ހައްޔަރުކުރި 2 މީހެއްގެ ބަންދުގެ މުއްދަތަށް 15 ދުވަސް ކޯޓުން ޖަހައިދީފި

އެމްޑީޕީން މިއަދު ރިޔާސީ އިންތިހާބު ބާއްވާނެ ކަމަށް ހީކޮށް ކެމްޕެއިން ނިންމާލުމުގެ ގޮތުން އިއްޔެ ހަވީރު މާލޭގައި ބޭއްވި ޕެރޭޑް މުޒާހަރާއަކަށް ބަދަލުވެ، ހިނގި ހަމަނުޖެހުންތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށްގެންދިޔަ މީހުންގެ ތެރެއިން 2 މީހެއްގެ ބަންދަށް 15 ދުވަސް ކޯޓުން ޖަހައިދީފި އެވެ.
ފުލުހުން ބުނީ އިއްޔެ އާއި ރޭ އެމްޑީޕީން ކުރި މުޒާހަރާ އާއި ގުޅިގެން 10 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާއިރު 8 މީހަކު ދޫކޮށްލާފައިވާ ކަމަށެވެ. އަދި ދެމީހެއްގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ހާޒިރުކުރުމުން އެދެމީހުންގެ ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
އެމްޑީޕީން މާލޭގައި ބޭއްވި ބޮޑު ހިނގާލުމުގެ ބައިވެރިންވެރިން ވަނީ އޯކިޑްމަގު ސަލްސާ ރެސްޓޯރަންޓް ކައިރިން ސުޕްރީމް ކޯޓާއި ދިމާލަށްދާން މަސައްކަތްކޮށްފައެވެ. އެހެންނަމަވެސް ސަލާމަތީ ބާރުތަކުން ނިކުމެ މުޒާހަރާގެ ބައިވެރިން ހުއްޓުވުމާއި ގުޅިގެން ވަނީ ހަމަނުޖެހުންތައް ހިންގާފައެވެ.
މި ހަމަނުޖެހުންތަކުގައި މީހަކަށް އަނިޔާވެގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދީފައިވެ އެވެ.
އެމްޑީޕީން އިއްޔެ ކުރިއަށްދިޔަ ޕެރޭޑް ހަމަނުޖެހުމަކަށް ބަދަލުވިއިރު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީ އާއި ޑީއާރުޕީގެ އިސް ލީޑާޝިޕްގެ ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ