ޒުހައިރު އެޗްޑީސީއަށް ބަދަލުކޮށް، އާރުޑީސީގެ އެމްޑީއަކަށް ނަޒީމް

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ބަދަލުކޮށް، އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހީމް ނަޒީމް އައްޔަންކޮށްފިއެވެ. ޕްރައިވަޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން މިއަދު ބުނީ، އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު ކަމުން ޒުހައިރު ވަކިކޮށް، އެ މަގާމަށް ނަޒީމް އައްޔަންކޮށްފައިވާ ކަމަށެވެ. ބަދަލުގައި ޒުހައިރު ވަނީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުކަމަށް ބަދަލުކޮށްފައެވެ. ޒުހައިރު އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުކަމަށް އައްޔަންކުރީ އެ މަގާމު މިއަދާ ހަމައަށް ފުރުއްވަމުން ގެންދެވި މުހައްމަދު މައުރޫފް ޖަމީލް އިސްތިއުފާދެއްވުމާ ގުޅިގެންނެވެ. މިދިޔަ ޑިސެމްބަރު މަހުގެ 22ވަނަ ދުވަހު އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުކަމަށް އައްޔަންކުރެއްވި މައުރޫފް ވަނީ، މަގާމަށް އައްޔަންކުރިތާ ހަ މަސް ފަހުން ރިޓަޔާކުރައްވަން ނިންމަވައިފައެވެ. އެކަމާ ގުޅިގެން ދައުލަތުގެ މީޑިއާ، ޕީއެސްއެމްގައި ވާހަކަ ދައްކަވަމުން މި މަހުގެ އަށްވަނަ ދުވަހު އޭނާ ވިދާޅުވީ، އެ މަގާމާ ހަވާލުވެ ވަޑައިގަތީ ވެސް ސެމީ ރިޓަޔަމަންޓުގައި ހުންނަވަނިކޮށް ކަމަށެވެ. މަގާމާ ހަވާލުވިއިރު ވެސް، މާ ގިނަ ދުވަހު އެޗްޑީސީގައި މަސައްކަތްކުރެއްވުމުގެ ވިސްނުމެއް ނެތް ކަމަށާއި، ނަމަވެސް އެ މަސައްކަތަށް އޮތް ޝައުގުވެރިކަމުގެ ސަބަބުން ކުޑަ ދުވަސްކޮޅަކަށް ވިޔަސް، ޚިދުމަތްކުރައްވަން ބޭނުންވާތީ މަގާމާ ހަވާލުވެވަޑައިގަތީ ކަމަށް އޭނާ އޭރު ވިދާޅުވިއެވެ. ފާހަގަކުރެވޭ ގޮތުގައި މިއަދު އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު ކަމަށް އައްޔަންކުރި ނަޒީމް ވަނީ ކުރީގެ ރައީސް އަބްދުالله ޔާމީންގެ ސަރުކާރުގައި ވެސް އެ މަގާމު ފުރުއްވައި، އޭގެ ފަހުން ހައުސިން މިނިސްޓްރީގެ ނައިބުކަން ވެސް ކުރައްވައިފައިވެވެ. އާރުޑީސީން ނަޒީމް އޭރު ވަކިކުރީ ކޮރަޕްޝަންގެ ތުހުމަތުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ