ހިނގަމުންދާ ވެރިކަމެއް ވައްޓާލާނީ ކިހިނެއް؟ ހިނގަމުންދާ ވެރިކަމެއް ވައްޓާލާނީ ކިހިނެއް؟

ސުރުހީގައި އޮތް 'ކިހިނެއް' ގެ ކުރިން ޖަވާބު ހޯދަންވީ 'ކީއްވެ' އަށެވެ. އެ 'ކީއްވެ' ގެ ޖަވާބަކަށް ވާންވާނީ ވަކި އެވެނިމިވެނި ކަމެއް ނޫނެވެ. ޖުމުލަ ގޮތެއްގައި ސަރުކާރަކުން ދޭންޖެހޭ ހިދުމަތް ނުދިނުމުގެ ސަބަބުން ގައުމު ބަރުބާދުވަމުން ދިއުމެވެ. ދޮގު ހެދުމާއި، ވައުދު ނުފުއްދުމާއި، ގާތް މީހުންނަށް ވަޒީފާ ދިނުމާއި، ރައްޔިތުންގެ ފައިސާއަށް ހިޔާނާތްތެރިވުމާއި، އެކި ގޮތްގޮތުން ރައްޔިތުންގެ ޒަރޫރަތުތައް ފުއްދައި ނުދީ ދަތިކުރުމާއި، އަމުދުން ސަރުކާރެއް ހިންގާން ނޭނގުން ފަދަ ހުރިހައި ސަބަބެއް އެކުވުމުން އެއޮތީ ސަރުކާރެއް ވައްޓާލަންޖެހޭ ސަބަބު ލިބިފަ އެވެ. 'ކީއްވެ' ގެ ޖަވާބު އެ ލިބުނީ އެވެ. ދެން އޮތީ 'ކިހިނެއް' ގެ ޖަވާބު ހޯދުމެވެ.
ހިނގަމުންދާ ވެރިކަމެއް ވައްޓާލަން ރޭވުމާއި، އަމުދުން ވައްޓާލުމަކީވެސް ކުށެއް ނޫނެވެ. އެކަމަށް މަގު ދައްކައިދީފައި އޮތީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީންނެވެ. ވެރިކަމާމެދު ރައްޔިތުން ނުހުރޭނަމަ، ވެރިކަން ވައްޓާލާނޭ ފޯމިއުލާތައް އޮތީ ގާނޫނުއަސާސީގައި ލިޔެވިފަ އެވެ.
ގާނޫނުއަސާސީގެ 4 ވަނަ މާއްދާގެ އިބާރާތުގައި އޮތީ، ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށެވެ. އަދި އެ ބާރުތައް ދެމި އޮންނާނީވެސް ރައްޔިތުންގެ ކިބައިގައި ކަމަށެވެ. ދައުލަތުގެ ސަރުކާރަކީ ރައްޔިތުންގެ އެންމެހައި ޒަރޫރަތުތައް ހަމަޖެއްސުމަށްޓަކައި ރައްޔިތުން އުފެއްދި ބާރެކެވެ. ޑިމޮކްރެސީގެ އެންމެ އަސާސީ ސިފައަކީވެސް އެއީ އެވެ. ރައްޔިތުންނަށްޓަކައި ރައްޔިތުން އުފައްދާ ރައްޔިތުންގެ ސަރުކާރެއް އޮތުމެވެ. ގާނޫނުއަސާސީ ފަރުމާކުރެވިފައި އޮތީ އެއްވެސް ހާލެއްގައި، ސަރުކާރެއް ހޮވުމަށްފަހު ފަސް އަހަރު ދުވަހުގެ މުއްދަތަށް ރައްޔިތުން ލާޗާރުވެ، އަތްބަނދެވިފައި ތިބެންޖެހޭ ގޮތަކަށް ނޫނެވެ.
'ރައްޔިތުންނަށްޓަކައި ރައްޔިތުން އިންތިހާބުކުރާ ރައްޔިތުންގެ ސަރުކާރު' ގެ ފަލްސަފާ ދެމެހެއްޓުމުގެ ޒިންމާއާއި، ބާރުވެސް ގާނޫނުއަސާސީން ދީފައި އޮތީ ރައްޔިތުންނަށެވެ.
ފުރަތަމަ، ރައީސުލްޖުމްހޫރިއްޔާގެ މަގާމު ހުސްވާ ގާނޫނީ ގޮތްތަކަށް ބަލަމާ ހިނގާށެވެ. އެއްގޮތަކީ، ރައީސުލްޖުމްހޫރިއްޔާ އަމިއްލަފުޅަށް އިސްތިއުފާ ދެއްވުމެވެ. ދެވަނަ ގޮތަކީ، ރައްޔިތުންގެ މަޖިލީހުން އޭނާ މަގާމުން އަޒުލުކުރުމެވެ. ރައީސުލްޖުމްހޫރިއްޔާ އަވަހާރަވުން އެއީވެސް ގޮތެކެވެ. އެކަމަކު އަޅުގަނޑުމެން އެންމެން މި ދުއާ ކުރަނީ މުއިއްޒުއަށްވެސް ދިގު އުމުރެއް ދެއްވުމަކަށް ނޫންތޯ އެވެ. އެހެންވީމާ ރައީސް އަވަހާރަވުން އެއީ މި ލިޔުމުގެ ބޭނުމަށްޓަކައި ހިޔާރެއް ކަމަށްވެސް ނުބަލާނީ އެވެ.
ރައީސުލްޖުމްހޫރިއްޔާކަމުގައި މިހާރު އެ ހުންނެވީ 'އަޅުގަނޑު މި މަގާމުގައި އިތުރަށް ހުރެއްޖެނަމަ ދިވެހިރާއްޖެއަށް ނުހަނު ބޮޑެތި ގެއްލުންތަކެއް ދެވިދާނެ' އޭ ވިދާޅުވެ އަމިއްލަފުޅަށް އިސްތިއުފާ ދެއްވަފާނޭ ބޭފުޅެއް ނޫނެވެ. ދެން ރައްޔިތުންގެ މަޖިލީހަށް ބަލާށެވެ. އެ މަޖިލިސް އެއޮތީ ރައީސުލްޖުމްހޫރިއްޔާގެ މުށުތެރޭގަ އެވެ. އެހެންވީމާ އެ މަޖިލީހުން އޭނާގެ އިތުބާރު ނެތްކަމަށް ފާސްކޮށް މަގާމުން ވަކިކުރުމަކީ ވެސް މިހާރުގެ ހާލަތަށް ބަލާއިރު، މުސްތަހީލުކަމެކެވެ. ގާނޫނުއަސާސީގެ 4 ވަނަ މާއްދާގެ ބާރު ދައްކަން ފަށަންޖެހޭ ހިސާބަކީ މިއީ އެވެ. އެ މާއްދާގެ ބާރު ކަށަވަރުކޮށްދިނުމަށް ގާނޫނުއަސާސީގެ ދެވަނަ ބާބުގައި ލިޔެފައިހުރި މާއްދާތަކުގެ ބޭނުން ހިފަންވީ ދަނޑިވަޅަކީ މިއީ އެވެ.
ކަމަކާ ހިތްހަމަނުޖެހުމުން ރައްޔިތުން އެންމެ ގިނައިން ބޭނުންކުރާ ހައްގަކީ ގާނޫނުއަސާސީގެ 32 ވަނަ މާއްދާއިން ލިބިދީފައި އޮތް އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްގެވެ. އެއް ކަމަކަށް ގޮވާލައި، ގިނަ އަދަދެއްގެ ރައްޔިތުން އެއްތަނަކަށް އެއްވެ އަޑުއުފުލުމުގެ ސަބަބުން ސަރުކާރުތައް ބަދަލުކުރެވިފައި ހުރީ މަދެއްކޮށެއް ނޫނެވެ. ފަހުގެ ތާރީހަށް ބަލާނަމަ މަޝްހޫރު އެރަބް ސްޕްރިންގ އަކީ މީގެ ދިރިއޮތް މިސާލެކެވެ. އެހެންނަމަވެސް، މި މާއްދާއިން ލިބޭ ހައްގުގެ ބޭނުންކުރުމުގައި ގިރާކުރަންޖެހޭ ހިރާސްތަކެއް ހުރެ އެވެ. ސަލާމަތީ ހިދުމަތްތަކުން ސަރުކާރު ދިފާއުކުރުމަށް ފުރަތަމަކޮޅުގައި ކުރާ މަސައްކަތްތަކުގެ ސަބަބުން އެތައް ބަޔަކު ހައްޔަރުވުމާއި، އެތައް ބަޔަކަށް އަނިޔާވުންފަދަ އެތައް ކަމެއް ކުރިމަތިވެ އެވެ. އެކަމަކު މިއީ ސަރުކާރަށް ނުވަތަ ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ކަމެއް ކުރުމަށް ބާރު އެޅުމުގައި ކާމިޔާބު ގޮތެކެވެ.
އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްގަކީ، ކަންކަމަށް ބާރުއެޅުމަށް ގާނޫނުއަސާސީ ދައްކައިދިން ހަމައެކަނި ގޮތެއް ނޫނެވެ. އެ މާއްދާގެ ކުރިއަށް ލިޔެވިފައި އެއޮތީ އަދި މާ ފައްކާ ގޮތެކެވެ. ގާނޫނުއަސާސީގެ 31 ވަނަ މާއްދާގައި އޮތީ "އިހުތިޖާޖުކުރުމަށްޓަކައި ހަޅުތާލުކުރުމުގެ ގޮތުން މަސައްކަތް ހުއްޓާލައިގެން ތިބުމުގެ ހައްގު ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ މީހުންނަށާއި އެ ނޫންވެސް މަސައްކަތްތެރީންނަށް ލިބިގެން ވެއެވެ." މިހެންނެވެ.
މިހާރު ހުރި ރައީސުލްޖުމްހޫރިއްޔާއަށް ވެރިކަމުގައި ހަމަޖެހިލައިގެން އެ ހުރެވެނީ، އަޅުގަނޑުމެން ކޮންމެ ދުވަހަކު ހެނދުނު ހޭލައިގެން ގައުމު ބިނާކުރުމުގެ މަސައްކަތަށް ނުކުންނާތީ އެވެ. ހަފްތާއަކު ތިން ރޭ ފުޓުބޯޅަ ކުޅުއްވަން ރައީސަށް އާރަށަށް ވަޑައިގެންނެވެނީ ރައްޔިތުންގެ ތެރެއިން ބަޔަކު ވަޒީފާއަށް ނުކުމެ ސަރުކާރު ހިންގައިދޭތީ އެވެ. ސަރުކާރު ހިންގާން ފައިސާ ޖަމާކުރެވެނީ އަޅުގަނޑުމެން އަތުގައި ހުންނަ ފައިސާއިން ވިޔަފާރިކޮށްހަދާތީ އެވެ.
މި ހައްގު ބޭނުންކުރުމުގައި އެންމެ ރީތިކަމަކީ، އަނިޔާވެރި އަމަލުތައް ހިނގުމުގެ ފުރުސަތު ނެތްކަމެވެ. މި ހައްގުގެ ބޭނުންކުރުމުގެ ސަބަބުން މުވައްޒަފު ވަޒީފާއިން ވަކި ކުރެވޭނޭ ގޮތެއް ނެތެވެ. ވަޒީފާއާބެހޭ ގާނޫނުގެ 21 ވަނަ މާއްދާގެ (ށ) ގެ 6 ވަނަ ނަންބަރުގައި އޮތްގޮތުން، މަސައްކަތްކުރާ މީހުންގެ ޖަމްއިއްޔާއެއްގެ މެންބަރަކަށް މުވައްޒަފަކުވުން، ނުވަތަ އެފަދަ ޖަމްއިއްޔާއަކުން ކުރާ ގާނޫނު ހުއްދަކުރާ ހަރަކާތެއްގައި އޭނާ ބައިވެރިވުމަކީ ވަޒީފާއިން ވަކިކުރުން މަނާކުރާ ސަބަބެކެވެ.
މި ހައްގުގެ ބޭނުންކުރުމުގައި އަޅުގަނޑުމެން ޑިމާންޑު ކުރަންވީ ވެސް ކުޑަކުޑަ ކަމަކަށެއް ނޫނެވެ. ރައީސުލްޖުމްހޫރިއްޔާގެ އިސްތިއުފާއަށެވެ. ނާ! މީނާ ލައިގެން މިކަމެއް ވާން ނެތްކަން މި ދޮޅު އަހަރުތެރޭގައި ދިވެހި ރައްޔިތުންނަށް ސާފުވެއްޖެ އެވެ. އިތުރު ތިން އަހަރާ ބައިގެ މުއްދަތަށް ގައުމު ހަލާކުކުރަން މީނާއަށް ދީގެން ތިބެއްޖެނަމަ އަޅުގަނޑުމެންގެ ރާއްޖެއަށް ލިބޭނީ އިއާދަކުރެވޭނޭ ގެއްލުމެއް ނޫނެވެ. ރާއްޖޭގައި ވަޒީފާ އަދާކުރާ ލައްކައެއްހައި މީހުންގެ ތެރެއިން ތިރީހަކަށް އިންސައްތަ މި ކަމުގައި ބައިވެރިވެ ބާރު އަޅާން ފެށުމުން މަސް ދުވަހުގެ ތެރޭގައި ނަތީޖާ ނުފެނި ނުދާނެ އެވެ.
ރައްޔިތުންގެ މާޔޫސްކަމަށް އޮތް ހަމައެކަނި ފަރުވާއަކީ ސޯޝަލް މީޑިއާގައި ޕޯސްޓުކުރުންކަމަށް ހަދައިގެން ތިބެވޭކަށެއް ނެތެވެ. ސިޔާސީ ޕާޓީތަކުން މި ހިޔާލުގައި އެއް ގަލަކަށް އަރަންވީ އެވެ. މިކަމުގެ ޕްލޭން އެކުލަވާލައި، ތަންފީޒު ކުރަން ފަށާނޭ ދުވަހެއް ނިންމައިގެން ފަށައިގަންނަންވީ އެވެ. އެއްވެ އުޅުމާއި މުޒާހަރާ ކުރުމަކީ ކަމެއް ކުރުމެވެ. މަސައްކަތަށް ނުނުކުމެ، ހަޅުތާލު ކުރުމަކީ ކަމެއް ނުކުރުމެވެ. ކަމެއް ނުކޮށް ނަތީޖާއެއް ލިބެންޏާ ކިހައި ރަނގަޅުހެއްޔެވެ.
ދައުލަތުގެ ހުރިހާ ބާރެއް ފެށިގެން އަންނަނީ އަދި ދެމި އޮންނާނީވެސް ރައްޔިތުންގެ ކިބައިގައި ކަމަށް ގާނޫނުއަސާސީގެ 4 ވަނަ މާއްދާގައި ލިޔެފައި އޮތް ވާހަކައަށް ތަންފީޒީ ބާރު ދޭން ތިބީ ރައްޔިތުންނެވެ. ގާނޫނުއަސާސީގެ ދެވަނަ ބާބުގައި ބަޔާންކޮށްފައި ހުރި ހައްގުތަކުގެ ބޭނުންކޮށްގެން، ހަގީގީ ބާރުވެރިންނަކީ ރައްޔިތުންކަން ދެއްކުމަކީ އަޅުގަނޑުމެންގެ މައްޗަށް އޮތް ވާޖިބެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ