ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ހދ. ކުޅުދުއްފުށީގައި ވޯޓު ކަރުދާސް ޕްރިންޓު ކުރި މީހުންގެ ޝަރީއަތް ހައިކޯޓުގައި ކުރިޔަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައިފި އެވެ.
މި މައްސަލަ ހައި ކޯޓަށް ނުބެލޭނެ ކަމަށް ކަނޑައެޅީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ބާތިލްކޮށް ސުޕްރީމް ކޯޓުން ކުރި ހުކުމުގައި، އިންތިހާބީ ކުށްތައް ބެލުމުގެ އިހްތިސާސް ހައި ކޯޓަށް ދީފައި އޮތުމަކީ ގާނޫނު އަސާސީން ލިބިދޭ އިސްތިއުނާފުގެ ހައްގު ގެއްލޭ ކަމެއް ކަމަށް ކަނޑައަޅައި އެކަމަކީ ދުސްތޫރީ ހަމަތަކާ ހިލާފު ކަމެއް ކަމަށް ބުނެފައި ވާތީ އެވެ.
އެ މައްސަލައިގައި ދައުލަތުން ދައުވާ ކޮށްފައި ވަނީ ކުޅުދުއްފުށީ މާވިނަ، އަހްމަދު އާތިފާއި އެރަށު ބެނިސަން، އަހުމަދު އަބްދުއްރަހީމްގެ މައްޗަށެވެ.
ހައި ކޯޓުން ކުރި ހުކުމުގައި ބުނީ އިންތިހާބުތަކާ ބެހޭ ޖިނާއީ ކުށްތައް ބެލުމުގެ އިހްތިސާސް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގެ 74 ވަނަ މާއްދާއިން ދީފައި ވަނީ ހައި ކޯޓަށް ކަމަށް ވިޔަސް އެފަދަ މައްސަލަތައް ފުރަތަމަ މަރުހަލާގެ ކޯޓަކުން ބެލުމަކާ ނުލައި ހައި ކޯޓުން ބެލުމަކީ ގާނޫނު އަސާސީގެ 56 ވަނަ މާއްދާގައި ބުނާ އިސްތިއުނާފުކުރުމުގެ ހައްގު ގެއްލޭ ކަމެއް ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައި ބަޔާންކޮށްފައިވާ ކަމަށެވެ.
ހައިކޯޓުގައި ވަނީ އެ ދެ މީހުންގެ ތެރެއިން އާތިފްގެ ޝަރީއަތް މިމަހުގެ ދެވަނަ ދުވަހު ފަށައިފަ އެވެ. އާތިފްގެ މައްޗަށް ދައުލަތުން ދައުވާކޮށްފައި ވަނީ ވޯޓު ކަރުދާސް ހުންނާނެ ގޮތް އިސްތިހާރުކުރަން އުޅުނު ކަމަށް ބުނެ އެވެ.
ހައި ކޯޓުން މިއަދު ކަނޑައެޅީ ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމާ ގުޅިގެން އެ މައްސަލަ ވެސް ފުރަތަމަ ހުށަހަޅަން ޖެހޭނީ ކްރިމިނަލް ކޯޓަށް ކަމަށެވެ.
މި މައްސަލަ ހައި ކޯޓަށް ނުބެލޭނެ ކަމަށް ނިންމާފައި މި ވަނީ މައްސަލާގައި އަޑުއެހުންތައް ވެސް ކުރިއަށް ގެންދިއުމަށް ފަހުގަ އެވެ.
އެހެންކަމުން އާންމު އިންތިޚާބުތަކާ ބެހޭ ގާނޫނުގެ ދަށުން އޭނާގެ މައްޗަށް ކުރާ ދައުވާ އަކީ ވޯޓު ކަރުދާސް ހުންނާނެގޮތް އިޝްތިހާރު ކުރުމުގެ ކުށުގެ ދައުވާ ކަމަށް ވެސް ދައުލަތުގެ ވަކީލާ ވިދާޅުވި އެވެ.
ވޯޓު ކަރުދާސް ޕްރިންޓްކުރި މައްސަލަ ނުބެލޭނެ ކަމަށް ހައި ކޯޓުން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ