ޑީއާރްޕީއަށް އަދިވެސް ފުރުސަތު އޮންނާނެ - އިއްތިހާދު

ޖީއެމްއާރާއި ދެކޮޅަށް ގުޅިފައިވާ ޕާޓީތަކުން ހިންގާ ހަރަކާތްތަކުގައި ބައިވެރިވުމަށް އަދިވެސް ޑީއާރުޕީއަށް ދައުވަތު ދޭކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބުނެފިއެވެ.
މިއަދު ސްޓެލްކޯ މާލަމުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގުޅިފައިވާ ޕާޓީތަކުން ހިންގާ ހަރަކާތްތަކުގައި ޑީއާރުޕީ ބައިވެރިނުވާ މައްސަލައާއި ގުޅިގެން ނޫސްވެރިން ދެންނެވި ސުވާލުތަކަށް ޖަވާބު ދެއްވަމުން، ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބުނީ މިއަދު ބޭއްވި ބައްދަލުވުމަށްވެސް ޑީއާރުޕީއަށް ދަޢުވަތުދިން ކަމަށެވެ.
ޖީއެމްއާރާއި ދެކޮޅަށް ގުޅިފައިވާ ޕާޓީތަކުން ފަށާ ޤައުމީ މަަސައްކަތުގައި ބައިވެރިވުމުގެ ފުރުސަތު ޑީއާރުޕީއަށް އޮންނާނެކަމަށާއި ރަސްމީކޮށް މިހަރަކާތްތަކުގައި ޑީއާރްޕީ ބައިވެރިނުވަނީ ކީއްވެގެންކަން ސާފްނުވާކަމަށް ވެސް އެފަރާތްތަކުން ވަނީ ބުނެފައެވެ.
މިހަރަކާތްތަކަކީ އެއްވެސް އަމާޒެއް މިސްރާބެއްނެތި ހިންގާ ހަރަކާތްތަކެއް ކަމަށް ބުނެ މިހަރަކާތުގައި ޑީއާރުޕީން ބައިވެރިނުވުމަކީ ޤަބޫލްކުރެވޭނެކަމެއް ނޫންކަމަށް ވެސް ބައެއް ސިޔާސީ ޕާޓީތަކުން ވަނީ ބުނެފައެވެ.
މިމައްސަލައާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބުދުﷲ ވިދާޅުވީ، މިފަދަ ޤައުމީ މަަސައްކަތަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ނިކުންނައިރު ޤައުމުގައި އިތުރު ބައިބައިވުން އުފެދޭނެފަދަ އެއްވެސް ފުރުސަތެއް ދޭން ބޭނުން ނުވާ ކަމަށާއި ޑީއާރުޕީއަށް ފެންނަކަމުގައިވާނަމަ މިހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
މިހަރަކާތުގައި ޑީއާރުޕީން ބައިވެރިނުވާ މައްސަލާގައި ނޫސްވެރިން ދެންނެވި ސުވާލްތަކަށް ޖަވާބު ދެއްވަމުން ޖުމްހޫރީ ޕާޓީގެ ކައުންސިިލް މެންބަރ ފުއާދު ޤާސިމް ވިދާޅުވީ، މިހަރަކާތުގައި ޑީއާރުޕީން ރަސްމީކޮށް ބައިވެރި ނުވިނަމަވެސް ޑީއާރުޕީން މިމަސައްކަތާއި ދެކޮޅުކަމަށް ޤަބޫލްނުކުރާ ކަމަށެވެ.
އަނެއްކޮޅުން، ޖީއެމްއާރުގެ މައްސަލާގައި ސަރުކާރުން ނިންމާ ކޮންމެ ނިންމުމަކަށްވެސް އިހްތިރާމް ކުރާނެކަމަށް ޑީއާރުޕީން ވަނީ ބުނެފައެވެ. ޑީއާރްޕީން ވީނިއުސްއަށް ބުނެފައިވަނީ މިއަދުގެ ޕްރެސްއަށް ޑީއާރްޕީއަށް ދައުވަތު ލިބުނީ ވަރަށް ލަހުން ކަމަށާއި އެހެންވެ ބައިވެރި ނުވެވުނީ ކަމަށެވެ. އަދި އިއްތިހާދުން ނިންމާ ކޮންމެ ނިންމުމަކަށް އިހުތިރާމް ކުރާނެ ކަމަށް ވެސް ޑީއާރްޕީން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ