ޝާލޮޓް، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 23) - ފީފާ ކްލަބް ވޯލްޑް ކަޕުގެ ގްރޫޕް އެޗްގައި އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެ، ޕަޗޫކާގެ މައްޗަށް 3-1 އިން ކުރިހޯދައި، ރެއާލުން ފުރަތަމަ މޮޅު ހޯދައިފި އެވެ.
މި މުބާރާތުގައި ރެއާލުން ކުޅުނު ފުރަތަމަ މެޗުގައި ސައުދި އަރަބިއްޔާގެ އަލް ހިލާލްއާ އެއްވަރުވީ 1-1 ގެ ނަތީޖާ އަކުންނެވެ. އެކަމަކު ރޭ ބޭންކް އޮފް އެމެރިކާ ސްޓޭޑިއަމްގައި ކުޅުނު މެޗު ރެއާލުން ކާމިޔާބުކޮށް، ކޯޗު ޒަބީ އަލޮންސޯގެ އިރުޝާދުގެ ދަށުން ފުރަތަމަ މޮޅު ވަނީ ހޯދައިފަ އެވެ.
މި މެޗު ފަށައިގެން ހަތް ވަނަ މިނިޓްގައި ރެއާލްގެ ޑިފެންޑަރު ރައުލް އަސެންސިއޯ ކުރި ފައުލަކާ ގުޅިގެން އޭނާ އަށް ރެފުރީ ވަނީ ސީދާ ރަތް ކާޑެއް ދައްކައިފަ އެވެ. އެއާއެކު ރެއާލުން މެޗުގެ ބޮޑުބައި ކުޅެން ޖެހުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ޕަޗޫކާ އިން ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލިއިރު، މި ހަމަލާތަކުގެ ހުރަހަކަށްވީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ރެއާލްގެ ކީޕަރު ޓިބޯ ކޯޓުއާ އެވެ.
މި މެޗުގެ ލީޑު ރެއާލުން ނެގީ މެޗުގެ 35 ވަނަ މިނިޓްގައި ޖޫޑް ބެލިންހަމް ޖެހި ގޯލުންނެވެ. މިއީ ޕަޗޫކާގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު އޭރިއާ ތެރެއަށްވަދެ ގޯލުގެ ދުރުކަނަށް ބޯޅަ ފޮނުވާލައިގެން ބެލިންހަމް ޖެހި ގޯލެކެވެ.
އޭގެ ދެ މިނިޓް ފަހުން ރެއާލްގެ ފޯވާޑް ވިނީޝިއުސް ޖޫނިއާ އަށް ވެސް ވަނީ ގޯލު ޖަހަން ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފަ އެވެ. އެކަމަކު، ރެއާލުން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން އިތުރުން ގޯލެއް ޖަހައި ލީޑު ފުޅާކޮށްފަ އެވެ. މި ގޯލު އެ ޓީމަށް ޖަހައިދިނީ އާރްދާ ގުލާ އެވެ.
ރެއާލުގެ ތިން ވަނަ ގޯލު މެޗުގެ 70 ވަނަ މިނިޓްގައި ކާމިޔާބުކުރީ ފެޑްރީކޯ ވަލްވާޑޭ ޖެހި ގޯލުންނެވެ. މިއީ ބްރަހިމް ޑިއާޒް ނަގައިދިން ހުރަހެއްގައި މުޅިން ހުހަށްހުރެ ވަލްވާޑޭ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބުކުރި ލަނޑެކެވެ.
އެކަމަކު، މެޗުގެ 80 ވަނަ މިނިޓްގައި ޕަޗޫކާގެ އެލިއަސް މޮންޓާލް ވަނީ އޭރިއާ ބޭރުން ހިތްގައިމު ގޯލެއް ޖަހައި ފަރަގު ކުޑަކޮށްފަ އެވެ.
ގްރޫޕް ސްޓޭޖު ފަހު މެޗުގައި ރެއާލުން ނުކުންނާނީ އާރްބީ ސަލްޒްބާގްއާ ދެކޮޅަށެވެ. އެ މެޗު ކުޅޭނީ އަންނަ ހުކުރު ދުވަހު ފަތިހު އެވެ.
ކްލަބް ވޯލްޑް ކަޕް: ޕަޗޫކާ ބަލިކޮށް ރެއާލަށް ފުރަތަމަ މޮޅު ކްލަބް ވޯލްޑް ކަޕް: ޕަޗޫކާ ބަލިކޮށް ރެއާލަށް ފުރަތަމަ މޮޅު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ