މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި ޒަކާތު ހައުސްއަށް ފިތުރު ޒަކާތުގެ ގޮތުގައި 2.9 މިލިއަން ރުފިޔާ ލިބިފައިވާކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި އޮންލައިންކޮށް އަދި ޒަކާތު ހައުސްގެ ކައުންޓަރުތަކުން ފިތުރު ޒަކާތުގެ ގޮތުގައި ޖުމްލަ 2،913،839.61 ރުފިޔާ ވަނީ ބަލައިގެންފައެވެ. މިއީ ފާއިތުވެދިޔަ ފަސް އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ 10 ދުވަހާ އަޅާބަލާއިރު އެންމެ މަތީ އަދަދެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި 1442 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ 10 ދުވަހު ފިތުރު ޒަކާތުގެ ގޮތުގައި ލިބިފައިވަނީ 977،301 ރުފިޔާއެވެ. އަދި 1443 ވަނަ އަހަރުގެ މި މުއްދަތުގައި 1.09 މިލިއަން ރުފިޔާ ލިބިފައިވާއިރު، 1444 ވަނަ އަހަރު 1.39 މިލިއަން ރުފިޔާ އަދި 1445 ވަނަ އަހަރު 1.6 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
ޒަކާތު ހައުސްއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި ރަމަޟާން މަހުގެ 27 ވަނަ ދުވަހުގެ ހެނދުނު 6 ޖެހުމާ ހަމައަށް އޮންލައިންކޮށް ޒަކާތް ބަލައިގަންނަމުން ދާނެއެވެ. އަދި މިއަހަރުވެސް އޮންލައިންކޮށް 5 ޕްލެޓްފޯމެއް މެދުވެރިކޮށް ޒަކާތް ދެއްކުމުގެ އިންތިޒާމު ހަމަޖެހިފައިވެއެވެ.
ފިޠުރު ޒަކާތަކީ ރަމަޟާން މަސް ނިމުމާއެކު ޒަކާތް ޙައްޤުވާ ފަރާތްތަކަށް ދޭންޖެހޭ މާއްދީ އެހީތެރިކަމެކެވެ. މިއަހަރުގެ ތަފާސްހިސާބުތަކުން ދައްކާގޮތުން، ގިނަ ރައްޔިތުން ވަނީ މި އިޖްތިމާޢީ ޒިންމާ އަދާކުރުމަށް އިސްކަންދީފައެވެ.
ފުރަތަމަ 10 ގަ ފިތުރު ޒަކާތް ދެއްކި މީހުންގެ ޢަދަދު ރެކޯޑް ޢަދަދަކަށް އިތުރުވެއްޖެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ