ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމުގައި ރައްޔިތުންގެ ބަހެއް ހޯދުން ލާޒިމުވާ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރުމަށް އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ހުށަހަޅުއްވައިފި އެވެ.
އަދަދު ނޫހަށް މިއަދު ލިޔުއްވި ކޮލަމެއްގައި ފައްޔާޒު ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު ވަކިކުރުމަކީ ފަސޭހަ ކަމަކަށް ވެގެން ނުވާނެ ކަމަށް ލިޔުއްވައިފަ އެވެ. އެ ކަމަށް އޮންނަންވާނީ ރައްޔިތުންގެ ތާއީދު ލިބޭ އިންސާފުވެރި ސަބަބެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ސުޕްރީމް ކޯޓުން ސަރުކާރުން އެދުނު ގޮތާ ހިލާފަށް މައްސަލައެއް ބެލޭނެ ކަމަށް ކަނޑައެޅި ހިސާބުން ފަނޑިޔާރުން ބަދަލުކުރެއްވި. ދެން ތިބި ފަނޑިޔާރުންނަށް ވެސް އެ ދެވުނީ ބޮޑު އިންޒާރެއް. އަދި އަލަށް ހުސްވި ޖާގަތަކަށް އައްޔަނުކުރި ފަނޑިޔާރުން ވެސް އަމަލުކުރަން މަޖުބޫރުވާނީ ރައީސުލްޖުމްހޫރިއްޔާ އަންގަވާ ގޮތަކަށް،" ފައްޔާޒު ހިޔާލު ދެއްވި އެވެ.
ނިޒާމު މިހާރު އޮތް ގޮތުން، ރައީސްގެ މުށުތެރޭގައި އޮތް މަޖިލީހާއި، ޖޭއެސްސީ އަދި އޭސީސީ ބޭނުންކޮށްގެން ދޮގު ތުހުމަތުތަކެއް އުފައްދައިގެން ފަނޑިޔާރުން ވަކިކުރުމަކީ މާ އުނދަގޫ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
ދާދިފަހުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއް ވަކިކުރީ ޖޭއެސްސީން ހިންގި ޣައިރު ގާނޫނީ ތަހުގީގަކަށް ފަހު އެވެ. ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮންނަ މަޖިލީހުން އެ ފަނޑިޔާރުން ވަކިކުރީ ޖަވާބުދާރީވުމުގެ ފުރުސަތެއް ނުދީ އެވެ.
ސުޕްރީމް ކޯޓުގެ މިނިވަންކަން ރައްޔިތުންގެ މަޖިލީހުގެ އަތްމަތީގައި ހަމައެކަނި ބޭއްވުމަކީ މި ކުރެވުނު ތަޖުރިބާއަށް ބަލާއިރު އެކަށީގެންވާ ގޮތެއް ނޫން ކަމަށް ޔަގީން ކުރެއްވޭ ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އެކަމުގެ ހައްލު އޮތީ ރައްޔިތުންގެ އަތްމަތީގައި ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.
"ސުޕްރީމް ކޯޓުން ފަނޑިޔާރުން ވަކިކުރުމުގައި ރައްޔިތުންގެ މަޖިލީހަށް ލިބިދޭ ބާރު ލިމިޓު ކުރެވިދާނެ ކަމަށް ދެކެން. މަޖިލީހުން ފަނޑިޔާރަކު ވަކިކުރަން ފާސްކުރުމުން އެ ނިންމުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ލާޒިމު ކުރެވިދާނެ. މަޖިލީހުގެ ނިންމުމަށް ރައްޔިތުން ތާއީދު ކޮށްފިނަމަ ފަނޑިޔާރު ވަކިވީ. ތާއިދު ނުކޮށްފިނަމަ ސުޕްރީމް ކޯޓުގެ ބެންޗުގައި ދެމިހުރެވޭނެ،" ފައްޔާޒު ހިޔާލު ދެއްވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މިފަދަ ވޯޓަކީ ސިޔާސީ ގޮތުން އަންނަ ހަމަލާތަކުން ސަލާމަތް ވުމަށް ފަނޑިޔާރުންނަށް ދެވޭނެ ބޮޑު ހިމާޔަތެކެވެ. އަދި ރައްޔިތުންގެ ބަހަކާއި ނުލައި ގާނޫނުއަސާސީގައި ބަޔާންކުރާ އެއް ބާރުގެ ވެރިން ބަދަލު ކުރެވިގެން ނުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އޭގެ އިތުރުން، ހުދުމުހުތާރު ވެރިކަމެއްގެ ބައިވެރިޔަކަށް ފަނޑިޔާރުގެ ވެއްޖެ ހާލަތެއްގައި، ކަނޑައެޅިފައިވާ ވަކި ނިޒާމެއްގެ ތެރެއިން ރައްޔިތުންގެ އިސްނެގުމާއެކު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ "ރިކޯލް" ވޯޓެއް ނެގޭނެ ފަދަ ނިޒާމެއް ގާއިމުކުރުމުގެ ހިޔާލު ވެސް އެ ކޮލަމްގައި އޭނާ ފާޅުކުރެއްވި އެވެ.
ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުތަކެއް ނެގުމަކީ ހަރަދު ބޮޑު، އިންތިޒާމު ކުރަން ފަސޭހެ ކަމަކަށް ނުވި ނަމަވެސް އެފަދަ ނިޒާމެއް ނެތުމުން ރައްޔިތުންނާއި ގައުމަށް ލިބެމުންދާ އިޖުތިމާއީ އަދި މާލީ ގެއްލުންތައް މާ ބޮޑު ކަމަށް ފައްޔާޒު ފާހަގަކުރެއްވި އެވެ.
މިފަހުން ފަނޑިޔާރުން ވަކިކުރުމަށް ސަރުކާރުން ކުރި ކަންކަމާ މެދު އާންމުންނާއި ބޭރު ދުނިޔޭން ކަންބޮޑުވުން ފާޅުކުރި އެވެ.
ސުޕްރީމް ކޯޓުގެ ބެންޗުގައި ހަތް ފަނޑިޔާރުން ތިއްބަވަ އެވެ. އޭގެ ތެރެއިން ތިން ފަނޑިޔާރުން އައްޔަނު ކުރީ ރައީސް މުއިއްޒު އެވެ. ފަނޑިޔާރު ހުސްނުއްސުއޫދު އިސްތިއުފާ ދެއްވުމުން އެ މަގާމަށް އައްޔަނުކޮށްފައި ވަނީ ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު އެވެ.
އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ރިޓަޔާ ކުރައްވާތީ އެ މަގާމަށް ވެސް ބޭފުޅަކު އައްޔަނު ކުރައްވާނީ ރައީސް މުއިއްޒު އެވެ. އެހެންކަމުން، ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ބެންޗުގެ ތެރެއިން މެޖޯރިޓީ ފަނޑިޔާރުންނަކީ ރައީސް މުއިއްޒުގެ ވެރިކަމުގައި އަލަށް އެންމެ މަތީ ކޯޓުގެ ފަނޑިޔާރުކަމަށް ވަޑައިގަންނަވާނެ ބޭފުޅުންނެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރަން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ފައްޔާޒުގެ ހުށަހެޅުމެއް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރަން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ފައްޔާޒުގެ ހުށަހެޅުމެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ