އަބްދުﷲ ގާޒީގެ ސުލޫކީ މައްސަލައާ ގުޅޭ ހުރިހާ ލިޔެކިއުންތައް ސިވިލް ކޯޓަށް ހުށަހަޅަން އަންގައިފި

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދުގެ ސުލޫކީ މައްސަލައެއް ސާބިތުވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމި އިރު ރިއާޔަތްކުރި ހުރިހާ ލިޔުންތަކެއް ކޯޓަށްހުށަހެޅުމަށް ސިވިލް ކޯޓުން ޖޭއެސްސީ އަށް އަންގައިފި އެވެ.
އެ މައްސަލައިގެ މިއަދުގެ ޝަރީއަތުގެ މަޖިލީހުގެ ރިޔާސަތުގައި އިންނެވި ގާޒީ މަރިޔަމް ނިހާޔަތު ވަނީ އަބްދުﷲ ގާޒީގެ ސުލޫކީ މައްސަލައާ ބެހޭ ހުރިހާ ލިޔެކިޔުންތަކެއް އަންނަ ބުރާސްފަތި ދުވަހުގެ 12:00ގެ ކުރިން އެ ކޯޓަށް ހުށަހެޅުމަށް ޖޭއެސްސީ އަށް އަންގައިފަ އެވެ. އޭގެ ތެރޭގައި މައްސަލަ ނިންމުމުގައި ރިއާޔަތްކޮށްފައިވާ ވީޑިއޯ ރެކޯޑިން ހުށަހެޅުމަށް ވެސް އަންގައިފައިވެ އެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ޖޭއެސްސީގެ ވަކީލު އަބްދުލް ފައްތާހު ވިދާޅުވީ އެ ސުލޫކީ މައްސަލައަކީ ސާބިތު ނުވާ މައްސަލައެއް ކަމަށް އަބްދުﷲ ގާޒީގެ ފަރާތްޕުޅުން ފާހަގަ ކުރެއްވި ނަމަވެސް ގާނޫނު އަސާސީ ބުނާ ގޮތުން ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް ސާބިތު ވާނީ ޖޭއެސްސީ އިން ފާސްކުރުމުން ކަމަށެވެ. އެހެންކަމުން އަބްދުﷲ ގާޒީގެ ސުލޫކީ މައްސަލައެއްވާ ކަމަށް ފުރިހަމަ ތަހުގީގެއްކޮށް، މެންބަރުންގެ ޣައުލަބިއްޔަތުން ފާސްކުރައްވާފައި ވާތީ އެ ނިންމުމަކީ ސައްޚަ ނިންމުމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނަމަވެސް އަބްދުﷲ ގާޒީގެ ވަކީލު ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާ ވިދާޅުވީ އަބްދުﷲ ގާޒީގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވާ ކަމަށް ޖޭއެސްސީ އިން ނިންމުން އެއީ ސުލޫކީ މައްސަލައެއް ސާބިތުވީ ކަމަށް، ބެލުމަކީ ޝަރުއީ އުސޫލެއް ނޫން ކަމަށެވެ.
އަދި އޭނާ ވިދާޅުވީ އަބްދުﷲ ގާޒީ ދިޓީވީ އަށް ދެއްވި ކަމަށް ބުނާ އިންޓަވިއު އަބްދުﷲ ގާޒީގެ ހާޒިރުގައި އިއްވި އިރު އޭނާ ވިދާޅުވި ކަމަށް ޖޭއެސްސީ އިން ބުނާ "ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދާއި ކެބިނެޓުން މިހާރު ކުރަމުންދާ ކަންތައްތަކަކީ ސަރުކާރެއް ނޭވާ ހޮޅިއަށް އެޅިގެން އުޅޭއިރު ކުރައްވާނެކަންތައްތަކެއް ކަމަށް" އެ ވީޑިއޯ ޓޭޕުން އެނގެން ނެތް ކަމަށެވެ. އެހެންކަމުން ވުޖޫދުގައި ނެތް ކަމެއް ސާބިތުކުރާނީ ކިހިނެއްތޯ ވެސް ރިޒާ ސުވާލު އުފެއްދެވި އެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން ގާޒީ މަރިޔަމް ނިހާޔަތު ވިދާޅުވީ އެ މައްސަލައިގައި ޖޭއެސްސީ އިން ހުށަހަޅަން ޖެހޭ ލިޔުންތައް ހުށަހެޅުމުން އެ މައްސަލައިގެ އެންމެ ފަހުގެ އަޑުއެހުމަށް ފަހުން ތާވަލް ކުރައްވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ