ރައްޔިތުން ދުންފަތާ ދުރުހެލި ކުރުވުމަށް ދިވެހި ތާރީޚުގައިވެސް ރައީސް ޑރ. މުޢިއްޒު ކުރައްވާފައިވާ މިންވަރަށް މަސައްކަތް ކުރެވިފައި ނުވޭ: ޕީއެންސީ

ރައްޔިތުން ދުންފަތާ ދުރުހެލި ކުރުވުމަށް ދިވެހި ތާރީޚުގައިވެސް ރައީސް ޑރ. މުޢިއްޒު ކުރައްވާފައިވާ މިންވަރަށް މަސައްކަތް ކުރެވިފައި ނުވާކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބުނެފިއެވެ.
ދުނިޔޭގެ ސިއްޙަތު ޖަމުޢިއްޔާއިން ރައީސް ޑރ. މުޢިއްޒަށް ދުންފަތާ ދެކޮޅަށް ކުރައްވާފައިވާ މަސައްކަތްޕުޅުތަކަށް ޚާއްޞަ އެވޯޑެއް ދެއްވުމާ ގުޅިގެން ޕީއެންސީން ނެރުނު ބަޔާނުގައި ވަނީ މިހާތަނަށް ދިވެހި ތާރީޚުގައިވެސް ދުންފަތާ ދުރުހެލި ކުރުވުމަށް އެމަނިކުފާނުގެ ސަރުކާރުން ކުރައްވާފައިވާ މިންވަރަށް މަސައްކަތް ކުރެވިފައި ނުވާކަމަށް ފާހަގަކޮށްފައެވެ.
ޕީއެންސީން ފާހަގަކުރި ގޮތުގައި ދިވެހި ޒުވާން ޖީލު ހަލާކުވަމުންދިއުމުގެ އެއް އަސްލު ސަބަބު ކަމަށްވާ "ވޭޕް" ދިވެހިރާއްޖެ އެތެރެކުރުމާއި ބޭނުންކުރުން މަނާކުރެއްވުމަކީ އެމަނިކުފާނު ދުންފަތުގެ މައްސަލައަށް ހައްލު ހޯއްދަވައިދެއްވުމަށް ކުރައްވާ އިޚްލާޞްތެރި މަސައްކަތްޕުޅުތަކުގެ ހެއްކެކެވެ.
އެ ޕާޓީން އިތުރަށް ފާހަގަކުރި ގޮތުގައި ރާއްޖެއަކީ ކުޑަ ޤައުމެއް ނަމަވެސް، އިންސާނީ ތަރައްޤީއާއި ރައްޔިތުންގެ ދުޅަހެޔޮކަމަށް ރައީސުލްޖުމްހޫރިއްޔާ އަޅުއްވަމުންދާ ފިޔަވަޅުތަކުގެ ސަބަބުން ދުނިޔޭގެ ފެންވަރުގައި އެކަން ފާހަގަކުރެވެމުންދެއެވެ. މިއީ ޕީއެންސީގެ ވެރިކަމަކުން ދިވެހީން ހާސިލްކުރަން ބޭނުންވި އަސާސްތައް ހާސިލްކޮށްދެއްވުމުގައި އެމަނިކުފާނު ކުރައްވާ މިންނެތް މަސައްކަތްޕުޅުގެ އިޚްލާޞްތެރިކަން ދައްކުވައިދޭ އަލިގަދަ ހެއްކެކެވެ.
ޕީއެންސީން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މާލިމީކަމުގައި ދިވެހީން އަބަދުވެސް އެދެމުން އަންނަފަދަ ފާގަތި މަންޒިލަކަށް ރާއްޖެ ގެންދިއުމުގައި އެމަނިކުފާނާއެކު ސާބިތުކަމާއެކު ތިބޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ