މަހިބަދޫގެ މައްޗަށް ކުރި ހޯދާ، ވިކްޓްރީ ލީގުގެ އެއްވަނައަށް

އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި މިރޭ މަހިބަދޫއާ ބައްދަލުކުރި މެޗު 0-2 ލަނޑުގެ ނަތީޖާއަކުން ކާމިޔާބުކޮށް، ލީގުގެ އެއްވަނަ މަގާމަށް ވިކްޓްރީ ޖެހިލައިފިއެވެ.
މި މޮޅާއެކު ވިކްޓްރީ އެއްވަނައިގައި އޮތީ ތިން މެޗުން ލިބުނު 6 ޕޮއިންޓާއެކީގައެވެ. މި މެޗުން ބަލިވި މަހިބަދޫއަށް، ލީގުގައި ތިން މެޗު ކުޅެ ނިމުނުއިރު ވެސް އަދި ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.
މިރޭގެ މެޗުގެ ފުރަތަމަ ހާފްގައި ދެ ޓީމުގެ ފަރާތުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް ދެ ޓީމަށް ވެސް މި ހާފުގައި ވަނީ ލިބިގެން ގޮސްފައެވެ.
މި ހާފުގައި މަހިބަދޫއަށް ލިބުނު ފުރުސަތުތަކުގެ ތެރެއިން އެންމެ ރަނގަޅު ފުރުސަތުތަކެއް ލިބިފައިވަނީ، އެޓީމުގެ ފޯވާޑް އެންޑަސަންއަށެވެ. އެގޮތުން ހުހަށް އޮވެ އޭނާ ކުރިއަށް ފޮނުވާލި ފުރަތަމަ ހަމަލާ ގޯލުގެ ދަޑިކައިރިން ބޭރަށް ދިޔައިރު، ދެވަނަ ހަމަލާ ވިކްޓްރީގެ ކީޕަރު ތޮލާލް ވަނީ ދިފާއުކޮށްފައެވެ.
ވިކްޓްރީއަށް ލިބުނު ފުރުސަތުތަކުގެ ތެރެއިން ވެސްޓް ކުރިއަށް ފޮނުވާލި ބޯޅަ މަހިބަދޫގެ ކީޕަރު އިފާމް ދިފާއުކުރިއިރު، ވިކްޓްރީ ކުޅުންތެރިއެއް ފޮނުވާލި އިތުރު ހަމަލާއެއް ގޯލުގެ ހުރަސް ރޮނގުމަތިން މަހިބަދޫގެ ޑިފެންޑަރުން ވަނީ ދިފާއުކޮށްފައެވެ.
މެޗުގެ ފުރަތަމަ ހާފް ދެ ޓީމުންކުރެ ޓީމަކަަށް ލަނޑެއް ނުޖެހި ނިމުނު ނަމަވެސް، ދެވަނަ ހާފްގެ ކުރީކޮޅު ވިކްޓްރީން ވަނީ މެޗުގެ ލީޑުނަގާފައެވެ. ސަލީމް ދިން ބޯޅައަކުން ވިކްޓަރީއަށް މިލަނޑު ކާމިޔާބުކޮށްދިނީ ބިދޭސީ ފޯވަޑް އޮމޮޑޫ ގޮޑްފްރޭ ވެސްޓްއެވެ.
މި ގޯލަަށްފަހު ވެސް ވެސްޓްއަށް ވަނީ ގޯލްޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެން ގޮސްފައެވެ. ނަމަވެސް މަހިބަދޫގެ ކީޕަރު އިފާމް އަތުން ބޯޅަ ދޫވުމުން ލިބުނު ބޯޅައަކުން ވެސްޓް އުފެއްދި ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަޑިއަށެވެ.
ވިކްޓްރީގެ ދެވަނަ ގޯލް ބަހުޖަތު ދިން ބޯޅައަކުން މެޗުގެ ފަހު މިނެޓްގައި ކާމިޔާބުކޮށްދިނީ، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި މި މެޗުގައި ކުޅެން ނިކުތް އަހުމަދު ޒިޔާންއެވެ.
މިރޭގެ މެޗުގައި މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ، ވިކްޓްރީގެ މުހައްމަދު ތަސްނީމެވެ.
ލީގުގައި މާދަމާ ރޭ ވެސް މެޗެއް ކުޅޭނެއެވެ. މާދަމާ ރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ކްލަބު އީގަލްސް އާއި ކްލަބް ވެލެންސިއާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ