ފިޔާޒަށް ބިރު ދެއްކި ކަމުގެ ތުހުމަތު ތަހުގީގުކޮށް، ވަގުތުން ފިޔަވަޅު އަޅަން ޓްރާންސްޕޭރެންސީން ގޮވާލައިފި

އަދަދު ނޫހުގެ އެޑިޓަރު އަދި ނޫސްވެރިޔާ ހުސެއިން ފިޔާޒު މޫސާއަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ފޯނުން ގުޅުއްވައި، އިންޒާރުދެއްވި ކަމަށް ބުނާ މައްސަލަ ތަހުގީގު ކުރަން ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން މިއަދު ގޮވާލައިފިއެވެ. މިދިޔަ ހުކުރު ދުވަހުގެ 19:04ގައި ރައީސް ފިޔާޒަށް ގުޅުއްވައި ބިރުދެއްކި ކަމަށް ތުހުމަތުކޮށް، ފިޔާޒު ވަނީ ފުލުހަށް މައްސަލައެއް ހުށަހަޅައިފައެވެ. އެ މައްސަލައާ ގުޅޭ ގޮތުން ޓްރާންސްޕޭރެންސީން ނެރުނު ބަޔާނެއްގައިވަނީ، ފިޔާޒުގެ ތުހުމަތުތަކާ މެދު ކަންބޮޑުވާ ކަމަށެވެ. އަދި ނޫސްވެރިކަމުގެ މިނިވަންކަމަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ހައްގެއް ކަމަށާއި ނޫސްވެރިންނަށް އެއްވެސް އިންޒާރެއް ނުވަތަ ބިރު ދެއްކުމެއް ނުވަތަ ބަދަލު ހިފުމެއް ނެތި މަސައްކަތް ކުރެވޭނެ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ. https://x.com/TransparencyMV/status/1901924513828454444 "ނޫސްވެރިންނަށް ބިރު ދެއްކުމަށް ނުވަތަ މަސައްކަތަށް ހުރަސް އެޅުމަށް ކުރެވޭ ކަމަކުން އަސާސީ ހައްގުތަކަށް އުނިކަން ލިބި، ޑިމޮކްރެޓިކް މުއައްސަސާތަކާ މެދު އާންމުންގެ އިތުބާރު ދަށްވެގެން ދިޔުން އެކަށީގެންވެއެވެ." އެ ބަޔާނުގައިވެއެވެ. ފިޔާޒަށް ބިރު ދެއްކި ކަމަށް ބުނާ މައްސަލަ އޭނާ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)އަށް ވެސް ހުށަހަޅައިފައިވާއިރު، އެމްޖޭއޭއިން އެ މައްސަލައިގައި ފާޅުކޮށްފައިވާ ކަންބޮޑުވުންތަކަށް ތާއީދު ކުރާ ކަމަށް ޓްރާންސްޕޭރެންސީން ބުންޏެވެ. https://sun.mv/203746 އެހެންވެ، އެ ތުހުމަތުތަކާ ގުޅޭ ގޮތުން އިންސާފުވެރި އަދި ހާމަކަން ބޮޑު ތަހުގީގެއްކޮށް ވަގުތުން ފިޔަވަޅު އެޅުމަށް ކަމާ ބެހޭ ފަރާތްތަކަށް އެ ޖަމިއްޔާއިން ވަނީ ގޮވާލައިފައެވެ. "ނޫސްވެރިންނަށް ބިރު ދައްކާ މަސައްކަތަށް ހުރަސް އެޅުމަށް ކުރެވޭ ކަންކަމުގެ ޝަކުވާ ބަލަންވާނީ ކަނޑައެޅިފައި އޮންނަ ގާނޫނު އުސޫލުތަކުގެ ތެރެއިން، ޖަވާބުދާރީވުން ކަށަވަރުކުރުމާއެކުގައެވެ. އަދި މިހާރު ކަމާ ބެހޭ އިދާރާތަކުން ތަހުގީގު ކުރަމުންދާ މައްސަލަ ކުރިއަށް ގެންދަންވާނީ އެކަށީގެންވާ އިޖުރާއަތުތަކާ އެއްގޮތަށް، ހާމަކަމާއި އިންސާފުވެރިކަމާއެކުގައެވެ." ބަޔާނުުގައިވެއެވެ. ޓްރާންސްޕޭރެންސީން ވަނީ މީގެ ކުރިން ނޫސްވެރިންނަށް ތަކުރާރުކޮށް ފުރައްސާރަ ކުރުމާއި ބިރު ދެއްކުމާއި ހަމަލާ ދިނުމާއި މަޖުބޫރުން ގެއްލުވާލުން ފަަދަ ހާދިސާތައް ހިނގާފައިވާކަން ފާހަގަކޮށްފައެވެ. އަދި އެފަދަ ހާލަތްތަކުގައި އެއްވެސް ބަޔަކު ޖަވާބުދާރީ ނުކުރެވި، އަދުލު އިންސާފު ލަސްވުމާއި ފިޔަވަޅު ނޭޅުމުގެ ސަބަބުން އިމްޕިއުނިޓީގެ މާހައުލެއް އުފެދި، ގައުމުގައި ނޫސްވެރިކަމުގެ މިނިވަން ކަމަށް އިތުރު ނުރައްކާތައް ދިމާވާ ކަމަށް އެ ޖަމިއްޔާއިން ފާހަގަކުރިއެވެ. އެ މައްސަލައާ ގުޅިގެން އެމްޖޭއޭއިން ނެރުނު ބަޔާނުގައިވަނީ ގައުމުގެ އެންމެ އިސްވެރިޔާގެ ފަރާތުން ނޫސްވެރިންނަށް އިންޒާރު ލިބުމަކީ އެ ޖަމިއްޔާއަށް އެއްގޮތަކަށް ވެސް ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ. އެކަމުގެ ސަބަބުން ފިޔާޒާއި އަދަދު ނޫހުގައި މަސައްކަތްކުރާ އެހެން ނޫސްވެރިން ވެސް ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓި، އެ ނޫސްވެރިންނަށް ގާނޫނުއަސާސީން ލިބިދީފައިވާ ނޫސްވެރިކަމުގެ ހައްގަށް ވަރަށް ބޮޑަށް ހުރަސް އެޅޭނެ ކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ. އެ މައްސަލައާ ގުޅިގެން ރައީސް އޮފީހުގެ ބަހެއް ހޯދުމަށް މަސައްކަތްކުރި ނަމަވެސް، އެ އޮފީހުގެ ކޮމިއުނިކޭޝަންގެ އިސްވެރިން އެއްވެސް ބަހެއް އެ ޖަމިއްޔާއަށް ދީފައިނުވާ ކަމަށް ވެސް އެމްޖޭއޭއިން ބުންޏެވެ. އަދަދު ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ރައީސް، ފިޔާޒަށް އިންޒާރު ދެއްވީ އިދިކޮޅު އެމްޑީޕީގެ މުޒާހަރާއެއްގައި އެ މަނިކުފާނުގެ ދަރިކަލަކާ ގުޅޭ ގޮތުން މީހަކު ދެއްކި ވާހަކައަކާ ގުޅިގެންނެވެ. https://sun.mv/203805 ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވަނީ އެ މައްސަލައިގައި ހޯމް މިނިސްޓަރު އަލީ އިހުސާން މަޖިލީހަށް ހާޒިރުކުރަން އެދިވަޑައިގެންފައެވެ. އޭނާވަނީ، ފިޔާޒަށް ބިރު ދެއްކި ކަމަށް ބުނާ މައްސަލައާ ގުޅިގެން އޭނާއަށް އިތުރު ރައްކާތެރިކަން ފޯރުކޮށްދިނުމަށް ފުލުހުންގެ ފަރާތުން އަޅާފައި ވަނީ ކޮން ފިޔަވަޅެއްތޯ އައްސަވަން ހުށަހަޅުއްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ