ކުޅުދުއްފުށީގައި މަސް ހިފަން ފޭބި މިިީހަކަށް މިޔަރެއް ހަމަލާދީފި

ކުޅުދުއްފުށީ ކައިރިއަށް މަސް ހިފަން ފޭބި މިިީހަކަށް މިޔަރެއް ހަމަލާދީފިއެވެ.
މި ހާދިސާގައި ޒަހަމްވެފައިވަނީ އުމުރުން 30 އަހަރުގެ މީހަކަށެވެ.
'ދަ ޕްރެސް'އަށް މައުލޫމާތު ލިބިފައިވާ ގޮތުން އެމީހާ ގައިގައި މިޔަރު ދަތްއެޅީ ކުނިކޮއްޓާއި ދިމާއަށް ބޭރުގައި މަސް ހިފަން އުޅެނިކޮށެވެ. އެމީހާ ގައިގައި މިޔަރު ހިފުމަށްފަހު، މީހާ އާއި އެކު އަޑިއަށް ދިއުމަށް މަސައްކަތް ކޮށްފައިވާކަމަށް އެ ރަށުން މައުލޫމާތު ދިން ފަރާތުން ވަނީ ބުނެފައެވެ. އެހެންނަމަވެސް އެކީގައި މަހަށް ދިޔަ މީހުންގެ އެހީތެރިކަމާއެކު މީހާ ސަލާމަތްކޮށް ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުން މި މީހާގެ ކަނައަތު ކޮނޑުމަތީގެ ބޮޑު ސަރަހައްދެއް ޒަހަމްވެފައިވާއިރު، އެމީހާގެ ހާލު ސްޓޭބަލްކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުންވަނީ ބުނެފައެވެ. އިތުރަށް ހޮސްޕިޓަލުން ބުނީ އެމީހާގެ ކޮނޑުހުޅު ނެއްޓިފައިވާތީ، ހުޅު އެޅުވުމަށާއި ބަލަންޖެހޭ އިތުރުކަންކަން ބަލަމުން އަންނަކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ