އިމެއްނެތި މަޖާކުރާ ވެރިއަކު ރައްޔިތުން ބޭނުމެއް ނުވޭ - ގާސިމް

ރައްޔިތުން ގޮވައިގެން އިމެއްނެތި މަޖާކުރާ ވެރިއަކު ރައްޔިތުން ބޭނުން ނުވާކަމަށް ވިދާޅުވެ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނަޝީދަށް ފާޑު ވިދާޅުވެއްޖެ އެވެ.
ދ.ހުޅުދެލީ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ގާސިމް ވިދާޅުވީ ބިރެއް ނެތި މަޖާކޮށް އެކަމުގައި ހައްދުފަނަ އަޅައި ދިއުމަކީ މާތްވެގެންވާ އިސްލާމް ދީން ގަބޫލު ކުރާ ކަމެއް ނޫން ކަމަށެވެ.
ގާސިމް ވިދާޅުވީ ހައްދެއް ހުދޫދެއް ނެތި އެއްވެސް ކަމެއް ކުރުމަކީ އެއްވެސް ދީނެއްގައި އަދި އެއްވެސް މުޖުތަމައެއްގައިވެސް ޤަބޫލު ކުރާނެ އުސޫލެއް ނޫންކަމަށާއި ޚާއްސަކޮށް އިސްލާމް ދީނަކީ ހުރިހާކަމެއްގައިވެސް ވަކި އިންތަކަކާއި، އުސޫލުތަކެއް ކަނޑައަޅުއްވާފައިވާ ދީނެއް ކަމަށެވެ.
ރައްޔިތުން ގޮވައިގެން އިމެއްނެތި މަޖާކުރާ ވެރިއަކު ރައްޔިތުން ބޭނުން ނުވާކަމަށް ވިދާޅުވަމުން ގާސިމް ވިދާޅުވީ އިމެއްނެތި މަޖާކުރުމަށް ގޮވާލަނީ ޝައިތާނާ ކަމަށެވެ. މިބިންމަތީގައި އެފަދަ ކަންކަމަށް ގޮވާލާނީ “ޝައިތާނާގެ ބައިވެރިން” އެމަނިކުފާނު ވިދާޅުވިއެވެ.
އިމެއްނެތި މަޖާކުރަމުން ދިޔައީ ސަދޫމު ބާގައިގެ މީހުންކަމަށާއި އެމީހުންނާ މެދުވެސް ކަންތައް ވެގެންދިޔަގޮތް އިންސާނުންނަށް އިބުރަތެއް ކަމަށް ލައްވާފައިވާ ކަން ގާސިމް ފާހަގަކުރެއްވި އެވެ.
ޖުމްހޫރީ ޕާޓީން ބުނީ ދ.އަދި ތ. އަތޮޅަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް ކުރައްވާ ދަތުރުފުޅު ވަރަށް ކާމިޔާބު ކަމަށާއި އެގޮތުން އެރަށްރަށުން އެމަނިކުފާނަށް ހޫނު މަރުހަބާ އެއް ކިޔަމުންދާ ކަމަށެވެ. އަދި އެރަށްރަށުގެ ގިނަ ރައްޔިތުންގެ ގެންދަނީ ޖުމްހޫރީ ޕާޓީއާއި ގުޅެމުން ކަމަށް އެޕާޓީން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ