ވަގު ކާޑުތަކުން ބޮޑެތި ވައްކަންތަކެއް ކުރި ބަޔަކު ހައްޔަރުކޮށްފި

އާންމުކޮށް ވެސް އޭނާ އަކީ ބޭރަށް ގޮސް އުޅޭ މީހެކެވެ. އެކަމަކު ސެޕްޓެމްބަރު 20 ވަނަ ދުވަހު އޭނާ އިންޑިއާ އިން އައިސް އިބްރާހިމް ނާސިރު ބައިނަލްއަގުވާމީ އެއާޕޯޓަށް ފޭބި އިރު އޭނާ އަށް މަރުހަބާކީ ރައްޓެހި ރަހުމަތްތެރިންނެއް ނޫނެވެ؛ މއ. ކަނޑޫގޭ އަލީ އަހުމަދު އެއާޕޯޓުން ދާން ޖެހުނީ ސީދާ ފުލުހުންގެ ބެލުމުގެ ދަށަށެވެ. ދިވެހި ފުލުހުން ރާއްޖޭގައި ޚާއްސަ އޮޕަރޭޝަނެއް ހިންގި އިރު ސްރީ ލަންކާގައި ލަންކާ ފުލުހުންނާއި ދިވެހި ފުލުހުން ގެންދިޔައީ ހަމަ އެފަދަ އޮޕަރޭޝަނެއްގައި ބައިވެރިވަމުންނެވެ. އެގޮތުން ސެޕްޓެމްބަރު 27 ވަނަ ދުވަހު އެމީހުންގެ އަމާޒަކަށް ހެދީ ލަންކާގެ ކެސިނޯއެއް ކަމަށްވާ ބެލީ އެވެ. އެތަނަށް ވަދެ ހައްޔަރުކުރީ ސ. މަރަދޫ ނަރުގިސްމާގޭ އަބްދު ޣަނީ އަބްދުލް މަޖީދާއި މއ. ނާރެސް ތޯރިގު ޖަމީލެވެ. ޑެބިޓް ކާޑާއި ކްރެޑިޓް ކާޑު އަމިއްލަ އަށް ހަދައިގެން ބޮޑެތި ވައްކަންތަކެއް ކުރި ފަސް ދިވެއްސަކު ހައްޔަރުކުރުމުގެ މައްސަލައާ ބެހޭ ގޮތުން ންސްޕެކްޓަރު މުހައްމަދު ރިޔާޒް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ. މި ތިން މީހުންގެ އިތުރުން އެހެން ދެ ދިވެއްސަކު ވެސް ހިމެނޭ ގްރޫޕެއް ފުލުހުން ހައްޔަރުކުރީ ކުޑަ މައްސަލައެއްގައެއް ނޫނެވެ. ބޭންކްތަކުގެ ކަސްޓަމަރުން ބިރުގަންނާނެ ފަދަ ބޮޑެތި ވައްކަންތަކެއްގަ އެވެ. ފުލުހުން ބުނާ ގޮތުގައި މި މީހުން ވަނީ ބޭންކް އޮފް މޯލްޑިވްސް އާއި ރާއްޖޭގައި ހިންގާ ބޭރުގެ ބައެއް ބޭންކްތަކުގެ ބައެއް ކަސްޓަމަރުންގެ ނަމުގައި ވަގު ކްރެޑިޓް އަދި ޑެބިޓް ކާޑު ހައްދައިގެން އެތައް ލައްކަ ރުފިޔާއެއް ރާއްޖޭގެ އޭޓީއެމްތަކުން ނެގުމުގެ އިތުރުން އަގުބޮޑު ބައެއް ސާމާނު ވެސް ގަނެފަ އެވެ. ރާއްޖޭގެ އޭޓީއެމްތަކުން ނެގި ފައިސާގެ އަދަދު 700،000ރ އަށް އަރާ ކަމަށް ފުލުހުން ބުނެ އެވެ. މި ވަގާއި މަކަރުވެރިކަމުގައި އުމުރުން 28 އަހަރުގެ އަހުމަދާއި 30 އަހަރުގެ ތޯރިގާއި 30 އަހަރުގެ މަޖީދުގެ އިތުރުން އަހުމަދުގެ ކޮއްކޮ 22 އަހަރުގެ އަބްދުﷲ އަކުރަމާއި މ. ޓްރެންކްލިޓީ ނަދީމް މަސްއޫދު، ،32 ވެސް ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. ޑެބިޓް ކާޑާއި ކްރެޑިޓް ކާޑު އަމިއްލަ އަށް ހަދައިގެން ބޮޑެތި ވައްކަންތަކެއް ކޮށްގެން ހައްޔަރު ކުރި ބައެއް މީހުންގެ އަތުން އަތުލި އެއްޗިހި. އިސްކަންދަރު ކޮށީގައި ބުރާސްފަތިދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ފްރޯޑް އެންޑް ފައިނޭންސް ކްރައިމް ޔުނިޓްގެ ހެޑް، އިންސްޕެކްޓަރު މުހައްމަދު ރިޔާޒު ވިދާޅުވީ ވަގު ކާޑެއްކަން ނޭނގޭ ފެންވަރަށް އެމީހުން ތައްޔާރުކޮށްފައިވާ ކާޑުތަކުން ވަގު ވިޔަފާރިކުރަމުން އަންނަތާ ހައެއްކަ މަސްދުވަސް ވެދާނެ ކަމަށެވެ. އެގޮތުން ބީއެމްއެލްގެ 50 އަށް ވުރެ ގިނަ ކަސްޓަމަރުންގެ މައުލޫމާތު ހޯދައިގެން ވަގު ކާޑު ހައްދާފައިވެ އެވެ. "އެ މީހުންގެ އަތުގައި ގާބިލްކަން ހުރި ކޮންމެ ކާޑެއް ވެސް ހައްދާލެވޭ ވަރަށް. އަދި މެގްނެޓިކް ސްޓްރިޕް ހުރި ކޮންމެ ކާޑަކަށް ކަސްޓަމަރުންގެ މައުލޫމާތު އަޅައިގެން ކްރެޑިޓް ނުވަތަ ޑެބިޓް ކާޑަކަށް ވަގުތުން ބަދަލުކޮށްލެވޭނެ ގާބިލްކަން ވެސް އެމީހުން އަތުގައި ހުރި،" ވަގު ކާޑުތައް ނޫސްވެރިންނަށް ދައްކާލަމުން ރިޔާޒު ވިދާޅުވި އެވެ. ފުލުހުން ތުހުމަތުކުރާ ގޮތުގައި މި ގްރޫޕާ ބޭރުގެ ބަޔަކު ވެސް ގުޅިފައިވެ އެވެ. އެކަމަކު އެ ގުޅުމާ ބެހޭ މައުލޫމާތުތަކެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ. ޖުއާ ކުޅޭ ތަނުން ހައްޔަރުކުރި ޣަނީ އާއި ތޯރިގު އަތުން ގިނަ އަދަދެއްގެ ފައިސާ ފެނިފައިވެ އެވެ. އެގޮތުން ޣަނީ އަތުގައި 4845 ރ. އާއި 250،090 ރުޕީސް އަދި 5،128 އެމެރިކާ ޑޮލަރު ހުރި ކަމަށް ރިޔާޒު ވިދާޅުވި އެވެ. ތޯރިގު އަތުގައި 31،580 ރުޕީސް އާއި 500 ޑޮލަރު ހުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ވަގު ކާޑުތައް ބޭނުންކޮށްގެން ގްރޫޕުން ގަނެފައިވާ އެއްޗެހީގެ ތެރޭގައި ބޮޑެތި ފްލެޓް ސްކްރީން ޓީވީ އާއި އައިޕެޑާއި އަގު ބޮޑެތި ފޯނުތައް ވެސް ހިމެނެ އެވެ. ފުލުހުން ތުހުމަތުކުރާ ގޮތުގައި ރާއްޖޭގެ އޭޓީއެމްތަކުން ފައިސާ ނެގުމުގެ އިތުރުން ބޭރު ގައުމުތަކުގައި ވެސް އެ ކާޑުތައް ބޭނުންކޮށްގެން ފައިސާ ނަގައި، އަދި ވިޔަފާރިކޮށްފައިވެދާނެ އެވެ. މި މައްސަލައިގައި ހައްޔަރުކުރި މީހުން އަތުގައި ހުރި ކްރެޑިޓް ކާޑާއި ޑެބިޓް ކާޑު ހަދާ މެޝިންތަކާއި ސާމާނު ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. ބީއެމްއެލްގެ އިތުރުން އެޗްއެސްބީސީގެ މާސްޓާ ކާޑާއި އެމެރިކަން އެކްސްޕްރެސް ކާޑާއި ބޭރުގެ އެހެން ގައުމުތަކުގެ ކާޑުތައް ވެސް ހުއްޓެވެ. ރިޔާޒު ވިދާޅުވި ގޮތުގައި އެމީހުން ގެންގުޅުނު ބައެއް ކާޑުތަކުގެ މޫނުމަތި ހުރީ ބައެއް ތަންތަނުގެ މެމްބަޝިޕް ކާޑު ގޮތަށެވެ. އެހެންކަމުން އެ ކާޑުތަކަށް ބެލުމުން އެއީ ކްރެޑިޓް އަދި ޑެބިޓް ކާޑު ކަމެއް ނޭނގެ އެވެ. އެގޮތުން ތޯރިގުގެ ހިއްސާ އޮތް، ފިލްމު ޑައުންލޯޑްކޮށް ވިއްކާ ފިހާރައެއް ކަމަށްވާ ކްލަބް އިންފިނިޓީގެ މެމްބާޝިޕް ކާޑުގެ ގޮތުގައި ވެސް ޑެބިޓް ކާޑާއި ކްރެޑިޓް ކާޑު ހައްދާފައިވެ އެވެ. ލަންކާ އިން ހައްޔަރުކުރި ދެ މީހުންގެ އަތުގައި ބެލީ ކެސިނޯގެ ވީއައިޕީ ކާޑު ވެސް އޮތް ކަމަށް ރިޔާޒު ވިދާޅުވި އެވެ. ކްރެޑިޓް އަދި ޑެބިޓް ކާޑުގެ މި ބޮޑު ހީލަތުގައި މި ގްރޫޕުން ބޭނުންކޮށްފައި ވަނީ ހަމައެކަނި ރާއްޖޭގައި ހުރި ބޭންކްތަކުގެ ކަސްޓަމަރުންގެ މައުލޫމާތުތަކެއް ނޫނެވެ. އޭގެ އިތުރުން ނިއު ޒިލެންޑާއި ކެނެޑާ އާއި އޮސްޓްރޭލިއާ އާއި ޗައިނާ އަދި ފްރާންސްގެ ބޭންކްތަކުގެ ކަސްޓަމަރުންގެ މައުލޫމާތު ވެސް ކާޑުތަކުގައި ހިމަނާފައިވެ އެވެ. ރިިޔާޒު ވިދާޅުވި ގޮތުގައި އެމީހުންގެ އަތުން ފެނުނު ގިނަ ކާޑުތައް ހަދާފައި ވަނީ އެމީހުން އަމިއްލަ އަށެވެ. އެގޮތުން އެމީހުންގެ އަނބިންގެ ނަމުގައި ވެސް ކާޑުތައް ހަދާފައި ހުރި ކަމަށް ރިޔާޒު ވިދާޅުވި އެވެ. އެކަމަކު އޭނާ ވިދާޅުވީ ހަގީގަތުގައި އެކާޑުތަކުގައި ހުންނާނީ އެހެން މީހުންގެ އެކައުންޓް ނަންބަރާއި މައުލޫމާތުތައް ކަމަށެވެ. އެހެންކަމުން ގޮތް ނޭނގޭ ގޮތަށް އެކައުންޓުން ފައިސާ މަދުވެފައިވާ ނަމަ އެކަން ބެލުމަށް ފުލުހުން ވަނީ އާންމުންގެ ކިބައިން އެދިފަ އެވެ. ފުލުހުން ހޯދި އެއްޗެހިތަކުގެ ތެރޭގައި ކާޑުގެ މައުލޫމާތުތައް ވަގަށް ދަމައިގަންނަން ބޭނުންކުރާ ބައެއް އާލާތްތައް ވެސް ހުއްޓެވެ. އެ އެއްޗެހި ބޭނުންކޮށްގެން ކާޑެއްގެ މައުލޫމާތު ވަރަށް ފަސޭހައިން ދަމައިގަނެވޭނެ ކަމަށް ފުލުހުން ބުނެ އެވެ. "މި ތަކެތީގައި ކާޑު ކަހާލުމުން ކަސްޓަމަރުގެ މައުލޫމާތު ދަމައިގަނެ، ބޭނުން ގޮތަކަށް ބަދަލުކޮށްލެވޭނެ. އެހެންވީމާ އަޅުގަނޑުމެން އިލްތިމާސް ކުރަން، ކާޑުގެ ޕިން ނަންބަރު ވެސް އެއްވެސް ފަރާތަކަށް ނުދޭން. އަދި ވިޔަފާރި ކުރާއިރު ވެސް ކާޑުން ނާޖާއިޒު ބޭނުމެއް އެހެން މީހަކަށް ކުރާނެ ފުރުސަތު ނުދޭނެ ގޮތަށް ކާޑަށް ބެލުމަށް،" ރިޔާޒު ވިދާޅުވި އެވެ. މި ބޮޑު ވައްކަމުގެ ތަހުގީގު ފުލުހުން އަންނަނީ ވަރަށް ފުޅާ ދާއިރާއެއްގައި ހިންގަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ