ޕީޕީއެމުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ހުކުމް އިއްވުން ފަސްކޮށްފި

ވޯޓާސް ލިސްޓުގައި ހުރި މައްސަލަތައް ހައްލުކުރުމުގެ ފުރުސަތު ހޯދުމަށް ޕީޕީއެމުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ހުކުމް އިއްވުން މިއަދު ތާވަލްކޮށްފައިވަނިކޮށް އަޑުއެހުން ކެންސަލްކޮށްފި އެވެ.
މިއަދު މެންދުރު ފަހު 2 ޖަހާއިރު ޝެޑިއުލްކޮށްފައި އޮތް މައްސަލަ ކެންސަލްކުރީ ކޮން ސަބަބަކާ ހުރެ ކަމެއް ސުޕްރީމް ކޯޓުން ހާމަކޮށްފައެއް ނުވެ އެވެ.
ޕީޕީއެމްއިން މައްސަލަ ހުށަހެޅީ ވޯޓުލާ މީހުންގެ ލިސްޓުގައި މަރުވެފައި ތިބި ގިނަ ބަޔަކާއި 18 އަހަރުން ދަށުގެ ކުޑަކުދިންގެ ނަންތަކާއި ބައެއް މީހުންނަށް ވޯޓުލުމުގެ ފުރުސަތު ދީފައިނުވުމުން އެމައްސަލަ ހައްލުކޮށް އިންތިހާބު ބާއްވާ ދިނުމުގެ އަމުރަކަށް އެދުމަށެވެ.
އަދި އިންތިޚާބުގެ ސައްހަކަށް ގާއިމުކުރުމަށްޓަކައި ވޯޓު ކަރުދާސް ޗާޕްކުރާ މަރުހަލާގަ އާއި އެއްތަނުން އަނެއް ތަނަށް އުފުލުމުގަ އާއި ވޯޓުލައި ނިމިގެން އަނބުރާ އިލެކްޝަންސް ކޮމިޝަނަށް ގެންނަ މަރުހަލާގައި އޮޅުވާލުމެއް އަދި މަކަރާއި ހިލާތެއް ނެތްކަން ކަށަވަރުވާ މިންވަރަށް އިންތިޒާމްތައް ހަމަޖައްސައިދިނުމުގެ ވަގުތީ އަމުރަކަށް ވެސް ޕީޕީއެމުން އެދިފައިވެ އެވެ.
ދެވަނަ ބުރުގެ ވޯޓުލުމުގެ ކުރިން ވޯޓު ލިސްޓަކީ ސައްހަ އެއްޗެއްކަން ކަށަވަރުކުރުމަށްޓަކައި އެ ލިސްޓްތައް ކެންޑިޑޭޓުންނަށް ލިބޭނެ ގޮތް ހަމަޖައްސައި ދިނުމާއި ކެންޑިޑޭޓުންގެ ސޮޔާއި އިނގިލީގެ ނިޝާން ޖެހުމާއި އަދި ވޯޓު ފޮށިތައް ކައިރީގައި އެ ލިސްޓް ނޫން އެހެން ލިސްޓެއް ނުގެންގުޅުމަށް އިލެކްޝަންސް ކޮމިޝަނަށް އަންގައިދިނުމަށް ވެސް ޕީޕީއެމްއިން އެދިފައިވެ އެވެ.
ޕީޕީއެމުން ބުނީ ދެވަނަ ބުރުގެ ވޯޓުލުން ހަތަރު ހަފުތާގެ މުއްދަތަށް ނުވަތަ އެއް މަސް ދުވަހަށް ފަސްކުރަން އެދުނު ނަމަވެސް މައްސަލަތައް 15 ދުވަސްތެރޭގައި ހައްލު ގެނެސްގެން ވިޔަސް އިންތިހާބު ބޭއްވި ނަމަވެސް މައްސަލައެއް ނެތް ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ބާތިލްކުރުމަށް ޖުމްހޫރީ ޕާޓީން އެދުނު ގޮތަށް ސުޕްރީމް ކޯޓުން ރޭ އިންތިހާބު ބާތިލްކޮށްފައި ވާއިރު ސުޕްރީމް ކޯޓުން އިއްވި ހުކުމުގައި ބުނެފައި ވަނީ މި މަހުގެ 20 ވަނަ ދުވަހުގެ ކުރިން ފުރަތަމަ ބުރެއް ބާއްވައި އަދި ދެ ވަނަ ބުރެއް ބާއްވަންޖެހިއްޖެ ހާލަތެއްގައި ނޮވެމްބަރު 3ގެ ކުރިން އިންތިހާބުގެ ކަންކަން ނިންމަންޖެހޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ