެ.
މާޗު 12، ގައި މާފުށިން ފަތުރުވެރިން ގޮވައިގެން ދިގުރަށަށް އައި ލޯންޗުން ކައުންސިލްގެ ހުއްދަ ނުހޯދައި މޫދަށް އެރޭ ސަރަހައްދަށް ކައިރި ކުރުމުން، ކައުންސިލުން އެ ލޯންޗު ފޮނުވާލުމަށާއި އެ ލޯންޗުން ދަތުރުކުރި ނިވާކަން ކުޑަ ހެދުމުގައި ތިބި ފަތުރުވެރިން އެކަން އިސްލާހުކުރަން ނަސޭހަތްދިން ކަމަށް ކައުންސިލުން ބުންޏެވެ.
"[އެ] ލޯންޗުން ފޭބި ފަތުރުވެރިންނަށް ނަސޭހަތްތެރިވުމުން، އެފަރާތްތަކުން ބުނަމުން ދިޔައީ އެކަމުގެ މައުލޫމާތު އެފަރާތްތަކަށް ނުލިބޭ ކަމަށާއި ލޯންޗުގެ ކުރޫއިން އިރުޝާދު ދީފައިވަނީ ނިވާކަން ކުޑަ ހެދުމުގައި ތިބެވޭނެކަމަށާއި، ހުއްދަ ހޯދަން ނުޖެހޭނެކަމަށް،" ކައުންސިލުން ބުންޏެވެ.
ހުއްދަ ނުހޯދައި ދިގުރަށުގެ އެކި ދިމަދިމާއަށް ކައިރިކުރާ ލޯންޗްތަކުން ދަތުރުކުރާ ފަރާތްތަކުން އެ ސަރަހައްދުގައި އުޅޭ ފަތުރުވެރިންނަށް ބިރު ދެއްކުމާއި، ތަކެއްޗަށް ގެއްލުންދިނުމާއި، ގަސްގަހާގެއްސަށް ގެއްލުންދިނުމާއި އަދި އުފެދޭ ކުނި އެކިތަންނަށް ދޫކޮށްލާފައި ދިޔުންފަދަ ނާތަހުޒީބު އަމަލުތައް ހިންގާކަން ފާހަގަކުރެވިފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.
ދިގުރަށުގެ ބަނދަރަށް ކައިރިކުރުމާއި، ބަނދަރު ބޭނުންކޮށްގެން ދިގުރަށަށް އަރާ ފޭބުމަށް އެއްވެސް ފީއެއް ދައްކަން ނުޖެހޭކަން ފާހަގަކޮށް ކައުންސިލުން ބުނީ އެރަށަށް ދިވެހިންނާއި ބޭރުގެ ފަތުރުވެރިން ޒިޔާރަތް ކުރުމަކީ މަރުހަބާ ކިޔާނެ ކަމެއް ކަމަށެވެ.
ނަމަވެސް ދިވެހިރާއްޖޭގެ ގާނޫނާއި، ގަވާއިދުތަކާއި އަދި ކައުންސިލުން އަމަލުކުރަމުންދާ އުސޫލުތައް ތަންފީޒުކޮށް ނެގެހެއްޓުމަށްޓައި ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމުގައި ދެމިތިބޭނެ ކަމަށް އެ ކައުންސިލުން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ