އެހެން ޕާޓީތަކުންވާ ވައުދު ސާބިތުކޮށްދެވޭނެ ހެއްކެއް ނުދެއްކޭ - މައުމޫން

ޕީޕީއެމް ފިޔަވައި ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާފައިވާ ޕާޓީތަކުންވާ ވައުދު ސާބިތުކޮށްދެވޭނެ ހެއްކެއް ނުދެއްކޭ ކަމަށް އެޕާޓީގެ ރައީސް އަދި ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ އިގްތިސާދީ މެނިފެސްޓޯ އިއުލާންކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ކޮންމެ ކެންޑިޑޭޓަކުވެސް މިހާރު ވައުދުތައް ވަމުންދާއިރު އެ ވައުދުތަކާއި ޕީޕީއެމް އިން ވާ ވައުދުތަކާއި ވަރަށް ބޮޑު ތަފާތެއް އެބަވާ ކަމަށެވެ.
"އެ ތަފާތަކީ އެހެން ޕާޓީތަކުން އެ ވިދާޅުވަނީ އެވެނި ކަމެއް ކޮށްދޭނަމޭ، މިވެނި ކަމެއް ކޮށްދެއްވާނަމޭ، ވަރަށް ގިނަ ކަންތައްތަކުގެ ވާހަކަ ވިދާޅުވޭ، އެހެންނަމަވެސް އެކަންތައްތައް ކޮށްދެއްވުމަށް ކުރައްވާނެ ކަމެއް، ފައިސާ ހޯއްދަވާނެ ގޮތެއް ވިދާޅެއް ނުވޭ، އެހެންނަމަވެސް އަޅުގަނޑުމެންގެ ޕާޓީން މި ބުނަނީ މިވެނި ކަމެއް އިރާދަކުރެއްވިއްޔާ ކުރާނަމޭ، އެކަން ކުރާނީ މިވެނި ގޮތަކަށޭ، އެކަމަށް ފައިސާ ހޯދާނީ މިވެނި ގޮތަކަށޭ،" މައުމޫން ވިދާޅުވި އެވެ.
"އަޅުގަނޑުމެންނާއި އެހެން ޕާޓީތަކާއި ހުރި ތަފާތަކީ އަޅުގަނޑުމެން މިވާ ވައުދު ހަގީގަތަކަށް ހެދޭނެ ސަބަބު އަޅުގަނޑުމެން ރައްޔިތުންނަށް ދައްކަމުން މިގެންދަނީ، އެހެން ޕާޓީތަކުން ވެވަޑައިގަންނަވާ ވައުދު ރައްޔިތުންނަށް ހާސިލްކޮށްދެވޭނެ ކަމުގެ ސާބިތު ހެއްކެއް އެބޭފުޅުންނަކަށް ނުދެއްކެވޭ." މައުމޫން އިތުރަށް ވިދާޅުވި އެވެ.
ރައީސް މައުމޫން އިތުރަށް ވިދާޅުވީ ރާއްޖޭގެ ރިޔާސަތަށް ބޭފުޅަކު އިންތިހާބު ކުރާއިރު އެބޭފުޅަކަކީ ކޮން ފެންވަރެއްގެ ކޮން ގާބިލިއްޔަތުކަމަކާއި ތަޖުރިބާ ހުރި ކޮންކަހަލަ އިލްމީ އޮއްޓަރެއް ހުރި ބޭފުޅެއްތޯ ބަލަން ޖެހޭ ކަމަށާއި އަދި އެބޭފުޅެއްގެ ހިދުމަތުގެ ރިކޯޑު ވެސް ބައްލަވަން ޖެހޭ ކަމަށެވެ.
މީގެއިތުރުން އެބޭފުޅަކު ރައްޔިތުންނަށް ވާ ވައުދުތައް ފުއްދައިދެވޭނެތޯ ވެސް ބަލަން ޖެހޭނެ ކަމަށާއި އިގްތިސާދީ މެނިފެސްޓޯ ކާމިޔާބު ކަމާއިއެކު ކުރިއަށް ގެންދެވޭނީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ. އަދި ޔާމީންގެ ރަނިންމޭޓު ޑރ.މުހައްމަދު ޖަމީލަކީ ވެސް ގާބިލް ބޭފުޅެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އެމަނިކުފާނަކީ އިގްތިސާދީ ގޮތުން މަތީ ތައުލީމް ހާސިލްކުރައްވާފައި ހުންނެވި ބޭފުޅެއް، ސަރުކާރުގެ އެންމެ މުހިންމު ދާއިރާތަކުގައި މަސައްކަތްކުރައްވާފައިވާ ބޭފުޅެއް، އަދި ކާމިޔާބު ރިކޯޑެއް އޮތް ބޭފުޅެއް، ދެން ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ ތެރޭގައި މިވަރުގެ އިގްތިސާދީ ހުނަރުވެރިކަމެއް، ގާބިލިއްޔަތު ކަމެއް ނެތް ކަމީ އަޅުގަނޑުމެން އެންމެންނަށް ވަރަށް ރަނގަޅަށް އެނގޭ ކަމެއް." މައުމޫން ވިދާޅުވި އެވެ.
އިގްތިސާދީ މެނިފެސްޓޯ އާއި ބެހޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ރާއްޖޭގައި ހުރި ޖަޒީރާތަކާއި، ފަޅުތަކާއި ބިންތަކާއި ރީތިކަމެއް އިގްތިސާދީ ފައިދާއަށްޓަކައި ބޭނުންކުރެވިދާނެ ކަމަށާއި ރާއްޖޭގައި ކަމާއި ބެހޭ ގާނޫނުތަކެއް ތައާރަފްކޮށްގެން ޒޯންތަކެއް އުފައްދާ އެ ޒޯންތަކުގައި ތަފާތު ފެންވަރުގެ ފައިދާ ލިބޭ ކަހަލަ ވިޔަފާރިތައް ހިންގިދާނެ ކަމަށެވެ.
އަދި އޭގެ ސަބަބުން ދިވެހި ރައްޔިތުންގެ އެތައް އާއިލާއަކަށް ފުދުންތެރިކަން އިތުރުވެގެން ދާނެ ކަމަށާއި ރާއްޖޭގައި ހުރި ބޮޑެތި ބިންތަކުގެ ބޭނުން ކުރެވޭނެ ކަމަށާއި ރިޒޯޓުތަކާއި އެއާޕޯޓުތައް ބައިނަލްއަގުވާމީ ފެންވަރަށް ތަރައްގީ ކޮށްގެން ވިޔަފާރީގެ ހަބްތަކެއްގެ ގޮތުގައި ހެދޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"ހަމައެހެންމެ ރާއްޖޭގެ ކަނޑުން ތެޔޮ ފެނޭތޯ ބަލައި، ތެޔޮ ނޫނިއްޔާ ގޭސް ނަމަވެސް ހޯދައިގެން ރާއްޖޭގެ މުއްސަނދިކަން އެތައް ގުނައަކަށް އިތުރުވެގެންދާނެ،" ރައީސް މައުމޫން ވިދާޅުވި އެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ ޕީޕީއެމް ސަރުކާރެއްގައި އެއްވެސް ގޮތަކަށް ޕާޓީގެ ނުވަތަ ފިކުރުގެ ތަފާތަކަށް އަޅައި ނުލާނެ ކަމަށާއި ހުރިހާ ފަރާތްތަކަކަށް ވެސް ހަމަހަމަ ފުރުސަތުތަކެއް ލިބިގެންވާ ބައެއްގެ ގޮތުގައި އަމަލުކުރާނެ ކަމަށެވެ.
މިރޭގެ ޖަލްސާގައި މަޝްހޫރު މިއުޒިކް ބޭންޑް "ސްކޯސް އޮފް ފްލެއާ" އާއި މަޝްހޫރު ލަވަ ކިޔުންތެރިޔާ އައްމަޑޭ އާއި ގިނަ އަދަދެއްގެ ޒުވާނުންތަކެއް ޕީޕީއެމްއަށް ސޮއިކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ