ކާނަލް ނާޒިމްގެ މައްސަލަ އަންނަ ހަފްތާގައި ސުޕްރީމް ކޯޓަށް ހުށަހަޅަނީ

ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް (ރޓޑ) މުހައްމަދު ނާޒިމްގެ ގެއިން ހަތިޔާރު ފެނުނު މައްސަލައިގައި އޭނާ 11 އަހަރަށް ޖަލަށް ލުމަށް ކޮށްފައިވާ ޙުކުމް އަންނަ ހަފްތާގައި ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށް ތައްޔާރުވަމުންދާ ކަމަށް ނާޒިމްގެ ވަކީލުން ވިދާޅުވެއްޖެއެވެ.
ނާޒިމް 11 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިދިޔަ އަހަރު ކުރި ޙުކުމަށް ހައި ކޯޓުން ވެސް ވަނީ ތާއިދު ކޮށްފައެވެ.
ނާޒިމްގެ ވަކީލުން ވިދާޅުވީ ނާޒިމް ޖަލަށް ލުމަށް ކޮށްފައިވާ ޙުކުމްގެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުން ލަސްވީ މައްސަލަ ނިންމި ގޮތުގެ ރިޕޯޓް ހައިކޯޓުން ނުލިބިގެންނެވެ. ނަމަވެސް މިހާރު އެރިޕޯޓް ލިބިފައިވާ ކަމަށް ވަކީލުން ވިދާޅުވިއެވެ.
ޑިފެންސް މިނިސްޓަރުގެ މަގާމުގައި ހުންނަވަނިކޮށް ނާޒިމްގެ އެޕާޓްމެންޓަށް ވަދެ ފިސްތޯލައެއް ފުލުހުން ހޯދާފައި ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ 18 ގަ އެވެ. އަދި އެ މައްސަލައާ ގުޅިގެން ނާޒިމް ހައްޔަރުކޮށްފައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ 10 ވަނަ ދުވަހު އެވެ. ނާޒިމް 11 އަހަރުގެ ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވަނީ މިދިޔަ އަހަރުގެ މާޗް 27 ވަނަ ދުވަހު އެވެ. ކްރިމިނަލް ކޯޓުގެ ޙުކުމަށް ހައިކޯޓުން ތާއިދު ކުރީ މިދިޔަ މާޗް މަހުގެ 15 ވަނަ ދުވަހުއެވެ.
ނާޒިމް ޖަލަށް ލުމަށް ކުރި ޙުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ތައްޔާރުވަމުން ދާއިރު އޭނާ މިހާރު ހުންނެވީ ބޭސްފަރުވާ އަކަށް ސިންގަޕޫރުގައެވެ. ނާޒިމް އެނބުރި ރާއްޖެ ވަޑައިގަންނަވަން ކަރެކްޝަނަލް ސާވިސް އިން އަންގަވާފައި ވީނަމަވެސް ނާޒިމް ވަނީ ބޭސްފަރުވާ ނުނިމެނީސް ވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ