ރޭ ބޭއްވި މާލޭ ސިޓީ ކައުންސިލްގެ ބައްދަލުވުމަށް ގޮސް އިން، ގުޅީފަޅުން ބިން ލިބުނު މީހަކު ސުވާލުކުރި އެވެ؛ އެ ރަށުގެ ބިން ބޭނުން ކުރާނެ ގޮތުގެ ޕްލޭން ނުވަތަ ލޭންޑް ޔޫސް ޕްލޭނަށް ބަލާއިރު، އެއީ އެތަނުގައި ދިރިއުޅޭ މީހުންނަށް ހިތްފަސޭހަ، ރަނގަޅު މުސްތަގްބަލެއް އޮތް ތަނަކަށް ވެދާނެތޯ އެވެ؟ އެ ރަށަކީ ފަހުން ވެސް އެތައް ޖީލުތަކެއް އުޅޭނެ ތަނަކަށް ވާއިރު، އެއީ މުސްތަގްބަލުގައި ފައިދާ ހުރި ތަނަކަށް ވެދާނެތޯ އެވެ؟
އޭނާ ސުވާލުކުރީ، އެ ބައްދަލުވުމުގައި އިންނެވި އާބަން ޕްލޭނަރު ހުސެން ޒިޔަތާ އެވެ. ޖުމްލަކޮށް، އޭނާ ސުވާލުކުރީ ގުޅީފަޅު ދެވަނަ މާލެއަށް ވެދާނެތޯ އެވެ.
އޭގެ ސީދާ ޖަވާބެއް ޒިޔަތު ނުދެއްވަ އެވެ. އެކަމަކު އޭނާ މިސާލު ދެއްކެވީ މި މަހުގެ 16 ވަނަ ދުވަހު ސަރުކާރުން އާއްމުކޮށްފައިވާ އެތަނުގެ ލޭންޑް ޔޫސް ޕްލޭން ދިރާސާކޮށް ނެންގެވި އަދަދުތަކުންނެވެ. އެއީ ކުރިން އޮތް ޕްލޭނަށް ބަދަލުތައް ގެނެސް، ފަހުން އާއްމުކުރި އެއްޗެކެވެ. އެ ޕްލޭނާ ގުޅޭ ގޮތުން، ބިންވެރިންނާ ވާހަކަ ދެއްކުމަށް މާލޭ ސިޓީ ކައުންސިލުން ބޭއްވި ބައްދަލުވުމުގައި ޒިޔަތު ހުށަހެޅުއްވީ އެކަމާ ގުޅޭ ބޮޑު ޕްރެޒެންޓޭޝަނެވެ.
އެ ޕްރެޒެންޓޭޝަނުގައި އޭނާ ވަރަށް ސާފުކޮށް، އާބާދީ އާއި އެތަން ތަރައްގީކުރުމަށް ރާވާފައި އޮތް ގޮތާއި އޭގެ ސަބަބުން ތޮއްޖެހުމާއި ތުރާތައް ކުރިމަތިވެދާނެ ގޮތް ކިޔައިދެއްވި އެވެ.
ޒިޔަތު ވިދާޅުވީ މިހާރު ހިއްކާފައި އޮތް 200 ހެކްޓަރުގެ ޖާގައަށް ވާނެ ގޮތެވެ. (ފަޅުތެރެއިން ނުހިއްކާ، އެކަމަކު އެ ޕްލޭންގައި ހިމަނާފައި އޮތް ބައި އޭގެ ތެރެއަކަށް ނުވައްދަވަ އެވެ.)
ހިއްކާފައި އޮތް ގުޅިފަޅު ބިމުން ދީފައިވަނީ 3،760 ގޯއްޗެވެ. އެ ގޯތިތައް ހަ ބުރިއަށް ހަދައިފިއްޔާ 46،000 ހައުސިން ޔުނިޓް ތަރައްގީ ކުރެވޭނެ އެވެ. އެ ހުރިހާ ތަނެއް ހަދާ ނިމުމުން، ދެ ލައްކައެއްހާ މީހުން ދިރިއުޅޭނެ ކަމަށް ލަފާކުރެވެ އެވެ. ޕްލޭންގައި ފްލެޓްތަކެއް ހަދަން ބިން ކަނޑައަޅާފައިވާއިރު، އެެތަނުގައި މީހުން އާބާދުވުމުން، އާބާދީ އެއަށް ވުރެ އަދި މާ ބޮޑުވާނެ އެވެ.
އެކަމަކު އޭނާ ޕްރެޒެންޓޭޝަނުގައި ހިސާބު ޖެއްސެވީ، 'ކޮންޒަވޭޓިވް ނަމްބަރެއް'ގެ ގޮތުން ތަނުގެ އާބާދީއަކީ 150،000 މީހުން ކަމަށް ބައްލަވައިގެންނެވެ. އެއީ ގޯތީގައި އަޅާ، ކޮންމެ ތިން ކޮޓަރީގެ އެޕާޓްމެންޓަކަށް، ފަސް މީހުންގެ މަގުންނެވެ.
އެ އަދަދުތައް އޭނާ އަޅާބެއްލެވީ ހުޅުމާލެ އާއި މާލެއާ އެވެ.
ޒިޔަތު ވިދާޅުވި ގޮތުގައި:
2004ގައި ހެދި ހުޅުމާލޭ މާސްޓާޕްލޭނުގައި، ފޭސް-1 ތަރައްގީކުރީ ހެކްޓަރަކަށް 329 މީހުން ހިމެނޭ ގޮތަށް
މިހާރު އެ ނިސްބަތް ވަނީ، ހެކްޓަރަކަށް 550 މީހުންނަށް އިތުރުވެފައި
ހުޅުމާލޭ ފޭސް-2ގައި ހެކްޓަރެއްގައި ހާހެއްހާ މީހުން އުޅޭ
މާލޭގައި ހެކްޓަރެއްގައި 700އެއްހާ މީހުން އުޅޭ
ގުޅިފަޅުން ދޫކޮށްފައިވާ ގޯއްޗަށް އެކަނި ބެލިޔަސް ހެކްޓަރަކަށް 700 މީހުންނަށް ވުރެ އިތުރުވޭ
ފްލެޓްތައް އަޅަނީ ކިހާ އުސްމިނަކަށް ކަމެއް ނޭނގޭ. 10 ބުރިއަށް ވެސް ހަދާފާނެ. އެހެންވެ، ހެކްޓަރަކަށް ހާހެއްހާ މީހުން ޖެހުން އެކަށީގެންވޭ
ޒިޔަތު ވިދާޅުވި ގޮތުގައި އަލަށް އާބާދުވާ ތަންތަނާއި ސިޓީތައް ތަރައްގީ ކުރާއިރު، ގެންގުޅޭ ބައިނަލްއަގްވާމީ މިންގަނޑުތަކެއް ހުރެ އެވެ. އެގޮތުން މީހުން ދިރިއުޅޭ ސަރަހައްދުގެ ގޮތުގައި ތަރައްގީ ކުރަން ޖެހޭނީ އެތަނުގެ %40-%50 އަށްވުރެ އިތުރު ނުވާ ގޮތަށެވެ. ބާކީ ސަރަަހައްދު ހާއްސަ ކުރަން ޖެހޭނީ ސްކޫލާއި ވަޒީފާ އަދާކުރާ ތަންތަނާއި ޕާކުތަކާއި މިސްކިތްތަކާއި ދިރިއުޅުމުގެ ޒަރޫރަތްތަކަށެވެ.
ހުޅުމާލޭ ފޭސް-1ގެ އޮޮރިޖިނަލް ޕްލޭންގައި މީހުން ދިރިއުޅެން ހާއްސަކޮށްފައިވަނީ %35ގައި. އެކަމަކު %15-%20 ސިނާއީ މަސައްކަތްތަކަށް ހާއްސަކޮށްފައިވޭ
ޕާކުތަކާއި މުނިފޫހިފިލުވުމާއި ހުސް ޖާގަތަކަށް %12-%15 ދޫކުރަން ޖެހޭ. ގުޅިފަޅުގައި ދޫކޮށްފައިވަނީ %12
ޒިޔަތު ވިދާޅުވި ގޮތުގައި ގުޅިފަޅުގެ 150،000 މީހުންގެ އާބާދީއަށް ބަލާއިރު، %30 ކުދިން ވާނީ ތައުލީމް ހާސިލް ކުރަމުން ދާ ދަރިވަރުންނަށެވެ. އެ ނިސްބަތުން ބަލާ ނަމަ:
އެ ކުދިންނަށް ބޭނުންވާ ވަރަށް، ގްރޭޑް 1-10ގެ، ދެ ސެޝަނަށް ކިޔަވައިދޭ 23 ސްކޫލު ބޭނުންވާނެ
އެއް ސެޝަނަށް ކިޔަވައިދޭ ނަމަ 46 ސްކޫލު ބޭނުން ވާނެ
އެކަމަކު ޕްލޭންގައި އޮތީ 9-10 ސްކޫލު އަޅާ ގޮތަށް
މިއީ ވަރަށް މަދު މިންވަރެއް
އަލަށް ތަނެއް އާބާދުކުރާއިރު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ މިންގަނޑަކީ އާބާދީގެ ކޮންމެ މީހަކަށް 'ގްރީން ސްޕޭސް' ނުވަތަ ހުސް ޖާގައިގެ ގޮތުގައި ނުވަ އަކަމީޓަރު ލިބޭ ވަރަށް ތަރައްގީކުރުމެވެ. މި މިންގަނޑަށް ހުޅުމާލެ ވެސް ނާދެ އެވެ. އޭގެ އެންމެ ބޮޑު ސަބަބަކީ، ޒިޔަތު ވިދާޅުވި ގޮތުގައި، ރާއްޖެއަކީ ޖަޒީރާ ރަށްތަކަކަށް ވެފައި އެހާ ޖާގަ ނެތުމެވެ. އޭގެ އަދަދުތަކަށް ބަލާ ނަމަ:
ހުޅުމާލެ ފުރަތަމަ ޕްލޭންކުރީ ގްރީން ސްޕޭސްގެ ގޮތުގައި މީހަކަށް 3.2 އަކަމީޓަރު ލިބޭ ގޮތަށް
އެކަމަކު އާބާދީ ބޮޑުވެ، މިހާރު އެ ނިސްބަތް ވަނީ 2.5 އަކަމީޓަރަށް ކުޑަވެފައި
ގުޅިފަޅުގައި އެ ނިސްބަތް އޮތީ 0.85 އަކަމީޓަރަށް. މާލޭގައި 0.23 އަކަމީޓަރު
އެހެންވެ، އެއޮތް ގޮތަށް ތަރައްގީކޮށްފި ނަމަ ގުޅިފަޅު ވާނީ ހުސް ތަންތަން މަދު، ތޮއްޖެހުން ބޮޑު ތަނަކަށް
ފެނާއި ކަރަންޓާއި ނަރުދަމާ އަދި ސަަހަރާ ފަދަ އާއްމު ހިދުމަތްތަކަށް ބޭނުންވާ ބިން، ގުޅިފަޅުގައި ކަނޑައަޅާފައިވާ މިންވަރުން، އެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި މޭޔަރު އާދަމް އާޒިމް ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި މާލޭގައި މިހާރު ބެހެއްޓެނީ ފަސް ގަޑިއިރުގެ ފެނުގެ ސްޓޯރޭޖެވެ. ފެން ޕްލާންޓަކަށް މައްސަލައެއް ދިމާވެގެން، ފެނަށް ޖެހިއްޖެ ނަމަ ބޭނުންކުރަން ހުރީ އެންމެ ފަސް ގަޑިއިރަށް ވާވަރަށް ފެނެވެ. މޭޔަރު ފާހަގަކުރެއްވި ގޮތުގައި ޖާގައިގެ ދަތިކަމާ ހުރެ ރައްކާކުރެވެން ނެތީ އެވެ.
އެކަމަކު ގުޅިފަޅުގެ ބިން ޕްލޭން ކުރިއިރު އެކަމަށް މާ ބޮޑަށް ރިއާޔަތްކޮށްފައިވާ ތަނެއް ނުފެނެ އެވެ. އެގޮތުން:
އާއްމު މިންގަނޑަށް ބަލާއިރު، އަލަށް އާބާދުވާ ސަރަހައްދުގައި %3-%5 މުނިސިޕަލް ހިދުމަތްތަކަށް ހާއްސަކުރަން ޖެހޭ
ހުޅުމާލޭ ޕްލޭންގައި އޮތީ %4
މާލޭގައި %2
ގުޅިފަޅުގައި %1
މިއީ 150،000 މީހުންގެ އާބާދީއަކަށް ވަރަށް ކުޑަ މިންވަރެއް ކަމަށް އާބަން ޕްލޭނަރު ވެސް ފާހަގަކުރެއްވި އެވެ.
ގުޅިފަޅުގެ މަގުތައް ހަދަން ޕްލޭނުގައި އޮތް ގޮތާ މެދު އޭނާ އެހާ ހިތްހަމަޖެހިވަޑައެއް ނުގަންނަވަ އެވެ. ޒިޔަތު ވިދާޅުވީ އާއްމު އުސޫލުން މަގުތައް ހަދަނީ، ފުޅާ މަގުތަކާއި ހަނި މަގުތަކާއި އެތަނުން ނުކުމެވެން ހުންނަ ގޯޅި ފަދަ ތަންތަން ހިމަނައިގެން ހަތަރު ބަޔަކަށް ބަހާލައިގެން ކަމަށެވެ. އެގޮތަށް މަގުތައް ކަނޑައަޅަނީ، އެ މަގެއްގައި ހުންނަ އިމާރާތްތަކަށް ބަލައިގެން، (އެތަނަށް ވަދެ ނުކުމެ އުޅޭނެ މީހުންގެ ނިސްބަތް ބެލުމަށް)، ޓްރެފިކާއި އެހެން ކަންކަމަށް ސަމާލުކަން ދީގެންނެވެ.
އެކަމަކު ޒިޔަތު ވިދާޅުވި ގޮތުގައި:
ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަލާއިރު (ގްރޭޓާ މާލެ ސަރަަހައްދުގެ ރަށްތައް ބްރިޖުން ގުޅޭ ގޮތަށް) ރަށަށް އަރަން ބޮޑު ފުޅާ މަގެއް އޮވޭ
ދެން ފެންނަން އޮތީ އެ ފުޅާ މިނުގެ އެންމެ މަގެއް
ދެން އޮތީ އެއްވަރަށް ހަދާފައި ހުންނަ މަގުތަކެއް
ޓްރެފިކަށް އަންނާނެ ބަދަލުތަކަށް ރިއާޔަތްކޮށް، މަގުތަކަށް ގެންނަ ހާއްސަ ބަދަލުތަކެއް ނެތް
ބަސް ދަތުރާއި ހިނގާބިނގާވެ އުޅޭ މީހުންނަށް ހާއްސަ ޕޭވްމަންޓާއި މަގުގައި ގަސް ޖަހަން ހާއްސަ ކުރާ ތަންތަން ވެސް ކަނޑައަޅާފައެއް ނުވޭ
ގުޅިފަޅު ލޭންޑް ޔޫސް ޕްލޭނާ މެދު ތަޖުރިބާކާރު ދޭން އޮތް އެންމެ ބޮޑު ހިޔާލަކީ، އެފަދަ ރަށެއްގެ ބިން ބޭނުންކުރާނެ ގޮތް ޕްލޭން ކުރާއިރު، ހުޅުމާލޭ ފޭސް-2 އިން ފެށިގެން، ގިރާވަރު ފަޅާހަމައަށް، މުޅި ގްރޭޓާ މާލޭ ރީޖަން ސަރަހައްދު އެއްކޮށް ޕްލޭންކޮށްފައި އާއްމު ކުރުމެވެ. އެއީ ބިންވެރިޔާ މަޝްރޫއުގެ ދަށުން، ތިން ފަޅަކުން ގޯތި ދޫކޮށްފައިވާއިރު، އެތަންތަން ތަރައްގީ ކުރާނެ ގޮތާއި އާއްމު ދިރިއުޅުން ހުންނާނެ ގޮތް މީހުންނަށް އެނގެން މުހިއްމުވާތީ އެވެ.
"ބައެއް މީހުން އެބަ ބިން ބަދަލު ވެސް ކުރޭ. ގުޅިފަޅުން ލިބުނު ބިން ދޫކޮށްލައި ގިރާވަރަށް ބަދަލު ކުރާއިރު އެތަންތަން ތަރައްގީ ކުރާނެ ގޮތް އަސްލު އެނގެން މީހުން ބޭނުންވާނެ،" ޒިޔަތު ވިދާޅުވި އެވެ.
ގުޅިފަޅުގެ ބިންވެރިންނާއި ސްޓޭކްހޯލްޑަރުންނާ އެކު މާލޭ ސިޓީ ކައުންސިލުން ބޭއްވި ބައްދަލުވުމުގައި މޭޔަރު އާޒިމް ވަނީ އެ ޕްލޭނާ މެދު ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވާފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އެއީ މިހާރު އުޅެމުން އަންނަ ތޮއްޖެހުން ބޮޑު ދިރިއުޅުން ދޫކޮށް، ހިތް ފަސޭހަ ތަނަކަށް ދާން އޮތް ޕްލޭނެއް ކަމަކަށް ގަބޫލެއްނުކުރައްވަ އެވެ.
މޭޔަރު ވިދާޅުވި ގޮތުގައި:
އެ ޕްލޭންގައި އާއްމު ހުސް ޖާގަތަކާއި މިސްކިތްތަކާއި ޕާކުތަކާއި ހޮސްޕިޓަލް އަދި ސްކޫލުތައް ހިމެނޭ ގޮތަށް، އެންމެ އެކަށީގެންވާ ވަސީލަތްތައް ގިނަކޮށް ތަން ތަރައްގީ ކުރުމުގެ ވިސްނުމެއް ނެތް
މި ޒަމާނުގެ އާބަން ޕްލޭނިންގެ އިލްމަށް އެއްވެސް ވަރަަކަށް ރިއާޔަތްކޮށްފައެއް ނެތް
"ހުޅުމާލެ އޮތް ވަރު ވެސް ރަނގަޅޭ. އެކަމަކު އަޅުގަނޑުމެން މި އެދެނީ އެއަށް ވުރެ ގޯސް ނުކުރާށޭ. މުޅި އެތި އަލުން ސްޓަޑީ ކުރައްވާށޭ،" އާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޕްލޭނެއް ހަދާފައި އެއަށް އާއްމުންގެ ހިޔާލު ހޯދުން މުހިއްމު ކަމަށާއި އެ ލިބޭ ހިޔާލުތަކާ އެއްގޮތަށް ބަދަލުތައް ގެންނަން ޖެހޭނެ ކަމަށެވެ. އެކަމަކު ރައްޔިތުންގެ ލަފައެއް ނެތި، 'ފިނި ކޮޓަރީގައި' ތިބެގެން މިފަދަ ބޮޑެތި ޕްލޭންތައް ހެދުމަކީ ކަންބޮޑުވާކަމެއް ކަމަށް ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި ބައިވެރިވި އެހެން ބޭފުޅުން ފާހަގަކުރެއްވި ގޮތުގައި ޕްލޭން ހަދާފައި އޮތީ، 'އަލިފާން ފޮއްޓަކުން ނުކުމެ އެފަދަ އެހެން އަލިފާން ފޮއްޓަކަށް ދާން ޖެހޭ' ގޮތަށެވެ.
އާބަން ޕްލޭނަރަކަށް ސުވާލެއް: ގުޅިފަޅު ދެ ވަނަ މާލެއަށް ވެދާނެތަ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ